އޭނާއަކީ ވައްކަން ކުރާނެ މީހެއް ނޫންކަން އެމްޑީޕީގެ މެންބަރުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ، މުސާރައިގެ އިތުރުން އެއްވެސް ފައިސާއެއްގައި ޖެހިފައި ނުވާނެ ކަމަށާއި ފިނޭންސް މިނިސްޓްރީން އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ، ނާޒާއިޒު ފައިދާއެއް ހޯދުމަކީ އޭނާ އެއްވެސް ވަރަކަށް ޝައުގުވެރިވާ ކަމެއް ނޫން ކަމަށާއި ވައްކަން ނުކުރާނެކަން އެމްޑީޕީގެ މެންބަރުންނަށް އެނގޭނެ ކަމަށެވެ.

"އެމްޑީޕީގެ އަޅުގަނޑު ދަންނަ އަޅުގަނޑުގެ ޕާޓީގެ ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެ އަމީރު ވައްކަމެއް ނުކުރާނެކަން. އަޅުގަނޑުގެ އެއްވެސް ޝައުގެއް ނެތް ކޮރަޕްޝަންގެ ތުހުމަތުގައި، ނުވަތަ ވައްކަމެއްކޮށްގެން އަޅުގަނޑުގެ އަމިއްލަ މުއްސަނދިކަމެއް ހޯދުމަށް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވެފައިވާ އިރު، ރެއިންބޯ ގްރޫޕުން މިނިސްޓަރު އަމީރަށް ފްލެޓެއް ހަދިޔާކުރިކަމަށް މިދޭތެރެއިން އަޑުފެތުރުނެވެ. ނަމަވެސް މިނިސްޓަރު އަމީރު މިރޭ ވަނީ އެކަން ދޮގުކުރައްވައިފައެވެ. އަދި އެއީ އޭނާގެ އަބުރަށް އުނިކަން ގެނައުމަށް ބަޔަކު ދައްކާ ވާހަކަތަކެއް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެއްވެސް އިރެއްގައި އޭނާގެ ހިއްސާއެއް އޮތް ކުންފުންޏަކަށް ނުވަތަ މަސްލަހަތު އޮތް ބަޔަކަށް ނުހައްގުން މަންފާއެއް ހޯދައިދިނުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށެވެ.