(ބާވީސްވަނަ ބައި)

ހެނދުނު 8 ޖަހަން ގާތްވަމުން ދިޔަ ވަގުތު ނިދިން ހޭލެވެމުން ދިޔަ ޔުނާއަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން މޯޅިއަކަށް ދެމިލެވުނެވެ. އެއަށްފަހު ޔުނާ ލަސްލަހުން ލޯ ހުޅުވާލިއެވެ. ލޯ ހުޅުވާލުމާއެކު އޭނައަށް އޮވެވުނީ މުޅިން އާ ކޮޓަރިއެއްގައި ކަން އެނގުންވުމުން، ހިތަށް ހިނދުކޮޅެއްގެ ހާސްކަމެއް ވެރިވިއެވެ.

އެ ހާސްކަމުގެ ތެރެއިން ހިތް ވަށާލި ނުތަނަވަސްކަމާއެކީ އެންމެ ފުރަތަމަ ބަލައިލެވުނީ އޭނަގެ ވާތް ފަރާތަށެވެ. އެތާނގައި ޒިހާން ނެތުމުން ހިސާބެއްގެ ހަމަޖެހުމެއް ލިބުނެއްކަމަކު ޒިހާން ފެނޭތޯ ވެސް ކޮޓަރީގެ ވަށައިގެން ނަޒަރެއް ދެވުނެވެ. ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަމުން ޒިހާން ހުރީ ބޭރުގައި ކަމަށް ޔުނާއަށް ނިންމުނެވެ. އެކަމާއިމެދު އޭނަގެ ހިތް ހިސާބަކަށް މާޔޫސްވިއެވެ.

ޒިހާނާއި މެދު ވިސްނިވިސްނިހެން ޔުނާއަށް ރަޖާ ހިއްލައި އޭނައަށް އޮވެވުނު ގޮތް ބަލައިލެވުނީ ކުއްލި ގޮތަކަށެވެ. އޭނައަށް އޮވެވުނީ ރޭ އޭނަ ލައިގެން ހުރި ކުރުތާއާއި ހަރުވާޅުގައި ކަން އެނގުންވުމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ހަމަ އެހިނދު އެނދާއި ދިމާ ކުރިމަތިން ފެންނަމުން ދިޔަ ދަނބު ކުލައިގެ ފާރުގައި ރީތި ޢަރަބި އަކުރުން 'އަލްޙަމްދުލި ﷲ' އޭ ލިޔެވިފައިވި މަންޒަރު ފެނިފައި ޔުނާގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ރޭގެ ހަނދާންތައް އޭނަގެ ލޯ ކުރިމަތިން ސިފަވާން ފެށުމުންނެވެ.

ރޭ އަތިރިމަތީގައި ދެމީހުން އެކީ ކުޅެން ތިބެތިބެފައި އިރުކޮޅެއްވުމުން ޒިހާން ދެން ގެއަށް ހިނގަމާދޯއޭ ބުންޏެވެ. ރޭގަނޑުން އަނބުރައި 11 ޖަހަން ގާތްވަމުން ދިޔަކަން އެނގުންވުމުން ޒިހާނާއި އެއްބަސްވެ އެކީގައި ދާން ފެށިއެވެ. އޭގެ އިރުކޮޅެއްކުރިން ޒިހާނާއި އެކީ ޙިއްސާކުރި ހުނުންތަކުގެ މަތިން މަޑުމަޑުން ހަނދާންނެތި އަނެއްކާވެސް ޔުނާގެ މެއަށް ފިނިވާން ފެށީ އެ ވަގުތެވެ. ގެއަށް ދެވި ކޮޓަރިއަށް ވަދެވުމާއެކު ޒިހާން ކަންތައް ކުރާނެ ގޮތާއިމެދު ވިސްނާލެވުމުންނެވެ.

ޔުނާ އެކަންތަކަށް ލަދުގަންނަނީއެއް ނޫނެވެ. އެހެނަސް ޖެހިލުންވަނީއެވެ. ޒިހާނަކީ އަދިވެސް އޭނަގެ ނަޒަރުން އިހަކަށް ދުވަހު އޭނައާ ދިމާވި ބީރައްޓެއްސަކަށްވީތީވެއެވެ. ކިތަންމެ ބޭނުމެއްނުވިޔަސް އެވަގުތު ޔުނާ ޖިނާހު މަތިން ހަނދާންވަމުން ދިޔައެވެ. އޭނަ ކައިވެނި ކުރި މީހަކީ އޭނަ ލޯބިވި ޖިނާހަށްވިނަމަ މިރެއަކީ އޭނައަށް އުފާވެރި ރެއަކަށްވީހޭ ޔުނާގެ ހިތް ބުނަން ފެށިއެވެ. އެކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވުނެވެ.

ގެއަށް ގޮސް ގޭގެތެރެއަށް ވަނުމުގެ ކުރިން ގޭގެ ފެންޑާގެ ތެރޭގައި އޮތް ފެން ހޮޅިއަކުން ޔުނާގެ ފައި ދޮވެލަދޭން ޒިހާން އެހީވިއެވެ. އެއަށްފަހު ޒިހާން ކުރުފައި މައްޗަށް ތިރިވެ ޔުނާގެ ހެދުމުގެ ހުރި ދޮންވެލި ވެސް ފޮޅުވައިދިނުމުން ޔުނާއަށް އިޙްސާސް ކުރަންވީ ގޮތެއްވެސް ނޭނގިފައި ހުރެވުނެވެ. އޭނަގެ ލޯބިވެރިޔަކު ވެސް އޭނައާއިމެދު އެފަދައިން ކަންތައް ކޮށްދޭ މަންޒަރު އޭނަ ޚިޔާލު ކޮށްފައިވެސް ނުވެއެވެ. ޒިހާން ހިންދެމިލަމުން އޭނައާ ހިނިތުންވެލީ ގޮތުން އޭނައަށް މިއުޅެވެނީ ހުވަފެނެއްގައިބާވައޭ ޔުނާގެ ހިތަށްއެރިއެވެ.

ޒިހާންގެ އެފަދަ ޙަރަކާތްތަކުން އޭނާއާ މެދު ތަފާތުކޮށް ވިސްނެމުން ދިޔައެއްކަމަކު، ޒިހާންގެ ފަސްފަހަތުން ގޮސް ކޮޓަރީގެ ދޮރާއި ހަމައަށް ދިޔަ ވަގުތު ޔުނާގެ ހިތުގެ ހަމަޖެހުން ގެއްލިފައިވިއެވެ. ޒިހާނާ ގާތްވާ ޚިޔާލުވެސް ކުރަން އޭނައަށް ދަތިވަމުން ދިޔައެވެ. މިފަދަ ހައިޖާނެއްގެ ތެރޭގައި ވަނިކޮށް ޒިހާން ވާހަކަ ދެއްކި އަޑު އިވުނެވެ.

"ޔުނާ ކަސްޓަމައިޒް ކުރި ކޮޓަރި ބަލާލަން ބޭނުން؟" ޒިހާން އެ ކޮޓަރީގެ ތަޅުދަނޑިން ދޮރު ހުޅުވަމުން ޔުނާއަށް ބަލައި ހިނިތުންވުމަކާއި އެކީ ސުވާލުކޮށްލުމުން ޔުނާގެ މޫނުމަތި ވަގުތުން އުޖާލާވެގެން ދިޔައެވެ. ދޮރު ހުޅުވުމާއި އެކުހެން ޒިހާންގެ ފަހަތުން އެ ކޮޓަރިއަށް ވަދެވުނީ އޭނަ ބުނިފަދަ ބަދަލުތައް އެ ކޮޓަރިއަށް އައިސްފައިވޭތޯ ބެލުމަށެވެ.

ކޮޓަރީގެ ބޮކިތައް ދިއްލާލުމުން ޔުނާއަށް ވަށައި ނަޒަރު ދެމުން ކޮޓަރިއަށް ވަދެވުނެވެ. އެއާއިއެކު ފެނުނު މަންޒަރު ތަކުން ޔުނާގެ އަނގަ ހުޅުވުނެވެ. ފާރުތަކުގައި އޭނައަށް އެންމެ ރީތި ޒާތުގެ މަޑު ދަނބުކުލައެއް މަތިން ފަށައިގެން ޖެއްސި، ވަކި ހިސާބަކު އެ ކުލަ ފަނޑުކޮށް ތިރީބައިގައި މުޅިން ހުދުކުލަ ހުރި ގޮތުން ހުވަފެނީ ގޮތަކަށް ފެންނަމުން ދިޔައެވެ. އަލަށް ގެނެވިފައިވި ބެޑްރޫމް ސެޓްގައި އެކުލެވޭ ބޮޑު އަލަމާރިއާއި ރީތިވާ މޭޒުގައި ވެސް ވީ ހުދުކުލައާއި ދަނބުކުލައެވެ. ކޮޓަރީގެ ވަށައިގެން ނަޒަރު ދެމުން ދަނިކޮށް ކޮޓަރީގެ ދޮރާއި ދިމާލުން ފާރުގައި ލިޔެވިފައިވި ބަސްތައް ފެނުނެވެ.

"އަލްޙަމްދުލި ﷲ.... އޯލް ޕްރެއިޒް އެންޑް ތޭންކްސް ބިލޯންގް ޓު ﷲ." ޢަރަބި ބަސްތަކާއި އެކީ އޭގެ ތިރީގައި އޮތް މާނަ ޔުނާއަށް ކިޔައިލެވުނީ ހިތާހިތުންނެވެ. އެ ވަގުތަކީ ޒިހާން ކޮޓަރީގެ ދޮރު ލައްޕައިލި ވަގުތެވެ. އެހެނަސް އެވަގުތު އެކަމަށްވުރެ ޔުނާ ފާރުގައިވި އެ ބަސްތަކާއިމެދު ޝައުޤުވެރިވިއެވެ.

"މިއީ ކޯޗެއް؟ ޒިހާން ލިޔުނު އެއްޗެއްތަ؟" ޔުނާއަށް އަހައިލެވުނެވެ.

"ހުމް.... މިއީ އަބަދުވެސް އަހަރުމެން ދެމީހުން ވެސް ހަނދާން ކުރަންޖެހޭ އެއްޗެއްހެން ހީވާތީ މީތި ލިޔުނީ.... ޔުނާ އަބަދުވެސް ހަނދާން ބަހައްޓައްޗޭ. ޙަޔާތުގަ ކޮންމެ ކަހަލަ ކަމެއް ދިމާވިޔަސް އޭގައި ކޮންމެވެސް ހެވެއް ވޭ. އެއީ ﷲ ގެ ޙަމްދަކީ އަބަދުގެ އަބަދަށް ދެމިގެންދާނެ އެއްޗެއް. އެކަލާނގެ އިރާދަކުރައްވާ ކޮންމެ ކަމަކީ އެއަށް ތަޢުރީފާއި ޝުކުރު ޙައްޤުވާ ކަމެއް. އަހަރުމެންނަށް އެކަން ފަހުމް ނުވާ ޙާލަތްތަކުގަ ވެސް ޙަޤީޤަތަކީ އެއީ.... ބުނަން މި އުޅެނީ އަހަރުމެންގެ މި ގުޅުމަކީ ވެސް އަހަރުމެންނަށް ނޭނގުނަސް ކޮންމެވެސް އެއްގޮތަކުން ރަޙްމަތެކޭ. މިގުޅުމުގެ ސަބަބުން އަހަރުމެން އަބަދުވެސް ވާނެ އެކަކު އަނެކަކު ޙަމްދުކުރަން ފުރުޞަތުތައް ދޭން. އެކަކު އަނެކެއްގެ ހިތުގަ ޝުކުރުވެރިކަން އާލާވާނެ ފަދައިން އެކަކު އަނެކަކަށްޓަކައި ކަންތައް ކޮށްދޭން. އޭރުން ދެމީހުންނަށް ވެސް އުފަލުގަ އުޅެވޭނެ އިން ޝާ ﷲ!" ޒިހާން ފުރިހަމަ ހިނިތުންވުމަކާއި އެކީ ކިޔައިދިނެވެ.

ޔުނާއަށް ޒިހާންގެ އެ ނަޞޭޙަތާއި މެދު ވިސްނައިލެވުނެވެ. ދީނީ ގޮތުން އެ ނަޞޭޙަތް ފަހުމް ނުވިޔަސް ސައިކޮލޮޖިކަލް ނަޒަރިއްޔާތުން ޒިހާން އެ ދިނީ ރަނގަޅު ނަޞޭޙަތެއްކަން ޔުނާއަށް ވިސްނުނެވެ. ހުރިހާ ޙާލަތެއްގައި ވެސް އުފާވެރިވުމުގެ ސިއްރަކީ ޝުކުރުވެރިވުމެވެ. އަދި ގުޅުމެއް ދެމެހެއްޓުމުގެ ފަހަތުގައިވާ ސިއްރަކީ ލޯބި ލިބިގަތުމަށްވުރެ އަނެކާގެ އުފަލަށް އިސްކަން ދިނުމެވެ. ޒިހާން އެ ދިން ނަޞޭޙަތަކީ ހަމަ ދީނާއި ގުޅުން ހުރި ނަޞޭޙަތެއްތޯ ވެސް އަމިއްލަ ޒަމީރާއި ސުވާލުކުރެވުނެވެ. އެހެންކަމަށްވާނަމަ ދީނީ ޢިލްމުގެ ތެރޭގައި ސައިކޮލޮޖީ ވެސް ހިމެނެނީތޯ ޔުނާގެ ހިތަށްއެރިއެވެ. ޔުނާއަށް ނޭނގުނު ކަމަކީ މި ދީނުގެ ވެރި ﷲ އަކީ އިންސާނާގެ ހުރިހާ އިޙްސާސްތަކެއް ވެސް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަމެވެ.

