ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 32 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ޕްލޭނިން މިނިސްޓްރީން ހަވާލު ކުރި މި މަޝްރޫއުގެ މަސައްކަތްތަކުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ އިއްޔެ ނެއްލައިދުއަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ނެއްލައިދޫގައި 22،860 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި 10،294 އަކަމީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމާއި 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. އޭގެ އިތުރުން 224 މީޓަރު ސަރަހައްދެއްގެ އެއްގަމު ތޮށިލުމާއި ގްރޯންސް ޖެހުމުގެ މަސައްކަތާއި 2،102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި އާއި ނެރު ބައްތި ޖަހާނެއެވެ.

މި މަޝްރޫއަކީ ޖުމްލަ 47.6 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.