ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

އެމްޓީސީސީން މައުލޫމާތު ދިން ގޮތުގައި މި މަސައްކަތް ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އިސްދޫ ބަނދަރު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖައްސައިފައެވެ. އަދި 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ އިތުރުން 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 98 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށާއި 1,560 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި ބަނދަރު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މިއަހަރުގެ މެއި މަހު މި މަޝްރޫއަށް އީއައިއޭގެ ހުއްދަ ލިބިފައިވާ އިރު، މި މަޝްރޫއަށް 34.7 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެމްޓީސީސީން ބުނެއެވެ.