ޚިޔާލުތަކެއްގެ ތެރޭގައި ޔުނާ ވަނިކޮށް ޒިހާން އޭނަގެ ނަމުން ގޮވާލިއެވެ.

"އަދިވެސް ބޮލުގަ ރިއްސާތަ؟" ޒިހާން ސުވާލުކުރިއެވެ.

"ހުމް...." ފަޅި ސިކުންތަކަށް ވިސްނުމަށްފަހު ޔުނާއަށް ބުނެލެވުނެވެ. ޒިހާން އެ ސުވާލުކުރާނީ ކީއްވެކަމާއިމެދު ހީކުރުންތައް ހީކުރަމުންނެވެ. އޭނަގެ ބޮލުގައި އޭރުވެސް ލުއި ރިހުމެއް ހުއްޓެވެ. ޒިހާން ދެން ބުނެލާނެ އެއްޗަކަށް އެ ވާހަކަ ބުނަން ނިންމި ހިނދު ޒިހާން ވާހަކަ ދެއްކިއެވެ.

"އެހެންވީއިރު އަހަރެން އަންނާނަން ބޭސް ގުޅައެއް ހިފައިގެން. ޔުނާ ހެދުން ބަދަލުކޮށްލައިގެން ކުޑަކޮށް އޮށޯވެލަންވީއެއްނު؟ ލޫލޫގެ ކޮޓަރީގަ ހުރި ޔުނާގެ ހެދުންތައް ދޮންތަ ހުންނާނެ މި އަލަމާރިއަށް ލާފަ...." ޒިހާން ހިސާބެއްގެ ކަންބޮޑުވުމެއް އެކުލެވިގެންވި މޫނަކާއިއެކީ ބުނެލި ވާހަކައިން ޔުނާ އަނެއްކާވެސް އަޖާއިބުވެ އަންތަރީސްވާ ގޮތްވިއެވެ.

ޔުނާ ބަލަބަލާ ހުއްޓާ ޒިހާން ކޮޓަރިން ނިކުންނަން ދިޔައީ އެބަ އަންނަމޭ ބުނަމުންނެވެ. ޒިހާން ލޯ މައްޗަށް ގެއްލި ދޮރު ލެއްޕުނު ވަގުތު ޔުނާގެ ތުންފަތުގެ ދޭތެރެއިން ލުއި އާހެއްގެ އަޑު ނިކުތީ އޭނަގެ ޙައިރާންކަމުގެ ތެރޭގައެވެ. ޒިހާން ކަންތައް ކުރަމުން ދިޔަ ގޮތާއިމެދު ޤަބޫލުކުރަން ވެސް ދަތިވެފައިހުރެ ޔުނާ ހެދުން ބަދަލުކުރަން ދިޔައެވެ.

ދިގު ހެދުން އަތްދިގު ފެހިކުލައިގެ ކުރުތާއަކާއި ކަޅުކުލައިގެ ހަރުވާޅަކަށް ބަދަލުކުރުމަށްފަހު ޔުނާ އެނދަށް އަރައި އޮށޯތީ ހިސާބެއްގެ ޖެހިލުންވުމަކާއި އެކީގައެވެ. ޒިހާން މިހާތަނަށް އައިއިރު މުޅިން ވެސް އޭނަގެ ހިތް އެދޭހާ ގޮތަށް ކަންތައް ކޮށްފައި ވިޔަސް އެ އެނދުގައި އޮށޯވެވުނު އެ ވަގުތު ކޮޅުގައި އިހުނަށްވުރެ އެތައް ގުނައެއް އިތުރަށް އޭނަގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ. މި ހުރިހާއިރު ޒިހާން އޭނަ އުފާވާނެހެން ކަންތައް ކޮށްފައިވާނީ އޭނައާ ގާތްވާންތާއޭ ހިތަށްއެރިއެވެ. އެކަމާއިމެދު ޔުނާ މައްސަލައެއް ޖައްސައިގެނެއް ނުވާނެއެވެ. އޭނައަކީ ޒިހާންގެ ޙަލާލު އަނބިމީހާއެވެ.

ހުރިހާ ވެސް މައްސަލައަކީ ހައިޖާނެއް އުފެދިފައިވި އޭނަގެ ބަސްނާހާ ހިތެވެ. އޭނަ ލޯބިނުވާ މީހަކާއި އެކީ އެފަދަ ގާތް ގުޅުމެއް ބާއްވަން އޭނަ ދުވަހެއްގެ ކޮޅުން ވެސް ބޭނުމެއް ނުވާތީވެއެވެ. ނޭނގޭ ސަބަބަކާއިހުރެ ޒިހާނަށް އެކަން ފަހުމްވާނެ ގޮތެއްވުމަށް އެވަގުތު ވެސް އުއްމީދު ކުރެވުނެވެ.

