މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދަން ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

މާލޭގެ ރައްޔިތުންނަށް ހިދުމަތް ނުދެވޭތީ އާއި ލާމަރުކަޒީ ގާނޫނާ އެއްގޮތަށް ކައުންސިލް ނުހިންގަވާ ކަމުގެ ތުހުމަތުކޮށް، 39 މައްސަލައަކާއެކު ޝިފާ އާއި ޝަމާއުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީނެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭނާ ހުށަހެޅުއްވި އެ މައްސަލަ ކުރިއަށް ގެންދިއުމަށް ކައުންސިލުގެ އަށް މެންބަރަކު ވޯޓު ދެއްވި އިރު، ހުށަހެޅިފައިވާ މައްސަލަތަކަށް ޖަވާބުދާރީވާން ޝިފާ އާއި ޝަމާއު އަށް 10 ދުވަސް ދިނެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރު ވެސް ދެބޭފުޅުން ވެސް ޖަވާބުދާރީވެވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އެ މައްސަލައިގައި މިއަދު މެންދުރުފަހު 3:00 ގައި ވޯޓު ނަގަން އޮތީ އެޖެންޑާކޮށްފަ އެވެ.

ނަމަވެސް އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ސޮއިކުރައްވައި މާލޭ ސިޓީ ކައުންސިލަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށް ގެންދާ ދަނޑިވަޅެއްގައި މާލޭ މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި އެ އޮތޯރިޓީގެ ބޯޑުގެ ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

"..އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުން ގެންދާ މި ދަނޑިވަޅުގައި މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށަހަޅުއްވާފައިވާ، ތިޔަ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުބާރު ނެތްކަމުގެ ވޯޓު މިވަގުތު ކުރިއަށް ނުގެންދެވުމަށް ދެންނެވީމެވެ،" އެލްޖީގެ ސީއީއޯ ސޮއިކުރައްވާ ފޮނުވި ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެލްޖީއޭ އިން އިންކުއަރީއެއް ކުރިއަށް ގެންދަނީ ފަޒީން އާއި ހެންވޭރު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަނިކާ ގުޅޭގޮތުން އެ އޮތޯރިޓީއަށް ޝިފާ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލައިގައި ޝިފާ ވަނީ ފަޒީން އާއި މަނިކު އެ އިދާރާގެ މުވައްޒަފުންނަށް ބިރުދެއްކުން ފަދަ ކަންކަންކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ފަޒީން "ވަން" އަށް ވިދާޅުވީ، ޝިފާ އާއި ޝަމާއުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެލްޖީއޭ އަށާއި މާލޭ ސިޓީ ކައުންސިލަށް ހުށަހެޅި އިރު އޭނާ އާއި މަނިކާ ގުޅޭގޮތުން އެލްޖީއޭއަށް ޝިފާ މައްސަލަ ހުށަހެޅުއްވީ އޭގެ ފަހުން ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހުށަހަޅާފައިވާ އޮތްވާ، ޝިފާގެ ފަރާތުން އިތުރު މައްސަލައެއް އެލްޖީއޭއަށް ބަލައިގަނެވިގެން ނުވާނެ ކަމަށް ފަޒީން ވިދާޅުވި އެވެ.

ޝިފާ އާއި ޝަމާއުގެ އިތުބާރު ނެތްކަމުގެ ވޯޓު ކުރިއަށް ނުގެންދަން އެލްޖީއޭ އިން އެންގި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވައި ވޯޓާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.