ކޮންޓްރޯލް ނުވެ އިންޑިއާގައި ކޮވިޑް ފެތުރެމުންދާ އިރު، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 76،472 ކޭސް ފެނިފައިވާ ކަމަށް އެގައުމުން ރިޕޯޓު ކޮށްފިއެވެ.

އިންޑިއާއިން މިހާތަނަށް 3.46 މިލިއަނަށް ވުރެން ގިނަ ކޮވިޑް ކޭސް ފެނިފައިވާއިރު އެގައުމު ވެފައިވަނީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ކޮވިޑް ކޭސް ފެނިފައިވާ ގައުމު ކަމުގައެވެ.

އިންޑިއާގެ ފެޑަރަލް ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު މިހާތަނަށް 62،550 މީހުން ކޮވިޑް ޖެހިގެން އެގައުމުން މަރުވެފައި ވެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން އަޅާފައިވާ ފިޔަވަޅުތައް އުވައިލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓު ކޮށްފައެެވެ.

އިންޑިއާގައި އަންނަ ހަފުތާއިން ފެށިގެން ކޮވިޑަށް އަޅާފައިވާ ފިޔަވަޅުތައް ލުއިކުރުމުގެ ގޮތުން އާންމު ބައެއް ދަތުރު ފަތުރު ހުޅުވާލުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.