ޔުނާ އޭނަގެ ވިސްނުމުގެ ތެރޭގައި އޮތްވާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ވަގުތުން އޭނަގެ ދެލޯ މަރައި އެނދުގެ މަގަތަށް އެނބުރިލިއެވެ. އެހިނދު ބޭސް ކާޑަކާއި ފެން ތަށްޓަކާއި އެކީ އައި ޒިހާން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލީއެވެ. އެނދާއި ދިމާލަށް އަންނަމުން ވާހަކަ ދައްކަން އުޅުނު ޒިހާންގެ އަނގަ ބަންދުވީ، ދެލޯ މެރިފައި އޮތް ޔުނާ ފެނުމުންނެވެ. އެހިނދު ފުރަތަމަ ފަހަރަށް ޔުނާގެ ކަޅުކުލަ ގަދަ ފަން އިސްތަށިގަނޑު ފެނިގެން ދިޔަ ޒިހާންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެ އިސްތަށިގަނޑު މޫނަށާއި އެއްކޮށް އެޅިފައިވި މަންޒަރު ފެނިފައި ޒިހާންގެ ހަނދާނަށް އައީ އޭނައަށް ޔުނާ ސްކޫލްގެ ތެރެއިން ފެނުނު ދުވަސްތަކެވެ. އެތައް އަހަރެއް ފަހުން ޔުނާގެ ސޫރަ އެ ރީތި އިސްތަށިގަނޑާއި އެކީ ފެނުމުން ޒިހާނަށް އެސްފިޔަ ޖަހާލުމެއްނެތި ބަލަން ހުރެވުނެވެ. އަދި މިއަދު ޔުނާއަކީ އޭނަގެ ޙައްޤެއްކަން ހަނދާންވި ވަގުތު ނޭވާ ވެސް ކުރުވާ ގޮތްވިއެވެ.

އެހެނަސް ޒިހާން ކަރުކެހިލަމުން އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވަމުން ކަރުކެހިލިއެވެ. އަދި ހިނގާފައި ގޮސް އެނދުގައި އޭނައަށްވީ ފަރާތުގައި ހުރި އަރިމަތީ މޭޒުމަތީގައި ފެން ތަށްޓާއި އެކީ ބޭސް ގުޅަ ބޭއްވިއެވެ. އޭނަ އުއްމީދު ކޮށްގެން ހުރި ފަދައިން އޭނަ ކަރުކެހިލި އަޑުންނާއި ތަށި ބެހެއްޓި އަޑުން ޔުނާއަށް ހެއެއް ނުލެވެއެވެ. ބޮލުގައި ރިއްސުމުގެ ސަބަބުންނާއި ބަލިވެފައިވުމުން ޔުނާ ފުން ނިންޖެއްގެ ތެރެއަށް ގެނބުނީ ކަމަށް ޒިހާނަށް ހީކުރެވުނެވެ.

ނުހަނު ގާތުން ފެން ތަށި ބެހެއްޓި އަޑު އިވުނު ޔުނާއަށް ލޯ ހުޅުވައި ނުލެވުނީ ހަމަ ކިރިޔާއެވެ. ޒިހާން އެވަގުތު ބޭސް ކާން އޭނައަށް ގޮވާނެކަމަށް ޔުނާއަށް ހީކުރެވުނެވެ. އެހެނަސް އޭގެ ބަދަލުގައި ޒިހާންގެ ފިޔަވަޅުތައް ދުރުވާން ފެށި އަޑު އިވި ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް ޔުނާގެ ދެލޯ ހުޅުވުނެވެ. ޔުނާ އަނެއްކާވެސް ދެލޯ މަރައިލީ އޭގެ އިރުކޮޅެއްފަހުން ޒިހާން ފާޚާނާއިން ނިކުތް އަޑަށެވެ.

ޒިހާން ތާޒާވެލައިގެން ނިކުމެ ފަސޭހަ ޓީޝާޓެއް ބޮލުން ވައްޓައިލިއެވެ. އެއަށްފަހު ލަސް ހިނގުމެއްގައި އެނދާއި ދިމާލަށް ގޮސް ޔުނާއަށް ބަލައިލަމުން ހިނިތުންވެލީ، އޭނަ ދެންމެ ޔުނާއަށް ކިޔައިދިން ފަދަ ޝުކުރުވެރި ހިތަކާއި އެކީގައެވެ. އޭނަ ޔުނާދެކެ ވާ ލޯބި އެވަގުތުވެސް އޭނަގެ ލޯމަތިން ހާމަވަމުން ދިޔައެވެ. އެހެނަސް ޔުނާއަށް އެ މަންޒަރެއް ނުފެނި، ޒިހާން އޭނަގެ ކައިރީގައި އޮށޯންނަން އުޅުނުކަން އެނގުންވި ހިނދު ތެޅިގަންނަން އުޅުނެވެ. އޭނަގެ ނުތަނަވަސްކަން އެވަގުތު އޭނަގެ މޫނުމަތިން ވެސް ފާޅުވާން ފެށިއެވެ. އެނދަށް އަރައި އޮށޯންނަމުން ދިޔަ ވަގުތު ޔުނާގެ ދެބުމަ ކައިރިވެ އެ މޫނުމަތިން ފެނިގެން ދިޔަ އަސަރުން ޒިހާން ހިނިތުންވުން ހިސާބަކަށް ފޭދުނެވެ. ޔުނާއާވީ ފަރާތަށް އެނބުރި އެއްއަތް ކޯތާފަތް ދަށަށް ލަމުން އަޖާއިބެއް ފެނިގެން އުޅޭ ފަދައަކުން ޔުނާގެ މޫނަށް ބަލަން ޒިހާނަށް އޮވެވުނެވެ. ޔުނާއަށް ބިރުވެރި ހުވަފެނެއް ފެންނަނީތޯ ހިތަށްއެރިއެވެ. އެހެންނޫނީ ނިދީގެ ތެރެއިން ވެސް ބޮލުގައިވި ރިހުން އިޙްސާސް ކުރެވެނީތޯ ހިތް ސުވާލުކުރިއެވެ. ހަމަ އެއާއިއެކު ޒިހާން އެކަން ޙައްލުކޮށްދޭން ބޭނުންވިއެވެ. ޔުނާގެ އަރާމު ނިދި ޚަރާބު ކުރުމެއްނެތިއެވެ.

އެ ޚިޔާލު ސިކުނޑިއަށް ވެރިވުމާއިއެކު ޒިހާން ޔުނާގެ ގާތަށް ޖެހިލަމުން ދެލޯ މަރައިލުމަށްފަހު ޔުނާގެ ނިއްކުރީގައި ބޮސްދިނެވެ. އެ އިޙްސާސް ކުރެވިގެން ދިޔަ ޔުނާގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. ސިކުންތުކޮޅެއް ވަންދެން ކުރެވިގެން ދިޔަ އެ އިޙްސާސަށްފަހު ޒިހާން ދުރަށް ޖެހިލީކަމުގެ އިޙްސާސް ކުރެވުމުން ހިތުގައި ޝަކުވާއެއްވެސް އުފެދުނެވެ. އެ ޝަކުވާގެ ތެރެއިން ހިތަށް ހަމަޖެހުމެއް ލިބުނީ ޒިހާން އޭނަގެ މޫނުމައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްއަތުން އެއްފަރާތް ކޮށްދޭ އިޙްސާސް ކުރެވުމުންނެވެ. އެ އަތުގެ ލުއި ބީހުމުން ވެސް ޒިހާންގެ އޯގާތެރިކަން ޔުނާއަށް ނަގައިގަނެވުނެވެ.

ޔުނާގެ މޫނުމައްޗަށް ވެއްޓިފައިހުރި އިސްތަށިތައް ކަންފަތުގައި އަޅުވައި ނިމުނުއިރު އަނެއްކާވެސް އެ މޫނުމަތިން ހަމަޖެހުމެއް ފެނިގެން ދިޔުމުން ޒިހާނަށް ހިނިތުންވެލެވުނެވެ. އެއަށްފަހު ޒިހާން އެ ހިނިތުންވުމުގައި އޮވެ ނިދާލީ ޔުނާ މުޅިން ރަނގަޅު ނުވަނީސް ޔުނާއާއި ގާތް ނުވާން ނިންމަމުންނެވެ.

އިރުކޮޅެއްވުމުން ވެސް ޒިހާންގެ އިތުރު ޙަރަކާތެއްގެ ހިލަމެއް ނުވުމުން ޔުނާއަށް އަނެއްކާވެސް ލޯ ހުޅުވައިލެވުނެވެ. އެވަގުތު ޒިހާން ނިދިފައި އޮތް މަންޒަރު ފެނުމުން ހިތް އުފާވެ ހަމައެވަގުތު ދެރަވެސްވިއެވެ. އުފާވީ ޒިހާން އޭނައާ ގާތްނުވާނެކަން ޔަޤީންވުމުންނެވެ. ދެރަވެސް ވީ އެ ސަބަބާއި ހެދިކަން އެނގުންވުމުން ޔުނާއަށް އަމިއްލަ ނަފްސަށް ރުޅި އާދެވުނެވެ. ކޮންމެ ގޮތެއްވިޔަސް އެ ހުރިހާ އިޙްސާސެއްގެ ތެރެއިން ވެސް އޭނައަށް އެއްކަމެއް ޔަޤީންވިއެވެ. ޒިހާން އަރާމު ނިންޖެއްގެ ތެރޭގައި އޮތް މަންޒަރުން އޭނައަށް ހަމަޖެހުމެއް ލިބުނު ކަމެވެ. ޚުދު އޭނައަށް ވެސް ނިދާލެވުނީ އެ މަންޒަރަށް ބަލަން އޮތްވައެވެ.

ހެނދުނު ހޭލުމަށްފަހު ވެސް އެ މަންޒަރުތައް ލޮލަށް ސިފަވަމުން ދިޔަދިޔަހެން ޔުނާގެ ހިނިތުންވުން ފުންވަމުން ދިޔައެވެ. ރޭ އެ ވަގުތު ނިދުނު ފަހުން އޭނައަށް ދެން ހޭލެވުނީ ޒިހާންގެ ފޯނުން ބަންގީގެ އަޑު އިވިގެން ދިޔުމުންނެވެ. ޔުނާ އެވަގުތު ހޭލިއިރު ޒިހާން އޭރުވެސް ކޮޓަރީގައި ހޭލާ އުޅޭ މަންޒަރު ފެނުނެވެ. އޭނަ ހޭލާފައި އޮތްތަން ފެނުމުން ބޮލުގެ ރިހުން ރަނގަޅު ވެއްޖެތޯ ޒިހާން ސުވާލުކުރިއެވެ. ޔުނާ ރަނގަޅުކަމަށް ބުނުމުން އޭނަ ދަނީ ނަމާދަށް ކަމަށް ޒިހާން ބުންޏެވެ. އެއަށްފަހު ޔުނާއާއެކީ ނަމާދުކުރަން ދޮންތައާއި ލޫލޫ ގެންނަންތޯ އެހިއެވެ. ޔުނާ އެކަމަށް އިންކާރު ކުރުމުން ޒިހާން އެންމެ ރަނގަޅޭ ބުނެ ހިނިތުންވުމެއް ހަދިޔާ ކުރަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ.

8 ޖަހަން ގާތްވެފައިވަނިކޮށް ޔުނާއަށް ހޭލެވުނީ ފަތިސް ނަމާދަށްފަހު ޒިހާން އައުމުގެ ކުރިން އޭނައަށް ނިދާލެވުނު ފަހުންނެވެ. އެވަގުތުވެސް ޒިހާން ކޮޓަރީގައި ނެތް ގޮތުން ޒިހާން ކޮޓަރީގައި ހުރެފައި ބޭރަށް ދިޔައީތޯ ހިތަށްއެރިއެވެ. އެހެންނޫނީ ޒިހާން ފަތިސް ނަމާދަށް ދިޔައީއްސުރެ ގެއަށް ނާންނަނީތޯ ހިތަށްއެރިއެވެ. އެ ޚިޔާލުން ހިސާބަކަށް މާޔޫސްވާން އުޅުނު ހިނދު ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުނެވެ.

"އޮހް! ގުޑް މޯރނިންގް!! ރަނގަޅު ވަގުތެއްގަ ދޯ މި އާދެވުނީ މިފަހަރު؟ ހެހެ...." ޒިހާން އުޖާލާވި ހިނިތުންވުމަކާއި ޖޯޝެއް އެކުލެވިގެންވި އަޑަކާއި އެކީ ކޮޓަރިއަށް ވަދެގެން އައީ ކޮފީ މަގެއް ހިފައިގެންނެވެ. އެއީ ޔުނާއަށް ޚާއްޞަކުރެވިފައިވާ ރަތްކުލައިގެ މަގުކަން އެނގުންވީ ހިނދު ޔުނާއަށް ހިނިތުންވުމަކާއި އެކީ ތެދުވެލެވުނެވެ.

"ޔުނާގެ ދޮންބެ އަބަދުވެސް ބުނާނެ ޔުނާ އެންމެ ފުރަތަމަ ހެނދުނު ބޯން ބޭނުންވާނީ ކޮފީއެކޭ. ރަނގަޅު ކޮފީއެއް ލިބިއްޖެއްޔާ އެދުވަހަކު ރަނގަޅަށް ކާންވެސް ކާނެއޭ...." ޒިހާން ގޮސް ޔުނާގެ އަތަށް މަގު ދިއްކޮށްލުމުން އޭގައި ހިފާލަމުން ޔުނާ ހީލިއެވެ.

"ދޮންބެ ޒިހާންގާތު އަހަރެންގެ ވާހަކަތައް ވަރަށް ކިޔައިދީފަ ދޯ ހުރީ؟" ޔުނާ ކޮފީ މަގުން ކޯވަރެއް ދަމާލަމުން ސުވާލުކުރިއެވެ. އެއާއެކު ޒިހާން ޔުނާގެ ކައިރީގައި އެނދުގައި އިށީނެވެ.

"ހުމް.... ކޮންމެ މީހަކަށް ވެސް އެންމެ ގިނައިން ދެކެވޭނީ އެމީހަކު އެންމެ ލޯބިވާ މީހެއްގެ ވާހަކަދޯ؟" ޒިހާން ހިނިތުންވުމަކާއިއެކީ ޔުނާއަށް ބަލައިލިއެވެ. އެ ހިނދު ޔުނާއަށް ބޭއިޚްތިޔާރުގައި އިސްޖަހައިލެވުމުން ޒިހާން ލުއި ހީލުމަކާއި އެކީ ކުރިމައްޗަށް ނަޒަރު ހުއްޓައިލިއެވެ. އެއަށްފަހު އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ޔަޒްދާންބެ ޔުނާދެކެ ލޯބިވާ މިންވަރު ނޭނގޭ ކޯރޕްރަލްއެއް މަދުވާނެ. ދާންބެ ހިނިތުންވެގެން ހުރިއްޔާ އެންމެންނަށް އެނގޭނެ ޔުނާއަށް އުފަލެއް ލިބޭ ކޮންމެވެސް ކަމެއް ރާވައިގެން އުޅޭތީވެކަން އެހާ ބޮޑަށް ހެވޭނީ. އެންމެ އަހާނީ އަހަރެން ކައިރިން މިފަހަރު ކޮންކަމެއްތޯ ސާރ ކޮއްކޮއަށް ކޮށްދޭން އުޅެނީ. އެއީ އަހަންނަށް ޢާއްމުކޮށް އެކަންތައް އެނގޭނެތީ. އަހަންނާއި ދާންބެ އެންމެ ކްލޯޒްވާނީ އަނެއްހެން...." ޒިހާން ކިޔައިދިނެވެ. ޒިހާން ކިޔައިދިން ވާހަކަތަކުންނާއި ޒިހާން ދޮންބެއަށް ކިޔަމުން ދިޔަ ނަމުން އެ ފަހު ވާހަކައިގެ ތެދުކަން ޔުނާއަށް އިޙްސާސްކުރެވުނެވެ.

"އަސްލު ކިހިނެއް ޒިހާނާއި ދޮންބެ އެހާ ކްލޯޒްވީ؟" ޔުނާއަށް ޝައުޤުވެރިކަމާއި އެކީ އަހައިލެވުނެވެ.

"އަހަރެންގެ ޓްރެއިނިންގްގެ ތެރެއިން ފުރަތަމަ ދިމާވީ.... އަހަރެންދެކެ އޭރުއްސުރެ ވަރަށް ލޯބިވާނެ. ބުނާނެ ޒިހާންއޭ އެންމެ ޑިސިޕްލިންޑް މީހަކީ މިތާ ހުރި. ހެހެ..... ދެން ފަހުން އަސްލު ބޮޑަށް ކްލޯޒްވެގެން ދިޔައީ މީގެ ދެ އަހަރެއްހާ ކުރިން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. އެއީ އަސްލު އަހަރެން ސިފައިންގެއަށް ވަންފަހުން ހިންގުނު އެންމެ ގޮތްދޫނުކުރާ މުޖުރިމުން ހިފެހެއްޓުމަށް ހިންގުނު އޮޕަރޭޝަނެއް. އެމީހުންގެ ބޮޑު މީހަކަށް ހުރީ އަހަރެން..... އަހަރެން ދަންނަ މީހަކަށްވީމަ...." ޒިހާން އެ ފަހު ބަސްތައް ބުނެލިއިރު އެ އަޑުގައި ޖެހިލުންވުމެއް އެކުލެވިގެން ދިޔަކަން ޔުނާއަށް ފާހަގަވިއެވެ.

"ކާކު؟" ޔުނާއަށް އެ ސުވާލުކޮށްލެވުނީ ތެޅިތެޅި އޮތް ހިތަކާއި އެކީގައެވެ. އިހަކަށް ދުވަހު އޭނައަށް އައި ފޯނު ކޯލުގެ މަތިން ހަނދާންވުމާއިވެސް އެކީގައެވެ.

(ނުނިމޭ)