އެތެރެހަށީގެ ޑޮކްޓަރުންގެ ޖަމިއްޔާއެއް އުފައްދައި، އެ ޖަމިއްޔާގެ ހިންގާ ކޮމިޓީ އިންތިހާބުކޮށްފިއެވެ.
ރާއްޖޭގެ ޑޮކްޓަރުންގެ ތެރެއިން އިންޓާނަލް މެޑިސިންގެ ރޮނގުން ހިދުމަތްކުރާ ޑޮކްޓަރުންގެ ޖަމިއްޔާއެއް ކަމަށްވާ މޯލްޑިވްސް ސޮސައިޓީ އޮފް އިންޓާނަލް މެޑިސިން (އެމްއައިއެސްއެމް) އުފައްދައި އެންމެ ފުރަތަމަ ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ އިއްޔެ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
އެ ޖަމިއްޔާގެ ރައީސަކަށް އިންތިހާބުކޮށްފައިވަނީ ޑރ. އަލީ އަބްދުﷲ ލަތީފެވެ. އަދި ނައިބު ރައީސަކަށް އިންތިހާބުކޮށްފައިވަނީ ޑރ. އަލީ ޝާހިދު މުހައްމަދެވެ. އެ ދެ މަގާމުގެ އިތުރުން ހިންގާ ކޮމިޓީގައި ޓްރެޒަރާ އާއި އެގްޒެކެޓިވް ސެކްރެޓަރީ އާއި ޑެޕިއުޓީ ސެކްރެޓަރީ އާއި ތަރުޖަމާނު އަދި އެކަޑެމިކް އެންޑް ސައިންޓިފިކް ސެކްރެޓަރީ ވެސް ހިމެނެއެވެ.
- ރައީސް – ޑރ. އަލީ އަބްދުﷲ ލަތީފް
- ނައިބު ރައީސް – ޑރ. އަލީ ޝާހިދު މުހައްމަދު
- ޓްރެޒަރާ – ޑރ. ފާތިމަތު ނާދިޔާ
- އެގްޒެކެޓިވް ސެކްރެޓަރީ – ޑރ. އަބްދުﷲ އިސްނީން ހިލްމީ
- ޑެޕިއުޓީ ސެކްރެޓަރީ – ޑރ. މުއާޒް މޫސާ
- ސްޕޯކްސްޕާސަން – ޑރ. އަލީ ނަޒީމް
- އެކަޑެމިކް އެންޑް ސައިންޓިފިކް ސެކްރެޓަރީ – ޑރ. ނަޝީދާ ސައީދު
އެ ޖަމިއްޔާގެ އެގެޒެކެޓިވް ކޮމިޓީގައި ޖުމުލަ 31 މެންބަރުން ހިމެނެއެވެ. އެ ޖަމިއްޔާގެ މަސައްކަތްތަކުގެ ތެރޭގައި އިންޓާނަލް މެޑިސިންގެ ދާއިރާގެ ކުރިއެރުމަށް ކުރަންޖެހޭ އެކިއެކި ކަންކަން ކުރުމާއި، ސޮސައިޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި އެކިއެކި ހަރަކާތްތައް ކުރިއަށްގެންދިއުން ހިމެނެއެވެ.
- އެތެރެހަށީގެ އަދި އެއާ ގުޅުންހުރި ބަލިތަކަށް ރާއްޖޭގައި ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުން.
- އެތެރެހަށީގެ ބަލިތަކާ ބެހޭ ސުޕާސްޕެޝަލިޓީތަކުގެ ހިދުމަތް ފުޅާކުރުމަށް މަސައްކަތްކުރުން.
- އެތެރެހަށީގެ ބަލިތަކާއި އެއާ ގުޅުންހުރި ދާއިރާތަކުން ތަފާތު ސްޓަޑީތަކާއި ތަހުލީލުތައް ކުރުން.
- ސިއްހީ ދާއިރާގެ ކަންކަން ބަލަހައްޓައި، ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކަށް ލަފަޔާއި އިރުޝާދު ދިނުން.
- ދިވެހިރާއްޖޭގައި މަސައްކަތްކުރާ އެތެރެހަށީގެ ޑޮކްޓަރުންގެ މެދުގައި ފަންނުވެރިކަން ނަގަހައްޓައި، އެމީހުންގެ ދައުރު މުޖުތަމައުގެ އެކި ދާއިރާތަކުގައި ފުޅާކޮށް ކުރިއެރުވުން.
- ބައިނަލްއަގުވާމީ މިފަދަ ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކުރުން.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު