ކޮވިޑް 19 އާއި ގުޅިގެން ވިސާ، އާ ނުކުރެވުނު ބިދޭސީންނަށް، ވިސާ އާ ނުކޮށް ފުރޭނެ އިންތިޒާމު އިމިގްރޭޝަނުން ހަމަޖައްސައިފި އެވެ.

އިމިގްރޭޝަނުން އިއްޔެ ގެޒެޓު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ރާއްޖެއަށް ޓޫރިސްޓް ވިސާ، ބިޒްނަސް ވިސާ، އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ މީހުންގެ ތެރެއިން ވިސާގެ މުއްދަތު 19 މާރޗް 2020ގެ ފަހުގެ ތާރީހަކަށް ހަމަވާނަމަ އެމީހުންނަށް ވިސާ އާނުކޮށް، ރާއްޖެއިން ފުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށެވެ.

އެގޮތުން މިފަދަ ބިދޭސީން ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާނެ ކަމަށާއި، މި އިންތިޒާމުގެ ދަށުން ވިސާ ހަމަވެފައިވާ ބިދޭސީންނަށް ފުރޭނީ "އެޕްލިކޭޝަން ފޯ އިމާޖެންސީ ޑިޕާޗާ" ފޯމު ފުރުމަށްފަހު އިމިގްރޭޝަނުގެ ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުން ކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެ އިތުރުން ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލާސް ހެލްތު ޑިކްލެރޭޝަން" ފޯމު ފުރުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

ވޯކް ވިސާ ފިޔަވައި އެހެން ވިސާގެ މުއްދަތު 19 މާޗް 2020ގެ ކުރީގެ މުއްދަތަކަށް ހަމަވެފައިވާ މީހުން ވިސާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅަން ޖެހޭ ފޯމާއި އިތުރު ލިޔެކިއުންތައް [email protected] އަށް މެއިލް ކުރުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.

އޭގެ ފަހުން އަމަލު ކުރަންވީ ގޮތް މެއިލްގެ ޒަރީއާއިން ހިއްސާ ކުރާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި "އެޕްލިކޭޝަން ފޯ އިމާޖެންސީ ޑިޕާޗާ" ފޯމު ފުރައިގެން ރާއްޖެއިން ފުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހެވެ.

މި ހިދުމަތްތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފު ކުރުމަށް ވޯކް ވިސާ ހޮޓްލައިން ނަންބަރު 9199153، ވޯކް ވިސާ ފިޔަވާ އެހެން ވިސާ ތަކުގެ ހޮޓްލައިން ނަންބަރު 9555222 އަދި އެއާޕޯޓު އިމިގްރޭޝަން އޮފީހުގެ ނަންބަރު 3330417 އަށް ގުޅައިގެން މައުލޫމާތު ސާފު ކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ކޮވިޑް 19ގެ މިދަނޑިވަޅުގައި އިމިގްރޭޝަނުން މަސައްކަތް ކުރަނީ އިމިގްރޭޝަންގެ ހިދުމަތް ހޯދާ މީހުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް ވާއިރު، އެމީހެއްގެ، ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީންގެ ވިސާގެ ކަންކަން ފަހަށް ނުބަހައްޓާ، ގަވައިދުން ފުރިހަމަ ކުރުމަށް އިމިގްރޭޝަނުން އެދިފައިވެއެވެ.