ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ ދަތިތަކާ ގުޅިގެން ކުލިތައް ދެއްކުމަށް އެޗްޑީސީން ދިން ލުއިތައް ދެމަހަށް އިތުރުކޮށްފި އެވެ.

އެޗްޑީސީން އިތުރުކޮށްފައި ވަނީ އޯގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ކުލިތަކެވެ.

"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި އެޗްޑީސީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސުހެއިލް މިއަދު ވިދާޅުވީ މި ދިން ލުއީގައި އެޗްޑީސީއަށް ކުލި ދައްކަން ޖެހޭ ހުރިހާ ފަރާތްތައްވެސް ހިމެނޭނެ ކަމަށެވެ.

"މީގެ ތެރޭގަ އެޗްޑީސީން ބިންތައް ކުއްޔަށް ނަގާފައިވާ ފަރާތްތަތަކާއި އެނޫން ގޮތްގޮތުންވެސް އެޗްޑީސީއަށް ކުލިދައްކާ ފަރާތްތައް އަދި 2000 އަށްވުރެ ގިން ފްލެޓަށް ކުލި ދައްކާ މީހުން ހިމެނޭނެ." ސުހެއިލް ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވީ އެޗްޑީސީއަށް ކުލިދައްކާ ފަރާތްތަކުން އޯގަސްޓުގެ ކުލި ދައްކާނީ ސެޕްޓެމްބަރުގައި ކަމަށާއި ސެޕްޓެމްބަރުގެ ކުލި ދައްކާނީ އޮކްޓޯބަރުގައި ކަމަށެވެ. މި ދެމަސް ނިމުމުން އަނެއްކާވެސް ހާލަތު އަލުން ދިރާސާކުރައްވާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

" މިވަގުތުގެ ހާލަތު މި އޮތީ އަޅުގަނޑުމެން އުއްމީދުކުރި ގޮތަކަށް ނޫން ދެއްތޯ. އެހެންވީމަ އަޅުގަނޑުމެންވެސް މި ބަލަނީ ދެވެން އޮތް މިންވަރަކުން ލުއި ދީގެން ކުރިޔަށް ގެންދެވޭތޯ." ސުހެއިލް ވިދާޅުވި އެވެ.

ކޮވިޑުގެ ސަބަބުން ލުއިތަކެއް ދިން އިރު، އެޗްޑީސީން ވަނީ އެ ކުންފުންޏަށް ދައްކަން ޖެހޭ ކުލިތަކުން 30 ޕަސެންޓް ފަސްކޮށްދީފަ އެވެ. އެ ކުންފުންޏަކީ ވަރަށް ގިނަ ލޯނުތައް ނަގައިގެން ހުޅުމާލޭގެ ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ އަދި ހިންގަމުން އަންނަ ކުންފުންޏެކެވެ. އެހެން ކަމުން ވަރަށް ގިނަ ލޯނުތަކަށް ގަވައިދުން ފައިސާވެސް ދައްކަން ޖެހެ އެވެ.