(ތޭވީސްވަނަ ބައި)

"އަހަރެންގެ ޓްރެއިނިންގްގެ ތެރެއިން ފުރަތަމަ ދިމާވީ.... އަހަރެންދެކެ އޭރުއްސުރެ ވަރަށް ލޯބިވާނެ. ބުނާނެ ޒިހާންއޭ އެންމެ ޑިސިޕްލިންޑް މީހަކީ މިތާ ހުރި. ހެހެ..... ދެން ފަހުން އަސްލު ބޮޑަށް ކްލޯޒްވެގެން ދިޔައީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. އެއީ އަސްލު އަހަރެން ސިފައިންގެއަށް ވަންފަހުން ހިންގުނު އެންމެ ގޮތްދޫނުކުރާ މުޖުރިމުން ހިފެހެއްޓުމަށް ހިންގުނު އޮޕަރޭޝަނެއް. އެމީހުންގެ ބޮޑު މީހަކަށް ހުރީ އަހަރެން..... އަހަރެން ދަންނަ މީހަކަށްވީމަ...." ޒިހާން އެ ފަހު ބަސްތައް ބުނެލިއިރު އެ އަޑުގައި ޖެހިލުންވުމެއް އެކުލެވިގެން ދިޔަކަން ޔުނާއަށް ފާހަގަވިއެވެ.

"ކާކު؟" ޔުނާއަށް އެ ސުވާލުކޮށްލެވުނީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އިހަކަށް ދުވަހު އޭނައަށް އައި ފޯނު ކޯލުގެ މަތިން ހަނދާންވުމާއިވެސް އެކީގައެވެ.

"އެއީ.... ދެން ކޮންމެވެސް މީހެއް. އެ ވާހަކަ ބާއްވަމާދޯ؟ ބާއްވާފަ ހިނގާބަލަ މިއަދަށް ޕްލޭންއެއް ހަދާލަން. މިރަށުގެ ނޭޗާ ޕާކަށް ޔުނާ ދުވަހަކުވެސް ދިޔައިންތަ؟" ޒިހާން ވާހަކަ އަނބުރައިލަމުން ޔުނާއަށް ބަލައިލާ އަނެއްކާވެސް ހިނިތުންވެލިއެވެ.

"ނޫނޭ ނުދަން. ވަރަށް ރީތިދޯ؟ ބޭނުން ބަލައިލަންދާން." ޔުނާވެސް ހިނިތުންވުން ފުޅާކޮށްލަމުން ބުނެލިއެވެ. ޒިހާން ދައްކަން ބޭނުންނުވި ވާހަކައަކާއިމެދު އިތުރަށް ސުވާލުކުރަން ބޭނުމެއް ނުވުމުންނެވެ.

"އޯކޭ އެހެންވީމަ މިއަދު....."

"މިއަދު ވެއިޓް.... މިއަދު އޯގަސްޓް 2 ދޯ؟ ހީވަނީ އެސައިންމެންޓެއް ޑިއު އެބަ ވާހެން މިއަދު...." ޔުނާއަށް އެ ވާހަކަ ބުނެލެވުނީ ހިސާބަކަށް ދެލޯ ބޮޑުކޮށްލަމުންނެވެ. އެހާ ހިސާބަށް އައިއިރު އެ އެސައިންމެންޓް އެއްވެސް ވަރަކަށް ފެށިފައިވެސް ނުވާކަން އެވަގުތު އެނގުންވުމުންނެވެ. ވޭތުވެ ދިޔަ ދުވަސްތަކުގައި ޙާލަތްތައް ބަދަލުވެގެން ދިޔަ ގޮތުންނެވެ.

"އޮހް! އެހެންވީއިރު މިއަދުއެއް ނޫންދޯ؟ އެންމެ ރަނގަޅު." ޒިހާން އެހެން ބުނެލީ ލުއި ހިނިތުންވުމަކާއި އެކީ ކަމަށް ވިޔަސް އޭނަގެ ހިތް ހިސާބަކަށް މާޔޫސްވިއެވެ. އެ މާޔޫސްކަން ހިސާބަކަށް އެ މޫނުމަތިން ފާޅުވުމުން ޔުނާއަށް ވާހަކަ ދެކެވުނެވެ.

"އަސްލު.... ހީވަނީ ހަވީރާއި ހަމައަށް އޭތި ނިންމޭނެހެން. ނިމުނީމަ ދެވިދާނެ..." ޔުނާއަށް އެހެން ބުނެލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ހަމަ އެއާއިއެކު އަމިއްލަ ނަފްސާއިމެދު ޙައިރާންވެސް ވެވުނެވެ. ހަވީރާއި ހަމައަށް އޭތި ނިންމޭނެ ކަމުގެ މާ ބޮޑު ޔަޤީންކަމެއް ނެތީތީވެއެވެ. ކަން މިހެން އޮތްވާވެސް ޒިހާން އުފާކޮށްލުމަށްޓަކައި އެހެން ބުނެލަން އޭނަގެ ހިތް އެދުނު ވަރުންނެވެ. އޭނައަށް މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނައަކީ އޮޅުމަކުން ވެސް ފިރިހެނަކަށް ނުބައި ސިގްނަލެއް ދީފައިވާ މީހެއް ނޫނެވެ. އޭނަ މި ޙާލަތުގައި ޒިހާނަށް ދައްކަން ޖެހޭނީ ޒިހާނާއިއެކީ ހުންނަން ބޭނުންނުވާ ކަމުގެ ނިޝާންތަކެއް ނޫން ހެއްޔެވެ؟ އޭނަ ޒިހާނާއި އިނީ ލޯބިންނެއްނޫން ވިއްޔާއެވެ.

ޔުނާ ވަކި އެއްޗެކޭ ބުނަން ނޭނގިފައި ވަނިކޮށް ޒިހާން ފުރިހަމަ ހިނިތުންވުމަކާއިއެކީ އެނދުން ތެދުވެލިއެވެ.

"އެންމެ ރަނގަޅު.... ބަޓް ޓޭކް ޔުއާރ ޓައިމް އިނގޭ... ކަމެއް ކުރަންޏާ އަބަދުވެސް އެންމެ ފުރިހަމައަށް ކުރަންވާނެ. ޔުނާ ބުނާހެން..." ޒިހާން ބަދަލުނުވާ ހިނިތުންވުމަކާއި އެކީ ބުނެލިއެވެ. އޭނަ އެންމެ ފަހުން ބުނެލީ ޔުނާ ފުރާވަރުއްސުރެ ތަކުރާރުކޮށް ބުނާ ވާހަކައަކަށް ވިޔަސް ޒިހާންގެ ދުލުން އެ ބަސްތައް އިވުމުން އެއީ އޭނައަށް ލިބުނު އާ ނަޞޭޙަތެއްހެން ޔުނާއަށް ހީވިއެވެ. ހަމަ އެއާއިއެކު އޭނައަށް އާދަޔާއި ޚިލާފު ހިތްވަރެއް ވެސް ލިބުނެއެވެ.

ޔުނާ ވެސް ހިނިތުންވުމެއްގައި އިންދާ ޒިހާން ކޮޓަރިން ނިކުންނަން ދިޔައެވެ. ދިޔުމުގެ ކުރިން ފަސްއެނބުރި ބަލައިލުމަށްފަހު ސައިބޯން އަންނައްޗޭ ބުނެލިއެވެ. އެއާއިއެކު ޔުނާއަށް ހިނިތުންވުން ފުންކުރަމުން ބޯޖަހައިލެވުނީ ވެސް އިޚްތިޔާރަކާއި ނުލައެވެ.

ހެނދުނުގެ ސައިބޮއިގެން ޔުނާ އެންމެ ފުރަތަމަ ކަމަކަށް ފެށީ އޭނަގެ އެސައިންމެންޓު ހަދަންށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. އެދުވަހު އޭނައަށް އެ މަސައްކަތް ނިންމެން ފެށީ އިހުނަށްވުރެ އަވަސް މިނެއްގައެވެ. ދޭތެރެދޭތެރެއިން ޒިހާން ކޮޓަރިއަށްވަދެ ދެމުން ދިޔަ ހިނިތުންވުންތަކުން އޭނައަށް އިތުރު ހިތްވަރެއް ލިބެމުން ދިޔަ ފަދައެވެ. އަދި އަމުދުން ޒިހާން އޭނަގެ ފެންފުޅި ހުސްވުމުން އޭނަ ބުނުމެއް ވެސް ނެތި އާ ފެންފުޅިއެއް ގެނެސްދިން ގޮތުންނާއި، ކޮށާފައިވާ އާފަލު ހުރި ތަށްޓެއް ވަކި އެއްޗެކޭ ނުބުނެ ހިނިތުންވުމަކާއިއެކީ ޔުނާގެ މޭޒުމަތީގައި ބަހައްޓައިދިން ގޮތުން ޔުނާގެ ހިތަށް އުފަލެއް ލިބެމުން ދިޔައެވެ. އެ ލިބެމުން ދިޔަ އުފަލާއި އެކީ އޭނަ ހަމަ ޙަޤީޤަތުގައި ވެސް ޒިހާންގެ ލޯތްބަށް ފަސްދޭނީތޯ ހިތާހިތުން ސުވާލުކުރެވުނެވެ. ކައިވެނީގެ ކުރިން އެފަދަ ޚިޔާލުތަކެއް ވެސް ސިކުނޑިއަށް ވެރިވިއެވެ. އޭނަ ދުރުދުރުން އުޅެފިއްޔާ ޒިހާން ކޮންމެވެސް ހިސާބަކުން އޭނަ އެކަނިވާން ދޫކޮށްލާނެ ނޫންތޯ ހިތް ބުންޏެވެ. އެހެނަސް ޒިހާންގެ މިފަދަ ޙަރަކާތްތަކުން އޭނަގެ ހިތް އޮޅުން އަރަމުން ދިޔައެވެ. ކޮންމެ ގޮތެއްވިޔަސް ޔުނާ އެވަގުތު އެ ޚިޔާލުތަކުން ދުރުވެ އޭނަގެ މަސައްކަތަށް ސަމާލުކަން ދިނެވެ.

ނަތީޖާއެއްގެ ގޮތުން ޢަޞްރު ނަމާދު ވަގުތުވެސް ނުޖެހެނީސް ޔުނާއަށް އޭނަގެ އެސައިންމެންޓް ނިންމައިލެވުނެވެ. އެކަމާއިމެދު އޭނައަށް އިނދެވުނީ އަޖާއިބުވެފައެވެ. އެއްވެސް ދުވަހަކު އޭނައަށް މިފަދަ މަސައްކަތެއް މިހާ އަވަސް މުއްދަތެއްގައި ނިންމިފައި ނުވުމުންނެވެ. މިއީ ޒިހާންގެ ސަބަބުން އޭނަގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބިފައިވީތީ ދިމާވި ގޮތެއްތޯ ހިތަށްއެރިއެވެ. އެހެނަސް އެ ސުވާލާއިމެދު ޔުނާ ވަކި މާ ބޮޑަށް ނުވިސްނިއެވެ. އޭގެ ބަދަލުގައި ޒިހާނާއި އެކީ ބޭރަށް ދާން ތައްޔާރުވުމަށް ސަމާލުކަން ދިނެވެ.

ހަވީރު 4:10 ހިނގި ވަގުތު ޒިހާނާއި އެކީ ޔުނާ ވެސް ކާރަށް އެރިއެވެ. ކާރު ސްޓާޓް ކުރި ވަގުތު އެދެމެދުގައި ހިނިތުންވުމެއް ބަދަލުވިއެވެ. ޔުނާ ހީކުރީ ވަކި ބަސްތަކެއް ބަދަލުނުވެ އެ ވަގުތުކޮޅު ނިމުމަކަށް އަންނާނެ ކަމަށެވެ. އެހެނަސް....

"ޔޫ އާރ ބިއުޓިފުލް...." ފުން ނަޒަރަކުން ޔުނާގެ މޫނަށް ބަލަން އިނދެ ޒިހާން ބުނެލިއެވެ. އެ ބަސްތައް އިވިގެން ދިޔަ ޔުނާގެ ހިތް އުފަލުން ނަށައިގަތެވެ.

ޔުނާ އޭނަގެ ރީތިކަމާއިމެދު ދުވަހަކުވެސް ޝައްކެއް ނުކުރެއެވެ. އޭނަ ރީތިތޯ ޔަޤީންކުރަން ވަކި ފިރިހެނެއްގެ ތަޢުރީފެއް އޭނަ ބޭނުންނުވާ ވާހަކަ ޔުނާ ތަކުރާރުކޮށް އޭނަގެ އެކުވެރިން ކައިރީގައި ވެސް ބުނެފައިވާނެއެވެ. ޖިނާހާއި ރައްޓެހިވެގެން އުޅުނުއިރު ވެސް ޖިނާހު އެފަދަ ބަސްތަކެއް ބުނެފިނަމަ ޔުނާއަށް ދެވަނަ ވިސްނުމެއްނެތި 'އައި ނޯ' އޭ ކިބުރުވެރި ހިނިތުންވުންތަކާއި އެކީ ބުނެލެވެއެވެ. އަންހެނަކު ފެންނައިރަށް އެހެންނޫނަސް ފިރިހެނެއްގެ ސިކުނޑީގައި ދައުރުވާނީ އެފަދަ ޚިޔާލުތަކެއްކަން ޔުނާއަށް މާ ރަނގަޅަށް ވެސް އެނގޭތީވެއެވެ.

އެހެނަސް މިއަދު ކީއްވެކަމެއް ނޭނގެއެވެ. ޒިހާންގެ ދުލުން އެ ބަސްތައް އިވިގެން ދިޔުމުން އެއީ ޚާއްޞަ ބަސްތަކެއްހެން ހީވިއެވެ. އޭނަ ހުރި ގޮތާއިމެދު ކުއްލިއަކަށް ވަރަށް ބޮޑަށް ފިކުރު ބޮޑުވެ ހިސާބަކަށް ލަދުވެސް ގަންނަ ގޮތްވިއެވެ. ދުރު ބަލައިލަމުން އިސްޖަހައިލެވުނީ އެހެންވެއެވެ. ޔުނާއަށް ވަމުން ދިޔަ ގޮތް ފެނުނު ޒިހާން ވެސް ހިނިތުންވުމަކާއި އެކީ ޔުނާގެ މޫނުން ނަޒަރު ވަކިކޮށްލަމުން ކާރު ސްޓާޓްކޮށްލަމުން ދުއްވާލިއެވެ.

ކާރު ދުއްވަން ފެށުމުން ވެސް ޔުނާއަށް އޭނަގެ ޚިޔާލުތަކާއިމެދު ވިސްނެމުން ދިޔައެވެ. އޭނަގެ ހިތަށް ހަމަޖެހުމެއް ލިބޭގޮތެއް ވާނީ އަބަދުވެސް ނިންމުމެއް ނިންމުމުން ކަމަށްވީމައެވެ.

އެއީ ޒިހާން އޭނައަށް ބަލަހައްޓައިގެން އިން ނަޒަރުން ވީ ގޮތެއްތޯ ހިތަށްއެރިއެވެ. އެހެންނޫނީ ޒިހާން އެންމެ ފުރަތަމަ އޭނައަށް ފެނުނު ދުވަހު ބެލުން ތިރިކޮށްފައިވި ގޮތުން ކުރި އަސަރެއްތޯ ހިތް ސުވާލުކުރިއެވެ. ޖިނާހު ފަދައިން ޒިހާނަކީ ފެންނަހާ އަންހެނުންގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލައި އެ އަންހެނުންނަށް ތަޢުރީފުކުރާނެ މީހެއްނޫނެވެ. އޭނައާ ރައްޓެހިވެގެން އުޅުނުއިރު ޖިނާހު އޭނަ ނުހުންނަ ތަންތާނގައި އެފަދަ މިޒާޖެއް ގެންގުޅުނުކަން ޖިނާހުގެ އެކުވެރިންގެ ފަރާތުން ޔުނާއަށް އިވިފައިވެއެވެ.

