ކޮމަންވެލްތު ގޭމްސް

ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްއިން ފުރުސަތު ދީފި

ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ދީފިއެވެ.

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ދޭން ނިންމާފައިވާކަން އިއުލާންކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ މިއަދަކީ ރާއްޖޭގެ ކުޅިވަރަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ރާއްޖެއަށް އަލުން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ރައީސް ޑެމޭ ލުއިސް މާޓިން އަންގަވާފައިވާ ކަމަށެވެ.

ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް އަލުން ހޯދައިދިނުމުން ރައީސް ވަނީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ޝުކުރު ދަންނަވައިފައެވެ.

އެކަމާ ގުޅޭގޮތުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް ކޮމަންވެލްތު ގޭމްސްއިން ފުރުސަތު ލިބިގެންދިއުމަކީ ދިވެހި އެތުލީޓުންނަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށާއި 2022ގައި އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބޭނެ ފަހުރެއް ކަމަށެވެ.

ރާއްޖެއަށް ކޮމަންވެލްތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި 2016 ވަނަ އަހަރު ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ނިންމުމާ ގުޅިގެންނެވެ. ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް ކޮމަންވެލްތުން ރާއްޖެ ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބޭއްވި އޭރު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ކޮމަންވެލްތުން ރާއްޖެ ވަކިވާން ފެންނަ ކަމަށް 39 މެންބަރަކު ވޯޓު ދެއްވައިގެންނެވެ. އެދުވަހުގެ ޖަލްސާގައި އެކަމާ ދެކޮޅަށް 19 މެންބަރަކު ވޯޓު ދެއްވިއެވެ.

އެ މައްސަލަ ދިރާސާކޮށް މަޖިލީހަށް ހުށަހެޅި، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތު ކޮމެޓީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ގޮތުގައި އޮތުމުން ހަމަ އާއި އިންސާފުން ބޭރުން ރާއްޖެއާ މެދު ފިޔަވަޅު އަޅައި ރާއްޖޭގެ ދާހިލީ ސިޔާސަތަށް ބާރު ފޯރުވާފައިވާ ކަމަށެވެ. އަދި ދައުލަތުގެ މިނިވަންކަމާއި އިސްތިގުލާލަށް ވެސް ނުފޫޒު ފޯރުވަން ކޮމަންވެލްތުން މަސައްކަތްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވޭތުވެދިޔަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަން ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީނާ ދެކޮޅަށް ނުކުންނަވައި އިންތިހާބު ކާމިޔާބު ކުރެއްވި އިރު، އަލުން ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ ހެއްދެވުމަކީ މިހާރުގެ ރައީސް، ރައީސް ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި މަޝްވަރާކުރެއްވުމަށްފަހު ރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ނިންމެވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައެވެ. އަދި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމުން ކޮމަންވެލްތުގައި ރާއްޖެއިން އަލުން ބައިވެރިވުމަށް ފާސްކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބޭއްވި އެ މަޖިލީހުގެ ޖަލްސާގައެވެ.

ކޮމަންވެލްތުގެ ހުރިހާ ގައުމެއްގެ ފުރިހަމަ ތާއީދާއެކު ރަސްމީކޮށް ކޮމަންވެލްތުގެ މެންބަރެއްގެ ގޮތުގައި ރާއްޖެ އަލުން ކަނޑައެޅިގެން ދިޔައީ މިއަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. ކޮމަންވެލްތުގައި ރާއްޖޭން ފުރަތަމަ ބައިވެރިވީ 1982 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ.

އެންމެ ފަހުން ރާއްޖެއިން ކޮމަންވެލްތު ގޭމްސްގައި ބައިވެރިވީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައެވެ. ކޮމަންވެލްތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ގިނަ ކުރިއެރުންތަކެއް ހޯދާ މުހިންމު ގޭމްސްއެކެވެ.