ކޮވިޑް 19އާ ގުޅިގެން މިހާތަނަށް ރާއްޖެއަށް އެހީގެ ގޮތުގައި ލިބުނީ 190 މިލިއަން ޑޮލަރު ކަމަށާއި މިއަހަރުގެ ބަޖެޓު 15 ބިލިއަނުން ދަރަނިވެރިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، ކޮވިޑުގެ ހާލަތުގެ ސަބަބުން މިއަހަރުގެ ބަޖެޓު 13.7 ބިލިއަނުން ދަރަނިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. ނަމަވެސް ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިހާރުގެ އަންދާޒާއަކީ ދަރަނި 15 މިލިއަނަށް އަރާނެ ކަމަށެވެ.
"އަޅުގަނޑުމެން ހުށަހެޅި ބަޖެޓަކީ ގާތްގަނޑަކަށް 37 ބިލިއަން ރުފިޔާގެ ބަޖެޓެއް. އޭގެ ތެރޭގައި އަޅުގަނޑުމެން އަންދާޒާކޮށްފައިވާނެ އާމްދަނީއަށް ހިލޭ އެހީގެ ގޮތުގައި 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް. އަދި އޭގެ ޑެފިސިޓެއްގެ ގޮތުގައި ހަ ބިލިއަން ރުފިޔާގެ ޑެފިސިޓެއް. އެކަމަކު މިހާރު ކޮވިޑް 19ގެ ހާލަތާ ގުޅިގެން އަޅުގަނޑުމެން ހަރަދުކުޑަކުރުމުގެ ވަރަށް ގިނަ މަސައްކަތްތަކެއްވެސް ކުރިއަށް އެބަ ގެންދެވޭ. އެގޮތުން އަލަށް ފަށަން ހުރި ގިނަ ޕީއެސްއައިޕީ ޕްރޮޖެކްޓްތައްވެސް މަޑުޖައްސާލައިފައި މިހުރީ. އެގޮތުން އަޅުގަނޑުމެންނަށް މިހާރު މިފެންނަނީ އަޅުގަނޑުމެންގެ ފިސްކަލް ޑެފިސިޓް ގާތްގަނޑަކަށް 15 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މިނިސްޓަރު އަމީރު ވިދާޅުވީ، ބަޖެޓުގެ ދަރަނި ކުޑަކުރުމަށް ބޭރުގެ ލޯނުވެސް ނަގަން ޖެހޭނެ ކަމަށާއި ލޯނު ނަގައިގެން ނަމަވެސް ބަޖެޓުގެ ދަރަނި ކުޑަކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ބޮޑަށް މަސައްކަތް ކުރެވެނީ ކޮންސެސަނަލް ފައިނޭންސް ހޯދުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިހާތަނަށް އަޅުގަނޑުމެންގެ މަސައްކަތުން ގާތްގަނޑަކަށް 190 މިލިއަން ޑޮލަރު ހިލޭ އެހީއާއި ކޮންސެސަނަލް ލޯނުގެ ގޮތުގައި ލިބިފައި މިވަނީ،" މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ލިބޭ 250 މިލިއަން ޑޮލަރާއި ކުރިއަށް އޮތްތަނުގައި އައިޑީބީ އާއި އައިއެމްއެފް އަދި ވޯލްޑް ބޭންކާ ގުޅިގެން ވެސް ކޮންސެޝަނަލް ފައިނޭންސިން ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން ރާއްޖޭގެ މައި ސިނާއަތް ކަމަށްވާ ފަތުރިވެރިކަން ގިނަ ދުވަސްތަކެއްވަންދެން ހުއްޓިފައި އޮތުމަށް ފަހު ބޯޑަރު ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން ގެންނަން ފެށީ މިދޔަ މަހުގެ 15 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު