ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސް ވުމުގައި ކޮންމެ ގޮތަކަށް އޮތް ނަމަވެސް، ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި
ދިރިއުޅުމަށް ކުއްޔަށް ދީފައިވާ އެއްވެސް ތަނެއްގެ އެއްބަސްވުން ނިމުމަކަށް ގެނެސް، ތަންދޫކޮށް ދިއުމަށް އެތަނެއްގައި ދިރިއުޅޭ ފަރާތްތަކަށް، ތަނުގެ ވެރިފަރާތަށް އެންގޭނީ 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހު ކަމަށް ހިމަނައި، އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.
މި ބިލް ގާނޫނަކަށް ވެ އަމަލު ކުރަން ފެށުމުން މިހާރު މިއޮތް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި، މިހާރު ކުއްޔަށް އުޅޭ ފަރާތްތައް ނެރުމުގައިވެސް ކުއްޔަށް ދީފައިވާ ފަރާތްތަކުން އަމަލު ކުރަން ޖެހޭނީ ބިލުގައި އެވާ ގޮތަށް ކަމަށް ބިލުގައި ކަނޑައަޅާފައި ވެއެވެ.
ބިލުގައި ވާގޮތުން، ތަން ކުއްޔަށް ދީފައި ވަނީ ލިޔުމުން ވެވޭ އެއްބަސްވުމަކުން ނޫންކަމަށް ވިޔަސް، ތަން ދޫކޮށް ދިއުމަށް ތަނުގެ ވެރި ފަރާތަށް އެންގޭނީ މަދުވެގެން 60 ދުވަހުގެ ނޯޓިހެއް ދިނުމަށްފަހުގައެވެ. އެ މުއްދަތުގެ ކުރިން އެފަދަ ފަރާތެއް ނެރުމަަށް އެންގުމާއި އެފަދަ އެއްވެސް އަމަލެއް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއި ކާރިސާގެ ހާލަތްތަކުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދޭނެ ގޮތްތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ހާލަތުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވާއިރު، ފުލުހުންނަށް ލިބިދީފައިވާ ބާރުތައްވެސް ބިލުގައި ވަނީ ބަޔާންކޮށްފައެވެ.
އެގޮތުން ޑީޖީގެ އެންގުމާ ހިލާފަށް ތަނެއްގައި އެއްވެ އުޅޭނަމަ އެއްވުން ރޫޅާލުމާއި ކުރަން ޖެހޭ ޖޫރިމަނާ ވަގުތުންކޮށް، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފައެވެ.
ބިލުގައިވާގޮތުން ޑީޖީގެ އެންގުންތަކާ ހިލާފުވާ ފަރާތަކީ އަމިއްލަ ފަރުދެއްނަމަ 1،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދު، ޖޫރިމަނާ ކުރުމަށާއި އެއީ ގާނޫނީ ޝަހުސެއް ނަމަ 5،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
"މިގާނޫނަށް އަމަލު ކުރަން ފަށާއިރު ކޮވިޑް 19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކާބޯތަކެތި ނުލިބި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް، ނުވަތަ މި ގާނޫނަށް އަމަލު ކުރަން ފެށުމަށްފަހު އެހާލަތު މެދުވެރިވާ ފަރާތްތަކަށް ކުއްލި ނުރައްކަލުގެ ނުވަތަ ކާރިސާގެ ހާލަތު ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް ބަޔާންކުރާ މުއްދަތުގެ ނިޔަލަށް ސަރުކާރުން ކާބޯތަކެތި ފޯރުކޮށްދޭންވާނެ،" ބިލުގައި ވެއެވެ.
ހަމަ އެގޮތަށް މަގުމަތިވެފައިވާ ފަރާތްތަކަށް، ސަރުކާރުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޯށްދޭން ވާނެ ކަމަށްވެސް ބިލުގައި ހިމަނާފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީ