ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ހުސްވެފައިވާ ހަތަރު މަގާމަށް މެމްބަރުން އައްޔަންކުރުމަށް އެމްޑީޕީން ތުރީލައިން ވިޕެއް ނެރެފި އެވެ.

އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕްގެ މެންބަރަކު ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމުގައި ތްރީލައިން ވިޕެއް ނެރެފައިވަނީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފުގެ ކުރީގެ އަނބިކަނބަލުން ފާތިމަތު ޝަރީފަށާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަރުޝަތާއި ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނާސިހު އަދި އިބްރާހިމް ރަޝީދަށެވެ.

ސީއެސްސީއަށް ކުރިމަތިލި 41 މީހުންގެ ނަން ދިރާސާކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވުމުން އޭގެ ތެރެއިން ޝަރުތު ފުރިހަމަވާ 13 ބޭފުޅެއްގެ ނަން ޝޯޓް ލިސްޓް ކުރުމަށްފަހު އެ ކޮމިޓީން ވަނީ އެކަމުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވައިފަ އެވެ.

ނަމަވެސް ކޮމެޓީން އެ ބޭފުޅުން ޝޯޓްލިސްޓު ކުރިއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މެންބަރެއްގެ މަސްލަހަތު ހިމެނޭ ކަމަށް ފެނިވަޑައިގަންނަވާ ބޭފުޅަކު އެ ލިސްޓުގައި ހިމެނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވުމުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ވަނީ އެ މައްސަލަ ދިރާސާކޮށްފަ އެވެ.

އެ މައްސަލަ ދިރާސާކުރުމަށްފަހު ރައީސް ނަޝީދަށް އިމްތިޔާޒާއި ސުލޫކު ކޮމެޓީގެ މުގައްރިރު އަދި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުލްލަތީފް ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީގައި ބުނީ، އެ ކޮމިޓީން ދިރާސާކޮށް ނިންމަވައި އެ ކޮމިޓީން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓުގައި ކޮމިޓީން ތަޅުމަށް ނަން ފޮނުވުމަށް ފާސްކޮށްފައިވާ ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަސްލަހަތު އޮތް ފަރާތެއް ހިމެނިވަޑައިނުގަންނަވާ ކަމަށެވެ.