ޒިހާނަކީ އެފަދަ ފިރިހެނެއް ނޫންކަން ޔަޤީނާއި ގާތްވެފައިވުމުން ޒިހާންގެ އެ ތަޢުރީފުގައި އަގެއް ހުރިކަމަށް އޭނައަށް އިޙްސާސް ކުރެވުނީ ހެއްޔެވެ؟ އެހެންނޫނީ އަންހެން ކުއްޖެއްގެ ހިތާއި ކުޅެލުމުގެ ހުރިހާ އުކުޅެއް ޒިހާނަށް ދަސްވެފައިވަނީ ހެއްޔެވެ؟ ސިކުނޑި ތެރޭގައި އޮޅުންގަނޑެއް އުފަންވީ ވަގުތު ޒިހާން ވާހަކަ ދެއްކި އަޑު އިވުނެވެ.

"ކޯޗަކާ ގުޅޭ ގޮތުންތަ ޔުނާ މިއަދު އެސައިންމެންޓް ހެދީ؟" ޒިހާން ޔުނާއަށް ލުއި ނަޒަރެއް ދެމުން ސުވާލުކުރިއެވެ.

"އެސައިންމެންޓްދޯ؟ ޗައިލްޑްހުޑް ޓްރޯމާއަށް ސީބީޓީ ބޭނުންކުރެވިދާނެ ގޮތާއި ބެހޭގޮތުން ހެދީ." ޔުނާ ބުންޏެވެ.

"ސީބީޓީ އެއީ ކޯޗެއް؟" ޒިހާން ޝައުޤުވެރިވާ ފަދައަކުން ސުވާލުކުރިއެވެ.

"ކޮގްނިޓިވް ބިހޭވިއާރ ތެރަޕީ.... އެއީ ކައުންސެލިންގްގަ ގެންގުޅޭ ޓެކްނިކްއެއް. ކީއްވެ ޒިހާން ތި ސުވާލުކުރަނީ؟ އިންޓްރެސްޓް ހުރީތަ އަނެއްކާ؟" ޔުނާއަށް ޖޯޝެއް އެކުލެވިގެންވި އަޑަކުން އަހައިލެވުނެވެ.

"ހެހެ.... ނޫނޭ. ޗައިލްޑްހުޑް ޓްރޯމާއޭ އޮތީމަ ބަލައިލަން ބޭނުންވީ..... އަދި ކުޑަކޮށް ޔުނާ ކިޔަވާ އެއްޗެހި ވެސް ދެނެގަންނަން ބޭނުންވީ. ފަހުން އަހަރެން އެ ވާހަކަތައް ދެއްކީމަ ޔުނާ އިމްޕްރެސްވާނެއެއްނު؟" ޒިހާން އެހެން ބުނެ ޔުނާއަށް ބަލައިލަމުން އެއްލޯ މަރައިލިއެވެ. އެ ހިނދު ޔުނާއަށް ހީލެވުމުން ޒިހާނަށް ވެސް ހެވުނެވެ.

ހުނުމުގެ ތެރެއިން ޔުނާއަށް ޒިހާނާއި ދިމާލަށް ބަލައިލެވުނީ ފުން ނަޒަރަކުންނެވެ. ޗައިލްޑްހުޑް ޓްރޯމާއަށް ޒިހާން ޝައުޤުވެރިވާނެ ސަބަބު އެދުވަހު ޒައިނާ ދެއްކި ވާހަކަތަކުން ޔުނާއަށް ފަހުމްވިއެވެ. ޒިހާން އޭނަގެ އެހީއަށް ބޭނުންވަނީތޯ ހިނދުކޮޅަކަށް ނަމަވެސް ހިތަށްއެރިއެވެ. އެހެނަސް ޒިހާންގެ ކިބައިގައި އެފަދަ ޢަލާމާތެއް ނެތްހެން ހީވުމުން އެ ޚިޔާލާއި ދުރުވެވުނެވެ. ހަމައެއާއިއެކު ޒިހާން އެންމެ ފަހުން ބުނެލި ވާހަކައިން އޭނަގެ ޚިޔާލުތަކަށް ވެރިވެގެން ދިޔައީ ޖިނާހުގެ ހަނދާނެކެވެ.

"ފޯ ހެވެންސް ސޭކް ޔުނާ! ތިހާވަރަށް ސައިކޮލޮޖީގެ ވާހަކަ ނުދެއްކިޔަސް އަހަންނަށް އެނގެއޭ ޔުނާ ތިއަށް މޮޅުކަން. ޔޫ ޑޯންޓް ހޭވް ޓު ޓޯކް އެބައުޓް އިޓް އޯލް ދަ ޓައިމް...." އެއްރެއަކު ދެމީހުން އެކީގައި ދިޔަ ކެއުމެއްގެ ތެރެއިން ޖިނާހު ނުރުހުންތެރިކަމާއި އެކީ ބުނެފައިވެއެވެ.

