_27 އޯގަސްޓުގެ އަދަދާ ގުޅޭ)
"އޭނާ ހޭފުޅުނެތިފައި އޮންނަވަނިކޮށް ތިޔަބޭފުޅުން ފިކުރުފުޅު ބޮޑުވާނެގޮތް ހަދަން އަޅުގަނޑަށް ނުފެނުނީއެވެ. އަޅުގަނޑު ބޭނުންވީ އެންމެފުރަތަމަ އޭނާގެ ހާލުކޮޅާމެދު ހިތްހަމަޖެހުން ލިބިގަތުމަށެވެ. އަނެއްކޮޅުން ކިއްލާގެ ދޮރުވެސް ހުރީ ބޭރުމީހުނަށް ބަންދުކޮށްފައެވެ. އެއްވެސް ޒަޚަމީއެއްގެ ގާތްތިމާގެފުޅު ބޭފުޅުންނަކަށް އެތެރެޔަށް ވެދެވަޑައިގެންނެވުމުގެ ހުއްދައެއް ނެތެވެ. އޭނާ އިރުކޮޅަކަށް ހޭފުޅު އެރިއެވެ. އެކަމަކު އޭނާގެ ޒަޚަމު ފިއްސުމުން ދެވަނަފަހަރަށް ހޭފުޅުނެތިއްޖެއެވެ. އެހައިތަނުން ޝަހެންޝާހުގެ އަމުރުފުޅު އައީ ޒަޚަމީން މަދާއިނަށް ބަދަލުކުރުމަށެވެ. އަޅުގަނޑު ގަސްދުކުރީ އެކަން ނިންމައިފައި ފުރުސަތެއް ލިބުނުހައި އަވަހަކަށް ކަލާގެ އަރިހަށް އަންނާށެވެ. އެކަމަކު އެކަން ނިމޭއިރަށް ޢަސްކަރީ އޮފިސަރުންގެ ޖަލްސާއެއް ބާއްވަން ޝަހެންޝާހު އަންގަވައިފިއެވެ. ކަލާގެ ބޭބޭފުޅުގެ ބަދަލުގައި އެޖަލްސާގައި ބައިވެރިވާންޖެހުނީ އަޅުގަނޑަށެވެ. ޝަހެންޝާހު މި ޙަމަލައިގެ ނަތީޖާއިން ހުންނެވީ ވަރަށްބޮޑަށް ހިތްވަރުފުޅު ދެރަވެފައެވެ. ޝަހެންޝާހު އަމުރުކުރެއްވީ ވަގުތުން ބެހެރާޝޭރު ހުސްކުރާށެވެ. އަޅުގަނޑަށް ޖެހުނީ އަރިހުގައި ދާށެވެ. އެއަށްފަހު އަޅުގަނޑު ދިޔައީ މަދާއިނުގެ ޢަސްކަރީ މަރުކަޒަށެވެ. ކަލާގެ ބޭބޭފުޅު ހޯދާށެވެ. އޭނާ އެދިވަޑައިގެންނެވުމަކީ ކަލާއަށް ޚަބަރު ދެންނެވުމުގެ ކުރީން މަދާއިނުގައި ހުންނަ އޭނާގެ އަމިއްލަފުޅު ގެޔަށް އޭނާ ގެންގޮސްދިނުމެވެ. އަޅުގަނޑު އޭނާ ފާލިކީއަށް ލައިގެން ޢަސްކަރީ މަރުކަޒުން ނުކުންނަނިކޮށް ކަލާގެ ޚާދިމާވެސް ދިމާވެއްޖެއެވެ. މިހާރު އަޅުގަނޑަށް ފުރިހަމަ ޔަގީންކަމާއެކު ކަލާއަށް ދެންނެވިދާނެއެވެ. އޭނާގެ ހާލުކޮޅާމެދު ކަންބޮޑުވެވަޑައިގަންނަވާކަށެއް ނުޖެހެއެވެ. އަޅުގަނޑު މިއައީ އޭނާގެ ހާލުކޮޅު ބަލަން ސިފައިންގެ ދެމީހުންވެސް ބައިތިއްބައިފައެވެ.
ކަލާ ވީހައިވެސް އަވަހަކަށް މަދާއިނަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު މިއުޅެނީ ވަރަށް އަވަދިނެތިއެވެ. އެހެން ނޫންނަމަ ކަލާގެ އަރިހުގައި ދިޔައީމުހެވެ. އިރުއޮއްސުމާއެކު ފާލަންތައް ހަލާކުކޮށްލާނެއެވެ. އޭގެފަހަކުން ބައްތެއްވެސް ލިބިވަޑައެއް ނުގަންނަވާނެއެވެ. ކަލާ އެއްގޮތަކަށްވެސް ލަސްނުކުރައްވާށެވެ. ޝަހެންޝާހު ނުކުމެވަޑައިގެންނެވުމާއެކުވެސް ބައެއް މީހުން އަމާން ދިދަ ނަގާން އުޅުނެވެ. ރަށް ޙިމާޔަތްކުރާން ކޮންމެވެސް ވަރަކަށް ސިފައިން ނެތްނަމަ އެބައިމީހުން ދުޝްމިނުންނަށް ރަށުގެ ދޮރުތައްވެސް ހުޅުވައިދީފީހެވެ. ދެން އަޅުގަނޑަށް މިގެއަށް އާދެވޭނެކަމެއް ނޭނގެއެވެ. އިރުއޮއްސޭންވާއިރަށް ހުރިހައި ސިފައިންވެސް ރަށުން ފައިބައި ނިންމާނެއެވެ."
ماه بانو ސުވާލު ކުރެއްވިއެވެ. "ކަލާ ތިޔަ ވަޑައިގަންނަވަނީ ކޮންތަނަކަށްތޯއެވެ؟"
އާދުމާން ޖަވާބު ދެއްވިއެވެ. "އަޅުގަނޑުގެ އެތައް އެކުވެރީންނެއް ވަނީ ހަނގުރާމައިގައި ޤަތުލުވެފައެވެ. ވަރަށްގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. އެހެންކަމުން އަޅުގަނޑު ވަރަށްގިނަ ހުވަފަތުންނާއި ޔަތީމުން ބެހެރާޝޭރުން ނެރޭން ޖެހެއެވެ. ދެން އަޅުގަނޑަށް ހުއްދަ ދެއްވާށެވެ."
އާދުމާން އަސް ދުއްވައިލައްވައިފިއެވެ. އެކަމަކު ތަންކޮޅަކަށް ވަޑައިގެންފައި އެނބުރި ވަޑައިގެން ވިދާޅުވިއެވެ. "ބައްލަވާށެވެ. ތިޔަބޭފުޅުންނަށް އޮތީ ވަރަށް ކުޑަކުޑަ ވަގުތުކޮޅެކެވެ. ހަވީރުވުމުގެ ކުރީން ކޯރުގެ ފާލަމާ ހަމަޔަށް ވަޑައިނުގެންނެވިއްޖެނަމަ ވަރަށް ނުރައްކާވާނެއެވެ. މިރަށުގައި މިހާރު މަޑުކޮށްގެން މިތިބީ ދަށްފަންތީގެ މީހުންނާއި އަޅުންނެވެ. އެބައިމީހުންގެ މަޤުޞަދަކީ ފޭރުމެވެ. މުސްލިމުންނަށްވުރެ އެބައިމީހުންގެ ނުރައްކާތެރިކަން މާބޮޑުވާނެއެވެ. އަޅުގަނޑު ފާލަން ހުރަސްކުރުމާއެކު މަޢުލޫމާތު ލިބުނުގޮތުގައި ލަޝްކަރު ރަށުން ފައިބާން ފެށުމާއެކު މުޖުރިމުންގެ އެތައްބަޔަކު ވަނީ ފޭރުމުގެ ކަންތައް ފަށައިގެންފައެވެ. އަމީރުންގެ ވަރަށްގިނަ ޚާދިމުންނާއި އަޅުންވެސް ވަނީ މުޖުރިމުންނާ ބައިވެރިވެފައެވެ. އޭރު އަށެއްކަވަރަކަށްހާސް ސިފައިން ތިއްބެވެ. އެހެންކަމުން ސިފައިން ވަނީ އެކަހަލަ ބައެއް މީހުން ހައްޔަރުކޮށް ޤަތުލުކޮށްފައެވެ. އެކަމަކު އިރުއޮއްސުމަށްފަހަކު ސިފައިންނެއް ނުތިބޭނެއެވެ. ހަވީރުގެ ފަހުން މިރަށުގައި ތިބިބަޔަކު ތިބޭނީ ވަގުންނާއި ފޭރޭމީހުންގެ އަތްމަތީގައެވެ."
