ރިޓަޔާކޮށްފައި ތިއްބަވާ ކުރީގެ ރައީސުން ސިޔާސީ ޕާޓީތައް ހިންގެވުމުގައި އުޅުއްވާ ނަމަ، ރިޓަޔާމަންޓް ބެނެފިޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިހެން ވިދާޅުވެފައިވާ އިރު، ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އަންނަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ. އެގޮތުން އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގައި ވެސް ޑރ. ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.

އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޓަޔާކޮށްފައި ތިއްބަވާ ކުރީގެ ރައީސުން އަމަލީގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، ސިޔާސީ ޕާޓީތައް ހިންގުމުގައި އުޅުއްވާނަމަ ދައުލަތުން ރިޓަޔާމަންޓް ބެނެފިޓްގެ ގޮތުގައި އެއްވެސް ފައިސާއެއް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މި ދުވަސްވަރު އެއްވުންތައް ނުބޭއްވުމަށް އަންގާފައިވަނިކޮށް، އިއްޔެ އިދިކޮޅުން ބޭއްވި ހަރަކާތުގައި ޑރ. ވަހީދު ބައިވެރިވެވަޑައިގެންނެވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން ކޮވިޑާ ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ރައީސް ވަހީދު އަމަލުކުރައްވާފައި ނުވާކަން ވެސް ގިނަ ބަޔަކު ފާހަގަކުރެއެވެ.

ގާނޫނުގައިވާ ގޮތުން ކުރީގެ ރައީސުންނަށް މިހާރު ވެސް އަންނަނީ އިނާޔަތްތަކެއް ދެމުންނެވެ. ކުރީގެ ރައީސުންނަށް އިނާޔަތް ދިނުމާ ބެހޭ ގާނޫނުގައިވާ ގޮތުން އެއް ދައުރު ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެއެވެ. އެއް ދައުރަށް ވުރެ ގިނަ ދުވަސްވަންދެން ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެމުން އަންނަނީ 75،000 ރުފިޔާއެވެ. މީގެ އިތުރުން ދިރިއުޅޭ ތަނުގެ ހަރަދަށް ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ޖެހެއެވެ. އަދި މުޖުތަމައުއަށް ފައިދާ ހުރި މަސައްކަތެއް ކުރީގެ ރައީސަކު ކުރައްވާ ނަމަ، އެކަމަށް އޮފީސް ހިންގުމުގެ ހަރަދަށް މަހަކު ގިނަވެގެން 175،000 ރުފިޔާއާ ހަމައަށް ލިބިވަޑައިގަންނަވާނެއެވެ.