ކޮވިޑް-19އާ ގުޅިގެން ރާއްޖޭގައި އިއުލާންކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ހާލަތާ ގުޅިގެން، އަސާސީ ޕެންޝަން ހައްގުވާ އުމުރު ފުރޭ މީހުންގެ ތެރެއިން އެ ޕެންޝަނަށް އެދި ފޯމު ހުށަނޭޅި ތިބި މީހުންނަށް ވެސް ފާއިތުވެ ދިޔަ މުއްދަތަށް އަސާސީ ޕެންޝަން ދޭ ގޮތަށް ނިންމައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.
ކޮވިޑާ ގުޅިގެން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ މާޗު މަހުގެ 12 ވަނަ ދުވަހު އެވެ. އަދިވެސް އެ ހާލަތު އުވައެއް ނުލަ އެވެ.
އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވާ ގޮތުން ޕެންޝަނާބެހޭ ގާނޫނުގެ ދަށުން އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ފައިސާ، އެކައުންޓަށް ޖަމާކުރެވޭނީ އަސާސީ ޕެންޝަނަށް އެދި ޕެންޝަން އޮފީހަށް ފޯމު ހުށަހެޅުމުންނެވެ.
އެގޮތުން އަސާސީ ޕެންޝަން ހައްގުވާ އުމުރު ހަމަވެފައިވީ ނަމަވެސް، އަސާސީ ޕެންޝަނަށް އެދި ހުށަހަޅާފައިނުވާނަމަ ފާއިތުވެފައިވާ މުއްދަތުގެ އަސާސީ ޕެންޝަންގެ ފައިސާ ޖަމާކުރެވޭނީ ފޯމު ހުށަހެޅި ތާރީހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށް އެ މާއްދާގައި ބުނެފައިވެ އެވެ.
ނަމަވެސް ޕެންޝަން އޮފީހުން ވަނީ އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ދިނުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އަކުރެއް އިތުރުކޮށް، އަމަލުކުރަން ފަށައިފަ އެވެ.
މިދިޔަ ބުދަ ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އެ އިސްލާހުގައި ބުނެފައި ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލާ ފަހުން 30 ދުވަސް ހަމަވާ ތާރީހުގެ ނިޔަލަށް، އަސާސީ ޕެންޝަން ހައްގުވާ އުމުރު ފުރޭ މީހުންގެ ތެރެއިން އަސާސީ ޕެންޝަން ލިބުމަށް އެދި ފޯމު ހުށަހެޅިފައި ނުވާ ފަރާތަކުން، އެ ހާލަތު އުވާލާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އަސާސީ ޕެންޝަނަށް އެދި ފޯމު ހުށަހަޅައިފި ނަމަ، އެ ފަރާތަކަށް އަސާސީ ޕެންޝަން ހައްގުވާ އުމުރު ފުރުނު މަހުން ފެށިގެން އަސާސީ ޕެންޝަނުގެ ފައިސާ ޖަމާކޮށްދޭނެ ކަމަށެވެ.
އެގޮތުން މިއަހަރުގެ މާޗް 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވައިލުމުން، އެ މާއްދާގެ ދަށުން ޝަރުތު ހަމަވާ މުއްދަތުތައް ބަޔާންކޮށް ޕެންޝަން އޮފީހުން އާންމުކޮށް އިއުލާން ކުރަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު