މާލޭގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެކަން ހާމަކުރެއްވީ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލިހުގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ.

މާދަމާ ހެނދުނު ބާއްވަން ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުމަށް އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)، އެމްއެންޑީއެފް އަދި ފުލުހުންގެ ކަމާގުޅޭ ބޭފުޅުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރަން ވެސް ވަނީ ނިންމައިފަ އެވެ.

މިރޭ ގާތްގަނޑަކަށް 9:30 އެހާކަންހާއިރު ފުރަތަމަ އަލިފާން ރޯވީ އެސްބީއައި ބޭންކާ ޖެހިގެން ހުންނަ ޓިއޮލޯ ކެފޭގަ އެވެ. އަލިފާނުގެ ހާދިސާގައި ދެ ބުރިއަށް ހުންނަ އެ ކެފޭ އެއްކޮށް އަނދައި ހުލިވެފައިވާއިރު އެސްބީއައި ބޭންކު ހުންނަ އިމާރާތަށް ވެސް އަލިފާނުގެ އަސަރުކޮށް، ބައެއް ގެއްލުންތައް ލިބިފައިވެ އެވެ.

އެތަނުގައި ރޯވި އަލިފާންގަނޑު ފެތުރުން ކޮންޓްރޯލް ކުރެވުނީ މިރޭ 11:30 އެހާކަންހާއިރު އެވެ. އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ އެންޑް ރެސްކިއުގެ އިތުރުން ވެލާނާ އެއާޕޯޓްގެ ފަޔާ ފައިޓަރުންނާއި ފަޔާ ލޮރީ ހަރަކާތްތެރިވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ. އަދި އެއްވެސް ފަރާތަކަށް ވަގުތީ ހިޔާވަހިކަމެއް ވެސް ފޯރުކޮށްދޭ ޖެހިފައިނުވާ ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

އެ ހާދިސާގެ ކަންކަން ބެލުމަށް ގައުމީ ސަލާމަތީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމި އިރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް ވަނީ މިރޭގެ އަލިފާނުގެ ހާދިސާއަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައިވުން އެކަށީގެންވާ ކަމަށް ވިދާޅުވެފަ އެވެ.