އެންމެ އަވަހަށްވެސް އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ) ބޭއްވޭނެ ކަމަށް ބެލެވެނީ 2024 ވަނަ އަހަރު ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
ދެހާސް ތޭވީސް ވަނަ އަހަރު ބާއްވާ އައިއޯއައިޖީ ބާއްވުމުގެ ފުރުސަތު ރާއްޖެއަށް ވަނީ ލިބިފައެވެ. އަދި އެ މުބާރާތް ބޭއްވުމަށް ވާންޖެހޭ ތައްޔާރީތައްވެސް ރާއްޖެއިން ވަނީ ފަށައިފައެވެ. ކޮވިޑުގެ ސަބަބުން އެ މުބާރާތުގެ ތައްޔާރީތައް މެދުކަނޑާލައިފައިވާ އިރު، 2023ގައި އެ މުބާރާތް ބޭއްވިދާނެ ކަމާ މެދު ވެސް ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.
ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު މަހުލޫފު ވިދާޅުވީ 2023 ވަނަ އަހަރު އައިއޯއައިޖީ ނުބޭއްވޭނެ ކަމަށާއި މިވަގުތަށް އެންމެ ރަނގަޅު ގޮތަކީ އެ މުބާރާތް ފަސްކުރުން ކަމަށެވެ. ނަމަވެސް އެކަމަށް އަދި ގޮތެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، އެންމެ އަވަހަށްވެސް އައިއޯއައިޖީ ބޭއްވޭނެ ކަމަށް ގަބޫލުކުރެވެނީ 2024 ވަނަ އަހަރު ކަމަށެވެ.
"ތަންކޮޅެއް ސާފުކޮށް ކުރިމަގު ފެންނަ ހިސާބަށް ދިޔައީމަ ޑިސިޝަންއެއް ނަގަން. އެކަމު 2023 ގައި އަޅުގަނޑަށް ހިޔެއް ނުވޭ މިކަން ކުރެވޭނެހެނެއް. އަދި އަޅުގަނޑަށް ގަބޫލުކުރެވެނީ ހަމަ އެންމެ އަވަހަށްވެސް 2024އާއި ހަމައަށް ގޭމްސް ލަސްކުރުމުގެ ފުރުސަތު އޮތް ކަމަށް،" މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެކަމުގައި ކުރިއަށްދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ގޭސްމްގެ އޯގަނައިޒިން ކޮމިޓީއާއެކު މަޝްވަރާކުރުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގައި އެދިފައިވާނެ ކަމަށާއި މިނިސްޓްރީއަލް ކޮމިޝަންގައި މަޝްވަރާކޮށްފައި އެކަމަށް ފަހުގެ ނިންމުން ނިންމާނެ ކަމަށެވެ.
ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ހުރިހާ ގައުމަކަށްވެސް ވަގުތު ނަގާނެ ކަމަށާއި ކޮވިޑުގެ ސަބަބުން ބައިނަލްއަގުވާމީ އެހެން ބޮޑެތި މުބާރާތްތައްވެސް ފަސްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.
ރާއްޖެއިން މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި އެންމެ ގިނަ ކާމިޔާބީތައް ހޯދާފައިވަނީ އައިއޯއައިޖީ އިންނެވެ. އެގޮތުން މިދިޔަ އަހަރުގެ އައިއޯއައިޖީއަކީ ރާއްޖެއަށް އެންމެ ކާމިޔާބު ގޭމްސްއެވެ. މިއަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމުލަ 15 މެޑަލް ހޯދައިފައެވެ. އޭގެ ތެރޭގައި ހަތަރު ރަން މެޑަލް ވެސް ހިމެނެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް