ލުއި ރިޕޯޓް

"މޯލްޑިވް ގާޒާ" ރެސްޓޯރެންޓުގެ ވެރިޔާގެ ހާއްސަ އިންޓަވިއު: ގާޒާ މީހުން އެދެނީ ރާއްޖެއަށް ދާން

5

އެތަނުގައި ތިބޭއިރު ކަނޑުން ނަގާ ބިޔަ ރާޅުތައް ބިންދާ ތަނާއި އަޑު އިވެއެވެ. އިރުއޮއްސޭ އިރު އުޑުމައްޗަށް އަރާ ރީތި ކުލަތައް ފެނެ އެވެ. ހަނދުވަރުގެ ރީތި މަންޒަރު ފެނި، ރޭގަނޑުގެ ފިނިކަން އިހުސާސްވެ އެވެ. ބިރުވެރިކަމާއި ނާމާންކަމުން ފުރިފައި އޮތް ދިރިއުޅުމުން ދުރުވެ، އަރާމު މާހައުލެއްގައި ފަލަސްތީނުގެ ރައްޔިތުން މިއަދު ތަޖުރިބާ ކުރަމުން އެ އަންނަނީ އެމީހުންގެ ހުވަފެނީ މަންޒިލުގެ އެއް ބައެވެ. އެއީ ރާއްޖެ އެވެ.

މި އުފާވެރިކަން ގާޒާގެ ރައްޔިތުންނަށް ގެނެސްދެނީ އެސިޓީގެ އައްސޭރި ފަށުގައި ތިން ބުރިއަށް ނަގާފައިވާ "މޯލްޑިވް ގާޒާ" ރެސްޓޯރެންޓުންނެވެ. އެތަނަކީ ގާޒާގެ އެހެން ރައްޔިތުންނެކޭ އެއްގޮތަށް އަޅުވެތިކަމުން މިނިވަން ވެ، ރާއްޖޭގެ ހިތްގައިމުކަން އަމިއްލައަށް ތަޖުރިބާކޮށްލުމަށް ބޭނުންވެފައި ހުރި އުމުރުން 42 އަހަރުގެ އިމާދު އަލްބައްޔާގެ އެތައް އަހަރެއްގެ އުންމީދެކެވެ.

ފަލަސްތީން ނޫސްވެރިޔަކު މެދުވެރިކޮށް އިމާދު "ވަން" އަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާއަށް ރާއްޖެ ދިއުމުގެ ފުރުސަތު ނުލިބުނު ނަމަވެސް ރާއްޖެއާބެހޭ އެތައް ވީޑިއޯއެއް ޔޫޓިއުބް މެދުވެރިކޮށް އޭނާއަށް ފެނިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ރީތިކަމުގެ ވީޑިއޯތައް ފެނި، އިވޭތީ ރާއްޖެ އަންނަން ވަރަށް ބޭނުންވާ ކަމަށް ބުންޏެވެ.

"އަހަރެންގެ ރެސްޓޯރެންޓަށް ރާއްޖޭގެ ނަން ކިޔަން ހިޔާލަށް އައީ މިތަނުން ނުކުމެ ރާއްޖެ ދިއުމަކީ ގާޒާ ރައްޔިތުންގެ އުންމީދެއް. ނަމަވެސް ބަންދުކޮށްފައި އޮތުމުން އެކަން ކުރެވޭކަށް ނެތް. އެހެންވެގެން ރާއްޖެ އެމީހުންނަށް ގެނެސްދޭން އައި ހިޔާލެއް މިއީ،" އިމާދު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، ރާއްޖޭގެ ފުރިހަމަ މަންޒަރު އެތަނުން ގެނެސްދޭން އޭނާ ބޭނުންވި ނަމަވެސް އެކަމަށް ބޭނުންވާ އެއްޗެހި އިޒްރޭލުން ގާޒާއަށް އެތެރެކުރަން ހުއްދަ ނުލިބުމުން އެކަން ނުވީ ކަމަށެވެ. ނަމަވެސް ރެސްޓޯރެންޓް ހުޅުވި ފަހުން އެތަނަށް ގާޒާ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި އެގޮތުން ގިނަ ފަހަރަށް އެތަން ފުރިފައި އޮތުމުން ބައެއް ކަސްޓަމަރުންނަށް ހިދުމަތް ނުދެވިދާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ރެސްޓޯރެންޓުން ރާއްޖެއާ ގުޅުން ހުރި ޓްރޮޕިކަލް ޖޫސް މިހާރު ލިބޭނެ. ތާޒާ މަސް ވެސް ލިބޭނެ. ރާއްޖޭގެ ކެއުންތައް އަދި ލިބޭކަށް ނެތް. ޔޫޓިއުބް ބަލައިގެން ދަސްކުރަމުން މިދަނީ. ވަރަށް އަވަހަށް ރާއްޖެއިން ލިބެން ހުންނަ ޖޫސްތައް ރެސްޓޯރެންޓުން ލިބޭނެ،" އިމާދު ބުންޏެވެ.

ރެސްޓޯރެންޓުން ހިދުމަތް ހޯދަން ގޮސް ހުރި ކަސްޓަމަރަކު "ވަން" އަށް ބުނި ގޮތުގައި، އެތަނުން އެމީހުންނަށް ރާއްޖޭގައި އުޅެވޭ ފަދަ އިހުސާސެއް ކުރެވެ އެވެ. އަދި އެއީ އެމީހުންނަށް ލިބޭ އުފަލެއް ކަމަށާއި އެކަމަށް ލޯބިކުރާ ކަމަށް ވެސް އޭނާ ބުންޏެވެ.

"މި ތަނާ، މޫދާ، މި މާހައުލު އަދި ބުއިންތަކާ ހުރިހާ އެއްޗަކުން އަހަރެމެންނަށް ރާއްޖޭގައި އުޅޭ ކަހަލަ އިހުސާސެއް ކުރެވޭ. މިތަން ހަމަ ރާއްޖެއާ ވަރަށް ވައްތަރު. މިތަނުގެ ޑިޒައިނާއި ޑެކަރޭޝަން ވެސް ރާއްޖޭގައި ހުންނަ ގޮތަށް މި ހުންނަނީ،" އިތުރު ކަސްޓަމަރަކު އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.