"ޓްރޫ! އައިމް ސޮރީ، ލަވް......" ޔުނާއަށް އެހެން ބުނެލެވުނީ ހިސާބަކަށް ދެރަވެ އިނދެއެވެ. އޭނަ ކިޔަވާ އެއްޗަކާއި ގުޅޭ ގޮތުން ވާހަކަ ދެއްކުމަކީ ޔުނާ ވަރަށް ވެސް ކުރާ ހިތްވާ ކަމެކެވެ. އެ ވާހަކަތައް ދެއްކުމުން ފިލާވަޅުތައް ހަނދާނުގައި ބަހައްޓަން ވެސް ފަސޭހަވާތީވެއެވެ. ޖިނާހު އެފަދަ ކަމަކާއި ދެކޮޅު ހެދުމަކީ ރަތް ސިގްނަލެއްކަން އެނގުނަސް ޔުނާ ޖިނާހާއި ވަކިވާކަށް ބޭނުމެއްނުވިއެވެ. ޖިނާހާއި ރައްޓެހިވެގެން އުޅޭތާ ދުވަސްވެފައިވުމުން ދެން ޖިނާހު ފަދަ މީހަކު ނުލިބޭނެކަމަށް އޭނަގެ ހިތް ބުނަމުން ދިޔައީތީވެއެވެ. އަދި އަމުދުން ޖިނާހު އެރޭ ރުޅި އިސްކުރަމުން ދިޔައީ ކަމެއް ދިމާވުމުން ކަމަށް ޔުނާއަށް ނިންމުނެވެ.

"އަދި އެއްވާހަކަ..... ޑިގްރީ ހަދާލާފަ ޔުނާ މާސްޓާރސް ހެދުމުގެ ޚިޔާލު ދޫކޮށްލަން އަހަންނަށް ފެންނަނީ. އަހަރެން ވެސް މި ކިޔަވަނީ ޑިގްރީއާ ހަމައަށްދޯ؟ ޕޮލިޓިކްސްއަށް ވަންނައިރު އަހަރެންގެ ވައިފް އަހަންނަށްވުރެ މައްޗަށް ކިޔަވައިގެން ހުރިއްޔާ އައި ޑޯންޓް ތިންކް އިޓް ވިލް ބީ އަ ގުޑް އިމޭޖް...." ޖިނާހު އެ ވާހަކަ ބުނެލީ ޔުނާއަށް ރަނގަޅަށް ބެލުމެއް ވެސް ނެތިއެވެ. ޔުނާ އެވަގުތު ކިތަންމެ ބޭނުމެއް ނުވިޔަސް ޖިނާހުގެ އެ ޚިޔާލާއިމެދު ފޫހިވާ ގޮތްވިއެވެ.

ޑިގްރީ ނިންމުމަށްފަހު މާސްޓާރސް ހަދަން ޔުނާ އެޕްލައި ކުރީ ވެސް ޖިނާހަށް އެންގުމެއް ނެތިއެވެ. އޭނަގެ ދޮންބެވެސް އެކަމަށް އެއްބަސްވާ ޙާލުގައި ވަކި މީހަކަށްޓަކައި އޭނަގެ ކިޔެވުން ހުއްޓުމުގެ ޚިޔާލާއިމެދު ޔުނާ އެއްގޮތަކަށް ވެސް ހިތްހަމަނުޖެހުމުންނެވެ. ޔުނާ މާސްޓާރސް ހަދަން ފެށުމުން ވެސް އެދެމެދުގައި މައްސަލަތައް ހިލިގެން ދިޔައެވެ. ޖިނާހު ކިރިޔާވެސް ގޮތް ދޫކުރީ، މިއުޅެނީ 18 ވަނަ ޤަރުނުގައެއް ނޫންކަމަށް ބުނެ ޔުނާ ރުޅި އިސްކުރުމުންނެވެ. ޖިނާހުގެ އަމިއްލަ ވިސްނުމަށް ފާޑު ކިޔުން ޙައްޤުކަން އެނގުންވުމުން ޖިނާހު އޭރު ހަތިޔާރު ބެހެއްޓިއެވެ.

**

ޒިހާން ޔުނާ ގޮވައިގެން އެންމެ ފުރަތަމަ ދިޔައީ ކެފޭއަކަށެވެ. ނޭޗާ ޕާކާއި ހަމައަށް ދެވުމުގެ ކުރިން އެ ކެފޭއާއި ހަމައަށް ދެވުމުން ސައިބޯން ބޭނުން އެހުމުން ޔުނާ އެކަމަށް އެއްބަސްވުމުންނެވެ. އޯޑަރު ދިނުމަށްފަހު ވެއިޓަރު ދިޔުމުން އެތަން ކަމުދޭތޯ ޔުނާ ކައިރިން ސުވާލުކުރިއެވެ. ޔުނާ އެ ކުޑަ ކެފޭގެ ވަށައިގެން ނަޒަރެއް ދެމުން އާނއެކޭ ބުނެ އިސްޖާހައިލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅަކަށް ފަހު ވާހަކަ ދެއްކިއެވެ.

"ޒިހާން...." ޔުނާއަށް ގޮވައިލެވުނެވެ.

"ހުމް؟" ޒިހާން ޔުނާއަށް ބަލައިލަމުން އުފަލާއިއެކީ ޔުނާ ދައްކާނެ ވާހަކައަކަށް އިންތިޒާރުކުރިއެވެ.

"ޒިހާން އޯކޭތަ އަހަރެން ޕީއެޗްޑީ ހެދުމާއިމެދު؟" ޔުނާ ވިސްނުންތެރިކަމާއެކީ އެ ސުވާލު ފަރުމާކުރަމުން ޒިހާނަށް ބަލައިލިއެވެ. އޭނަ ބޭނުންވީ ޒިހާންގެ ނަޒަރިއްޔާތު ދެނެގަންނާށެވެ. ޤަދީމީ ވިސްނުމެއް ހުރުން އެންމެ އައުލާކަން ބޮޑީ ޖިނާހަށްވުރެ ޒިހާނެވެ. ޖިނާހަކީ ހުޅަނގުގެ ގޮތްތަކަށް ތާޢީދުކުރާ މީހެކެވެ. އަދި ޒިހާނަކީ ނުހަނު ކުރީ ޒަމާނުގެ ދީނަކާއި އެއްގޮތަށް އުޅެން މަސައްކަތްކުރާ ޒުވާނެކެވެ. ވީއިރު އޭނަގެ ކިޔެވުން ހުއްޓުވަންޏާ އެކަން ޖިނާހަށްވުރެ ބޮޑަށް ޒިހާން ކުރާނެކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް....

"ހެހެ.... ކީއްވެ އޯކޭ ނުވާންވީ؟" ޒިހާން ލުއި ހީލުމަކާއެކީ އެހެން އަހައިލީ ހިސާބެއްގެ ޙައިރާންކަމަކާއިވެސް އެކީގައެވެ.

"އަ.... އައި ޑޯންޓް ނޯ..... ޢާއްމުގޮތެއްގަ ފިރިހެނުން އެހާ ހިތްހަމައެއްނުޖެހޭނެ ދޯ އެމީހުންގެ އަނބިން އެމީހުންނަށްވުރެ މައްޗަށް ކިޔަވައިގެން ތިބީމަ؟" ޔުނާ ބުނެލިއެވެ. އެއާއިއެކު ޒިހާން އިހުނަށްވުރެ ބޮޑަށް ހީލިއެވެ. ޔުނާއަށް ޤަބޫލުކުރަން ދަތިވެފައި ބަލަން އިނދެވުނެވެ.

"އަހަންނަށް ނޭނގޭ ކާކު ގެންގުޅޭ ނަޒަރިއްޔާތެއް ކަމެއްތީ..... ހަމަ ގައިމުވެސް އަހަރެން ވަރަށް ޕްރައުޑްވާނެ ޔުނާ ޕީއެޗްޑީއެއް ޙާޞިލުކުރީމަ. އަދި އެއަށްވުރެ މައްޗަށް ކިޔަވަން ބޭނުންވިޔަސް އަހަންނަށް ވީ ވަރަކުން އަހަރެން އެހީވެސް ވެދޭނަން. ޢިލްމު ހޯދުމަކީ ނެތްކަމެއް ނޫންދޯ؟ އަދި ވަކިން ޚާއްޞަކޮށް ޔުނާ ތި ކިޔަވާ އެއްޗެއްސާއިއެކީ ދީނުގެ ޢިލްމުވެސް އުނގެނުނިއްޔާ ޔުނާ ތި ދާއިރާއިން ވަރަށް ކުރި އަރައިގެންދާނެ އިން ޝާ ﷲ! ވަރަށް ގިނަ މީހުންނަށް ޔުނާގެ ސަބަބުން ފައިދާކުރާނެ. އައި ޖަސްޓް ނޯ އިޓް!" ޒިހާން ނުހަނު ޔަޤީންކަމާއި އެކީ އެހެން ބުނެލި ގޮތުން ޔުނާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ ޒިހާން އިތުރަށް ވާހަކަ ދެއްކިއެވެ.

"އިން ފެކްޓް އަހަންނަށް ފެންނަނީ ޔުނާ މިހާރުއްސުރެ އަމިއްލަ ކްލިނިކެއް ވެސް ހުޅުވަން. ވޯކް އެކްސްޕީރިއެންސް ހުންނާނެދޯ ޔުނާގެ؟" ޒިހާން ސުވާލުކުރިއެވެ.

"އާނ އެކަމަކު އިޓްސް ނޮޓް ދެޓް ސިމްޕަލް. ކައުންސެލިންގް ދެނީ އަސްލު ވަރަށް ޚާއްޞަ ފޯމްތަކާއެކީ. އެ ފޯމްތައް ޖެހޭނީ ބޭރު ޤައުމަކުން ގަންނަން. މިކޮޅުގަ އަހަރެން ކްލިނިކެއް ހުޅުވިއްޔާ އެ ކޮސްޓާއި އަހަންނަށް ލިބޭނެ އެއްޗަކާއި ބައްދަލެއް ނުވާނެ. ޢާއްމުގޮތެއްގަ ކައުންސެލިންގްގެ މުހިއްމުކަމާއިމެދު ދިވެހިން އެހާ ހޭލުންތެރިއެއްނޫންދޯ؟ އެހެންވީމަ...." ޔުނާ ކިޔައިދިނެވެ. ޙަޤީޤަތުގައި ރާއްޖެއަށް އަނބުރައި އަންނަންވުމުން ޔުނާ ހުރީ އޭނަގެ މުސްތަޤްބަލާއިމެދު ޝައްކެއްގެ މަތީގައެވެ. އޭނަ އެ ކިޔައިދިން ގޮންޖެހުންތަކެއްގެ ސަބަބުންނެވެ.

"އެކަހަލަ ފޯމްތައް ޔުނާ އަމިއްލައަށް ހަދައިގެން ޔުނިވާރސިޓީގެ ޕްރޮފެސަރެއް ކައިރިން އެޕްރޫވް ނުކުރެވޭނެތަ؟ އޭރުން އެހާ ކޮސްޓެއް ނުދާނެއެއްނު؟ ޓްރައި ކޮށްލަބަލަ ޔުނާ! ތިހާ މައްޗަށް ކިޔަވަމުން ދާއިރު ޔުނާއަށް އެކަން ކުރެވޭނެ އިން ޝާ ﷲ!" ޒިހާން މިފަހަރުވެސް ނުހަނު ޔަޤީންކަމާއި އެކީ ބުނެލި ގޮތުން ޔުނާއަށް ދުވަހަކުވެސް ނުލިބޭނެ ފަދަ ހިތްވަރެއް ލިބުނެވެ. ދޮންބެ ދުނިޔޭގައި ހުރި ނަމަވެސް ދިނީހީ މިކަހަލަ ނަޞޭޙަތެއްކަން ޔުނާއަށް ޔަޤީނާއި ގާތްކުރެވުނެވެ. ޒިހާންގެ އެ ވާހަކައަށް ހިނިތުންވެލީއިރު އޭނަގެ ލޮލުން ކަރުނަ ހިލުނީ އެހެންވެއެވެ.

ކެފޭއިން ސައި ބުއިމަށްފަހު ނޭޗާ ޕާކަށް ދާން ދެމީހުންވެސް ނިންމީ ފައިމަގުގައެވެ. ކެފޭ ހުރި ހިސާބާއި ނޭޗާ ޕާކް ފުދޭވަރަކަށް ކައިރިވުމުންނެވެ.

ހިނގަމުން ދިޔައިރު ޒިހާން ޔުނާއަށް އެކިއެކި ވާހަކަތައް ކިޔައިދެމުން ދިޔައެވެ. ރަށުތެރެއިން ފެންނަމުން ދިޔަ އެކި ތަންތަން ދައްކަމުން ކުޑައިރުގެ ހަނދާންތައް އާކުރަމުން ދިޔައެވެ. ބައިސްކަލް ދުއްވަން ދަސްކުރި ދުވަސްވަރުގެ ވާހަކައާއި، މައްޗަށް ބަލައިގެން މަޑިއެއް އަރުވަމުން ދުވެފައި ދަނިކޮށް ގަހެއްގައި ޖެހި ހޭނެތުނު ވާހަކައާއި، ހާލެއް ޒިހާން ފަހަތު އަޅުވާލި ދުވަހުގެ ވާހަކަތައް ކިޔައިދިނީ ހެމުންނެވެ. ޒިހާން އެ ވާހަކަތައް ކިޔައިދެމުން ދިޔަދިޔަހެން ޔުނާއަށް ވެސް ހެވެމުން ދިޔައެވެ. އެ ވަގުތުކޮޅުގައި އޭނަގެ ހުރިހާ ފިކުރުތަކެއްގެ މަތިން ހަނދާންނެތޭ ގޮތްވިއެވެ. އެހެނަސް ޒިހާން އޭނަގެ ކުޑައިރުގެ ހަނދާންތައް އާކޮށްދެމުން ދިޔަ ގޮތަށް ވެސް ސަމާލުކަން ދެވުނެވެ. ޒިހާން ވާހަކަ ދެއްކި ގޮތުން ޒިހާން ކުޑައިރު ޒައިނާ ބުނި ފަދަ ހިތްދަތި ކަންތަކެއް ދިމާވެފައިވާހެން މީހަކަށް ހިއެއްނުވާނެއެވެ. ޒިހާން އެ ވާހަކަތައް އޭނައާ އެވަގުތު ޙިއްސާކުރަން ބޭނުން ނުވީތޯ ޔުނާގެ ހިތް ސުވާލުކުރިއެވެ. އެހެންނޫނީ ޒިހާން އެ ހިތާމަތައް ހިތުގެ އަޑީގައި ފޮރުވަނީތޯ ހިތަށްއެރިއެވެ. ޙަޤީޤަތަކީ އެއީ ކަމަށްވާނަމަ އޭނަ ޒިހާނަށް އެހީވެދޭން ވާނެކަމަށް އަމިއްލަ ނަފްސުގާތު ޔުނާއަށް ބުނެވުނެވެ. އެހެނަސް އެވަގުތު އެ ވާހަކަ ފަހަށް ބާއްވަން ޔުނާ ނިންމިއެވެ.

ނޭޗާ ޕާކަށް ދެވުމާއިއެކު ޒިހާން އެންމެ ފުރަތަމަ ޔުނާ ގޮވައިގެން ދާން ބޭނުންވީ ދިގު ފާލަމެއްހެން ހެދިފައިވި ތަނާއި ދިމާލަށެވެ. ފާލަމުގެ މަތިން އޭގެ ކޮޅުގައި ހުރި ފަނުގެ ގެއާއި ދިމާލަށް ޔުނާއާއި އެކީ ހިނގާފައި ދިޔައިރު ވެސް ޒިހާން އެކިއެކި ވާހަކަތައް ޔުނާއަށް ކިޔައިދެމުން ދިޔައެވެ. އެ ޕާކް ފުރަތަމަ ހެދިގެން އައި ދުވަސްވަރުގެ ވާހަކަތައް ކިޔައިދިނެވެ.

ދެމީހުން ޕާކަށް ދިޔައިރު ވެސް އުޑުމަތި ބަނަކޮށް އޮތްއިރު ފިނި ވައިރޯޅިތައް ޖެހެމުން ދިޔައެވެ. ދެމީހުން އެކީގައި ގޮސް ފަނުގެ އެ ގޭގެ ތެރެއަށް ވަންއިރު އެތާތެރެއަށް އަނދިރިކަމެއް ވެރިވެފައިވިއެވެ. ޔުނާ އެ ގޭގެ ތެރެއަށް ވަދެގެން ގޮސް ވަކަރުން ހެދިފައިވި ފެންސްގެ މަތީގައި އަތް އަޅާލަމުން ހަށިފުރާ ނޭވައެއް ދޫކޮށްލިއެވެ. މުޅި އެ ޞަރަޙައްދުން ފެހިކަން ފެންނަމުން ދިޔަގޮތުން ޔުނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޔުނާ އެހެން ހުއްޓާ ޒިހާން އައިސް އޭނަގެ ކައިރީގައި ހުއްޓިލީ ފާލަމާއި ދިމާލަށް ކުރިމަތިލަމުން ފެންސަށް ލެނގިލަމުންނެވެ.

"މިއީ އަހަރެންގެ ޑްރީމް ކަމް ޓްރޫއެއް ޔުނާ....." ޒިހާން ބުންޏެވެ.

"އެޔޯ؟" ޔުނާ ހިނިތުންވުމަކާއި އެކީ ސުވާލުކުރިއެވެ.

"ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގަ ވަރަށް ގިނައިން ހުވަފެނުން ފެނޭ ޔުނާއާއެކީ މިތަނަށް އައިސް ޔުނާގާތު ވާހަކައެއް ބުނާ ތަން. ވާރޭވެސް ވެހޭ ވަގުތެއްގަ. ދެން ޔުނާވެސް އެ ވާހަކައަށް އެއްޗެކޭ ބުނޭ." ޒިހާން ބުންޏެވެ.

"ކޮން ވާހަކައެއްތަ އަނެއްކާ؟" ޔުނާއަށް ހީލުމަކާއެކީ އަހައިލެވުނެވެ.

"މިވަގުތު ނުއެއް ބުނެވޭނެ..... ޔުނާ ފަހަރެއްގަ ހުވަފެނުގަ ބުނާ އެއްޗެއް ނޫން ކަންނޭނގެ ބުނާނީ." ޒިހާން ބުންޏެވެ.

"ހަމަ ނޭނގެއެއްނު؟ ވަރަށް ރަނގަޅު މޫޑެއްގައޭ އަހަރެން މިހިރީ....." ޔުނާ ބުނެލިއެވެ. ޔުނާއަށް ހީވަމުން ދިޔައީ ޒިހާން ދައްކަން އުޅުނީ ފުރާވަރުގައި ޔުނާ ފެނިގެން ދިމާވި ކަމަކާއި ގުޅޭ ވާހަކައެއް ކަމަށެވެ. ޒިހާން ދައްކާނީ އެއަށްވުރެ ފުން ވާހަކައެއްކަމާއިމެދު އޭނައަށް ރޭކާނުލައެވެ.

"ނޫނޭ..... މިއަދު ދެން ވާރޭވެސް ނުވެހެއެއްނު؟" ޒިހާން ބުނެލިއެވެ. ހަމަ އެ ވަގުތު ވާރޭގެ ތިކިތައް އެގޭގެ މަތީގައި ޖެހެން ފެށި އަޑު އިވުނު ވަގުތެވެ. އިސާހިތަކު ބޯކޮށް ވާރޭ އޮއްސިގަތުމުން ޔުނާއާއެކީ ޒިހާނަށް ވެސް ވަށައިގެން ނަޒަރެއް ދެވުނެވެ.

"ސީ؟ އިޓްސް އަ ސައިން!" ޔުނާ ޖޯޝާއިއެކީ ބުނެލިއެވެ. އެހިނދު ޒިހާން ލުއި ގޮތަކަށް ހީލަމުން އިސްޖަހައިލިއެވެ.

"ހަމަ ބުނަންވީ؟" ޒިހާން އަހައިލިއެވެ.

"ހުމް ބުނަންވީ....." ޔުނާ އެހެން ބުނެލިއިރު އޭނަގެ މެއަށް ފިނިވިއެވެ. އިވެން މިއުޅެނީ ކޮންކަހަލަ ވާހަކައެއްކަމުގެ ހިލަމެއް އެވަގުތު ވުމުންނެވެ. އޭނައަށް އިތުރަށް ނުވިސްނެނީސް ޒިހާންގެ އަޑު ޔުނާއަށް އިވުނެވެ.

"އައި ލަވް ޔޫ، ޔުނާ." ޒިހާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ބުނެލިއެވެ. އެއާއެކު ޔުނާގެ އަތްފައި ފިނިވެ ހުއްޓުން އަރާ ގޮތްވިއެވެ.

(ނުނިމޭ)