މިިދިޔަ ހުކުރު ދުވަހު ބޮޑުތަކުރުފާނު މަގު، ހ. ކެފޭ ޓިއޯލް ހިންގާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ގޮތުން ބަންދު ކުރި ހ. މެރިން ޑްރީމް ބިލްޑިންގައި ހުރި ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު އަލުން ހުޅުވައިފިއެވެ.

ހ. މެރިން ޑްރީމް ބިލްޑިންގައި ހުރި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރު އަލުން ހުޅުވިކަން ބީއެމްއެލް އިން އާންމު ކޮށްފައިވަނީ މިއަދު ކުރި ޓުވީޓެއްގައެވެ.

ހުކުރު ދުވަހުގެ ރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު އަލިފާން ރޯވީ އެސްބީއައި ބޭންކާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ. އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެސްބީއައި ބޭންކު ހުންނަ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށް، ބައެއް ގެއްލުންތައް ލިބިފައިވެ އެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވުނީ އެރޭގެ 11:30 އެހާކަންހާއިރު އެވެ. އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުންނާއި ފަޔާ ލޮރީން ވަނީ ހަރަކާތްތެރިވެފައެވެ.