ماه بانو އާއި يـاسمـين އާ ދެބޭފުޅުން ހަތިޔާރުއެޅި ޚާދިމުންގެ ދެމީހުނާއެކު އަސްމަތީގައި ބޭރަށް ނުކުމެވަޑައިގެންފިއެވެ. އޭގެ މިނިޓުކޮޅެއްގެ ކުރީން ދެ ޚާދިމަކު ވަނީ ދެ ގަޓަރިޔެއް ހިފައިގެ ބޭރަށް ނުކުމެފައެވެ.
ދޮރޯށީގައި ފާރަވެރީންގެ ދެމީހުން ތިއްބެވެ. ماه بانو އެދެމީހުންގެ ހިތްހަމަޖައްސައިދެއްވަމުން ވިދާޅުވިއެވެ. "ތިޔަބައިމީހުން ކަންބޮޑު ނުވާށެވެ. އަހަރެމެން ވަރަށް އަވަހަށް އެނބުރި އަންނާނޫއެވެ. އަހަރެންގެ ބޭބެ ޒަޚަމުވެވަޑައިނުގެންނެވިނަމަކަ އަހަރެމެން ގެ ދޫކޮށްލައިފައެއް ނުދާނޫއެވެ. އަހަރެމެން މަދާއިނަށް ދެވުނުހައި އަވަހަކަށް ތިޔަބައިމީހުންގެ އެކުވެރީން އަނބުރައި ފޮނުވާނޫއެވެ. މުސްލިމުންދެކެ ތިޔަބައިމީހުން ބިރުގަންނާނެކަމެއް ނެތެވެ. އެބައިމީހުން މިރަށަށް އެރުމަށްފަހު އެމީހުންގެ އެންމެފުރަތަމަ މަސްއޫލިއްޔަތަކަށް ހަދާނީ ބެހެރާޝޭރު ޙިމާޔަތް ކުރުމެވެ. އެމީހުން ހަނގުރާމަކުރާނީ އެމީހުނާ ހަނގުރާމަކުރާ ސިފައިންނާއެވެ. ހަތިޔާރު ބަހައްޓާ މީހުނާ ދިމާޔަކަށް އަތްއުފުލައެއް ނުލާނެއެވެ."
ފާރަވެރީންގެ އެކަކު ބުންޏެވެ. "އަޅުގަނޑުމެން މަރުވެދާނެތީކީ ބިރެއް ނުގަނެއެވެ. އެކަމަކު އެމީހުން އަޅުގަނޑުމެން ޤަތުލު ނުކުރާނެކަން ޔަގީންފުޅުތޯއެވެ؟"
"އާނއެކެވެ. އެމީހުން ތިޔަބައިމީހުން ޤަތުލެއް ނުކުރާނެއެވެ. އަހަރެން އެކަމުގެ ޒިންމާއާ ހަވާލުވަމެވެ. އަހަންނަށް ޔަގީނެވެ. މުސްލިމުންކުރެ އެންމެ ފުރަތަމަ މިގެއަށް އަންނަ މީހުންކުރެ އެކަކީ ތިޔަބައިމީހުންނަށް ބީރައްޓެއްސަކަށް ނުވާނެއެވެ."
"އެއީ ކާކުތޯއެވެ؟" ފާރަވެރިޔަކު ހައިރާންކަމާއެކު ސުވާލުކުރިއެވެ.
"އެމީހަކީ سُهيل އެވެ. އޭނާއާއެކު އަދި އެހެންމީހަކުވެސް ހުންނާނެއެވެ. އޭނާ އަހަރެމެންނާ ބެހޭގޮތުން ސުވާލު ކޮށްފިނަމަ ބުނާށެވެ. ޒަރުބަޚުތު ޒަޚަމުވެވަޑައިނުގެންނެވިނަމަ އަހަރެމެން ތިޔަބައިމީހުންދެކެ ބިރުން ފިލާކަށެއް ނުއުޅޭނަމެވެ."
يـاسمـين ވިދާޅުވިއެވެ. "އޭނާގެ ނަމަކީ حسّان އެވެ. އެބޭފުޅުން މިގޭގައި އުޅުއްވާން ގަސްދުކުރައްވައިފިނަމަ އެބޭފުޅުންގެ މޭޒުބާނުން ގޭގައި ނުއުޅޭކަން އިޙުސާސުވެވަޑައިގެންނެވިޔަދީގެން ނުވާނެއެވެ." ފާރަވެރީންގެ ދެމީހުން ހައިރާންކަމާއެކު އެކަކު އަނެކަކާ ދިމާޔަށް ބަލާންފަށައިފިއެވެ.
ދެބޭފުޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ހަތިޔާރުއެޅި ދެސަވާރުން ކުރީގައި ތިއްބެވެ. އޭރު އިރުއޮއްސޭން އެއްގަޑިއިރު ހުއްޓެވެ. އެބޭފުޅުން ހަމަޖެހިވަޑައިގެން ތިއްބަވައި ކޯރާ ދިމާޔަށް މިސުރާބު ޖައްސަވައިފިއެވެ. ދުއިސައްތަވަރަކަށް ގަޒާ ހަމަޔަށް ވަޑައިގެންނެވުނުތަނާ އެބޭފުޅުންނަށް ފެނިވަޑައިގެންނެވީ އިރުކޮޅެއްގެ ކުރީން އެބޭފުޅުން ދެގަޓަރި ދެއްވައިފައި ފޮނުއްވި ދެނޯކަރުން ވަރަށް ބާރަށް ދުވެފައި އަންނަތަނެވެ. ފަނަރަވަރަކަށް ވިއްސަކަށް މީހުން އެދެމީހުންގެ ފަހަތުން ފަހައި އާދެއެވެ. އެކެއްގެ އަތަކު ގަޓަރިޔެއް ނެތެވެ. ފަހަތުން އަންނަ މީހުން އަނެކެއްގެ އަތުގައި އޮތް ގަޓަރިވެސް ފޭރިގެންފިއެވެ. އެދެމީހުން ހަތިޔާރުއެޅި ނޯކަރުންނާ ދިމާޔަށް ހަޅޭއްލަވައިގަތެވެ. އެބޭފުޅުން މިކޮޅަށް ނުގެންނާށެވެ. އަވަހަށް އެނބުރި ގެޔަށްދާށެވެ. ނޯކަރުންގެ އަތުން ގަޓަރި ފޭރިގަތް މީހުންގެ ތެރެއިން އެންމެކުރީގައިހުރީ މެންދުރު އެބޭފުޅުން ދެކެވަޑައިގެންނެވި ވަރުގަދަ ކަޅުމީހާއެވެ. އޭނާގެ އަތުގައި ކޯރާޑިޔެއް އޮތެވެ.
ނޯކަރުން ވަރަށް އާދޭހާއެކު ماه بانو އާއި يـاسمـين ގެ އަރިހުގައި ދެންނެވިއެވެ. "ކުރިޔަށް ވަޑައިނުގަންނަވާށެވެ. ލުޓޭރުންގެ އަދަދު ވަރަށްގިނައެވެ. މުޅި ރަށުތެރޭގައި އޮތީ ފޭރުމެވެ." ލުޓޭރުންގެ ސަރުދާރު ކުރިޔަށް ޖެހިލައިފައި ބުންޏެވެ. "ތިޔަބައިމީހުންގެ ޢިއްޒަތް ސަލާމަތްކުރާން ބޭނުންކަމުގައިވާނަމަ އަސްމަތީން ފައިބާށެވެ. ތިޔަބައިމީހުންގެ ޚާދިމުންނަށްވެސް ހަތިޔާރުތައް އުކައިލާން އަންގާށެވެ. ފުރޭބުރުޒުގެ ޚަޒާނާ ހުރިތަނެއް ދައްކަނިކޮށް އަހަރެމެން ތިޔަބައިމީހުން ހުއްޓުވާކަށެއް ނުއުޅޭނޫއެވެ." ماه بانو ޖަވާބު ދެއްވުމުގެ ބަދަލުގައި ސަވާރުންނަށް އިޝާރަތްކޮށްލެއްވިއެވެ. އެބައިމީހުން އަސް އަނބުރައިލައިފިއެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުންވެސް އަސް އަނބުރައިލައްވައިފައި ވަރަށް ބާރަށް ވަޑައިގެން ގޭގެ ދޮރާށީން އެތެރެޔަށް ވެދެވަޑައިގެންފިއެވެ. އޭރުވެސް ލުޓޭރުން އެބޭފުޅުންގެ ފަހަތްޕުޅުން ހަޅޭއްލަވަމުން ދުވެފައި އާދެއެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން އެތެރެޔަށް ވެދެވަޑައިގެންނެވުމާއެކު ފާރަވެރީން ދޮރޯށި ލައްޕައި ތަޅުލައިފިއެވެ.
އިރުއޮއްސިއްޖެއެވެ. ފޭރޭމީހުންގެ ޖަމާޢަތުން އެގެ ޙިޞާރުކުރާން އުޅުމުގެ ބަދަލުގައި އިސްކަންދިނީ އެގޭގެއިން އެބައިމީހުންގެ ކުރިމަތީގައި ކުޑަވެސް ދެކޮޅުވެރިކަމެއް ނުދެއްކޭނެ ގޭގެޔާ ދިމާޔަށެވެ.
ماه بانو ފަޅުވެފައިއޮތް މަގާ ދިމާޔަށް ބައްލަވާން ދޮރާށިމަތީގައި ހުންނެވިއެވެ. އެއަށްފަހު ޚާދިމުންނާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މިހާރު މިއީ އަހަރެމެންގެ ކިއްލާއެވެ. މި ވަޙުޝީންތައް އަނިޔާވެރިކަމާ އެއްވަރަށް ފިނޑިވެސްމެއެވެ. ތިޔަބައިމީހުންގެ ތުރުކަހުގައި ތީރު ހުއްޓައެއް އެމީހުން މިގެއާ ކައިރިޔެއް ނުވާނެއެވެ. އެހެންކަމުން ދުނިއުކާންވާނީ ވަރަށް ބަލައިގެންނެވެ."
"އަޅުގަނޑުމެންގެ އަތުގައި ދުނި މަދެއް ނުވާނެއެވެ. އަޅުގަނޑުމެން އެމީހުން ދޮރާއްޓާ ކައިރިވިޔަކަ ނުދޭނޫއެވެ. އެކަމަކު އެބައިމީހުން ގޭގެ ބިއްދަށުން ފާރުމަތީން އަރައިގެން އެތެރެޔަށް ވަދެއްޖެނަމަ ހަދާނީ ކިހިނަކުންތޯއެވެ؟"
"އޭރުން އަހަރެން ޙިމާޔަތް ހޯދާނީ ގޭތެރެއިންނެވެ. އަހަރެމެންނަށް ބާލުޚާނާގެ ކުޑަދޮރުތަކުންނާއި މަތީބުރީގެ ހާމަ ފުރާޅުމަތީން ދުނި އުކައިގެން އެބައިމީހުން ގެޔާ ކައިރިވިޔަ ނުދީވޭތޯ ބަލާނީއެވެ. މިރޭ ސަލާމަތުން ވޭތުވެއްޖެކަމުގައިވާނަމަ އަހަރެމެންނަކަށް ނުރައްކަލެއް ނޯންނާނެއެވެ. އަހަރެންގެ ބޭބެ އަހަރެމެން މިގެއިން ސަލާމަތްކުރައްވަން މަސައްކަތް ކުރައްވާނެއެވެ."
ނޯކަރަކު ދެންނެވިއެވެ. "މުސްލިމުން މިރޭ ބަހެރާޝޭރު ހިފައިފިނަމަ ދެން ވާނީ ކިހިނަކުންތޯއެވެ؟"
"މުސްލިމުން މިރޭ ބެހެރާޝޭރު ހިފައިފިނަމަ ތިޔައިން މީހެއްގެ ލޯއްޔެއްވެސް ބޭކާރު ނުވާނެކަމުގެ ޒިންމާއާ އަހަރެން ހަވާލުވަމެވެ. ތިޔަބައިމީހުން މުސްލިމުންދެކެ ބިރުނުގަތުން އެދެމެވެ."
ނޯކަރަކު ދެންނެވިއެވެ. "ލުޓޭރުން ކޮންމެ ވަގުތަކުވެސް ގޭގެބިއްދޮށުން ފާރުމަތީން އަރައިގެން އެތެރެޔަށް ވަދެދާނެއެވެ. އެހެންކަމުން ތިޔަބޭފުޅުން މިތާނގައި ތިއްބެވުން ރައްކާތެރިއެއް ނޫނެވެ. ތިޔަބޭފުޅުން ގޭތެރެޔަށް ވަޑައިގަންނަވާށެވެ. އަޅުގަނޑު މިތާނގައި ހުންނާނަމެވެ. އެބައިމީހުން ރޭގަނޑު ޙަމަލަދީފިނަމަ އަޅުގަނޑުގެ ދުނިތަކުން އެބައިމީހުންނަށް އަޅުގަނޑު ހުރީ އެކަނިކަމުގައި އިޙުސާސްވިޔަކަ ނުދޭނަމެވެ. ތިޔަބޭފުޅުން އަވަސްކުރައްވާށެވެ. އެހެންނޫނީ މިތާނގައި ތިއްބަވަނިކޮށް ވަށައިލައިފިނަމަ ވަރަށް ނުރައްކާވާނެއެވެ."
ماه بانو ކަންބޮޑުވެވަޑައިގެން އެނޯކަރާ ދިމާޔަށް ބައްލަވައިފައި ވިދާޅުވިއެވެ. "އެކަމަކު ކަލޭ....."
ނޯކަރު ماه بانو ގެ ބަސްފުޅު މެދުކަނޑުވައިފައި ދެންނެވިއެވެ. "ކަމަނާ އަޅުގަނޑާމެދު ފިކުރުފުޅު ނުކުރައްވާށެވެ. ތިޔަބޭފުޅުންނަށް މިފަރާތުގެ ހާލާތު އެނގިވަޑައިގެންނެވުމަށްޓަކައި އަޅުގަނޑު ދޭތެރެއިން އަޑެއް އިއްވަމުން ގެންދާނަމެވެ. އަޅުގަނޑަށް އެބައިމީހުން ނުހުއްޓުވިއްޖެނަމަ ތިޔަބޭފުޅުންގެ އަރިހަށް ދާން މަސައްކަތް ކުރާނަމެވެ. ނުވަތަ ބަގީޗާގެ ތެރޭގައި ފިލާނަމެވެ. ކަލާކޮށްޓަކައި އެތެރެޔަށް ވަޑައިގަންނަވާށެވެ."
يـاسمـين އާއި ماه بانو އާ ދެބޭފުޅުން ދޮރޯށިމަތީން ފައިބައިވަޑައިގެންފިއެވެ. ދެންތިބި ހަތަރު ނޯކަރުންނާއެކު ދުވެވަޑައިގެންފައި ގޭތެރެޔަށް ވަޑައިގެންފިއެވެ.
ރޭދެބައިވެއްޖެއެވެ. ލުޓޭރުންގެ ހިލަމެއް ނުވެއެވެ. ماه بانو ލަފާކުރެއްވީ ލުޓޭރުން އެގެޔަށް ޙަމަލަދިނުމުގެ ވިސްނުން ބަދަލުކޮށްލީ ކަމުގައެވެ. ތިން ނޯކަރުން (އޭގެތެރެއިން އެކަކު ހުރީ ޒަޚަމުވެފައެވެ.) ހާމަ ފުރާޅުގައި ފޯރިމަރަމުން ގެންދެއެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން ތިއްބެވީ މަތީބުރީގެ މެދުކޮޓަރީގައެވެ. އެކޮޓަރީގައި ބަގީޗާއާއި މެދުގޯއްޗާ ދިމާޔަށް ހުޅުވޭ ކުޑަދޮރުތަކުގެ ކައިރީގައެވެ. ނޯކަރުން ވަނީ ސިޑީގެ ދޮރު ލެއްޕުމުގެ ކުރީން ގިނަ އަދަދެއްގެ ގާވެސް ހާމަފުރާޅަށް ޖަމާކޮށްފައެވެ. ނޯކަރުންނެކޭ އެއްފަދައިން އެބޭފުޅުންގެ ތުރުކަސްވެސް ވަނީ ދުނި އަޅުއްވައި ފުރައިލައްވައިފައެވެ. ކައިރި ހިސާބުގެ ގޭގޭގެ ތެރެއިން ލުޓޭރުންގެ ހަޅޭފަޅޭކުގެ އަޑު އިވެމުންދެއެވެ. އަންހެނުންތައް ބިރުން ރޯއަޑު އިވެއެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު