ސަރުކާރުގެ ''ގެދޮރުވެރިކުރުން'' ޕްރޮގްރާމްގެ ދަށުން، ފުވައްމުލައް ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓުތަކުގެ ތެރެއިން ބާކީ ހުރި ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

ގެދޮރުވެރިކުރުމުގެ މަޝްރޫއުގެ ދަށުން ފުވައްމުލަކުގައި ވަނީ 200 ފްލެޓު އިމާރާތްކޮށްފަ އެވެ. އޭގެ ތެރެއިން 120 ފްލެޓް ހާއްސަ ކޮށްފައި ވަނީ ފުވައްމުލަކު ރައްޔިތުންނަށެވެ. އަދި ވިހި ފްލެޓު ހާއްސަކޮށްފައި ވަނީ ފުވައްމުލަކަށް ހިޖުރަ ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ 200 ފްލެޓުގެ ތެރެއިން ބާކީ ހުރި ދެ ކެޓަގަރީއެއްގެ ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"ސަރުކާރުގެ ގެދޮރުވެރިކުރުވުމުގެ ޕްރޮގްރާމްގެ ދަށުން ފުވައްމުލަކުގައި އިމާރާތްކޮށްފައިވާ 200 ފެލެޓުގެ ތެރެއިން ބާކީހުރި އޭ ކެޓަގަރީގެ (ފުވައްމުލަކު ރައްޔިތުންނަށް ހާއްސަ ކުރެވިފައިވާ)40 ފެލްޓާއި ބީ ކެޓަގަރީ (ފުވައްމުލަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ) 7 ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު 30 އޮގަސްޓް 2020 ވާ އާދިއްތަ ދުވަހުން ފެށިގެން 10 ސެޕްޓެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް ހުޅުވާލަމެވެ." އިއުލާނުގައި ވެއެވެ.

ކައުންސިލުން ބުނީ މީގެކުރިން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރެއިން ޝަރުތު ހަމަވެ ފްލެޓް ލިބިފައި ނުވާ ފަރާތްތަކުގެ ފޯމުތައް މި ފުރުސަތުގައި ހިމެނުމަށް ބޭނުންވާނަމަ ސިޓީއަކުން އެކަން ހުށަހެޅޭނެ ކަމަށެވެ.

އެ ފޯމުތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ހާލަތު ބަދަލުވެފައިވާނަމަ ނުވަތަ ކުރިން ހުށަހަޅާފައިނުވާ ލިޔުމެއް ހުށަހަޅަން ބޭނުންވާނަމަ އަލުން ފޯމު ހުށަހެޅުމަށް ވެސް ކައުންސިލުން ވަނީ އެދިފައެވެ.

ފްލެޓަށް އެދޭ ފަރާތްތަކަށް ފޯމު ދޫކުރުމާއި ފޯމު ބަލައިގަތުން ކުރިއަށްދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި ސިޓީ ކައުންސިލްގެ ލޭންޑް ސެކްޝަނުން ކަމަށާއި ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް ހަމަނުވާ ފޯމުތަކާއި މައުލޫމާތު ފުރިހަމަ ނުވާ ފޯމުތައް ބަލައިނުގަންނާނެ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.