ސިޓީ ކައުންސިލަރު ކަމުގެ މަގާމަށް ކުރިމަތިލަނީ ހިދުމަތެއް ކޮށްދިނުމަށް ކަމަށާއި ނަމަވެސް އަމިއްލަ މަންފާއެއް ނުވަތަ ފައިދާއެއް ހޯދުމަށް ނޫން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ މިހެން ވިދާޅުވީ ޝިފާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ނިންމުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެގޮތުން އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލައިގެ ތެރޭގައި ރައްޔިތުންނަށް ހިދުމަތް ނުދެވިގެން ކަންބޮޑުވެގެން އެންމެ ކަމެއްވެސް ނެތް ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާގެ އިތުރުން މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައި، އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމައިފައެވެ. އެގޮތުން 39 މައްސަލައެއް ޝިފާއައި ޝަމާއު އާ ދެކޮޅަށް ހުށަހަޅާފައިވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. މައްސަލަ ކުރިއަށް ގެންދިއުމަށް ކައުންސިލްގެ އަށް ބޭފުޅަކު ވޯޓް ދެއްވި ކަމަށާއި އެކަމާ ދެކޮޅަށް ވޯޓް ދެއްވީ ދެ ކައުންސިލަރެއް ކަމަށް މާލޭ ސިޓީ ކައުންސިލްގެ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ފަޒީން މީގެ ކުރިން "ވަން" އަށް މައުލޫމާތު ދެއްވާފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުގައި 13 މެންބަރުން ތިއްބަވައެވެ.