މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި، ބ.އޭދަފުށި، ދިޔަވަރު، އަހުމަދު އިމާދުގެ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަރު ކޮމިޓީން ދެންމެ ފާސްކޮށްފިއެވެ.

އިމާދުގެ ނަން ކޮމިޓީން ފާސްކުރީ، ކޮމިޓީން އޭނާއާ އިންޓަވިއު ކުރުމަށްފަހުއެވެ.

އިމާދު އެ މަގާމަށް އައްޔަންކުރަން ފެންނަކަމަށް ކޮމެޓީން ފާސްކުރީ، ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި 10 މެންބަރުންގެ އިއްތިފާގުންނެވެ.

ދެން ކޮމިޓީން އެ މައްސަލައިގެ ރިޕޯޓް ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ.

އިމާދު ޑެޕިއުޓީ ގަަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރާނީ މަޖިލީހުގެ ތަޅުމުގައި ވޯޓަށް އަހައި މަޖިލީހުން ރުހުންދިނުމުންނެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެމަގާމުގައި މީގެ ކުރިން ހުންނެވި އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ފުރިހަމަކުރައްވައި ހުސްވި ޖުލައިމަހު މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.

އެމްއެމްއޭ އުފެދުނީއްސުރެ ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ޒާހިރާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގެންފައިވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.

އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ދެ ދައުރެވެ. ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.