ރިޕޯޓް

އެދި ހުރި ކަމެއްގައި ލަސްވުމަކީވެސް ހެވެއްކަމުގައި ހީކުރާށެވެ!

އީމާ މުހައްމަދު ވަހީދު

ދުނިޔެއަކީ ރީތި ހުވަފެނެކެވެ. މި ވަގުތީ ފާލަމުގައި އަހަރެމެންގެ ދިރިއުޅުމުގެ ދުވަސްތައް ވޭތަކުރަމުން ދާއިރު އެކި އިމްތިހާނުތަކާ ކުރިމަތިލާން ޖެހޭނެއެވެ. ބައެއް ފަހަރު ދިރިއުޅުން މަތިން މާޔޫސްވެގެންދާ ކަންކަމާ ވެސް ދިމާވާނެއެވެ. ވަރަށް ބޮޑަށް ބޭނުންވާ ކަންކަންވެސް ނުވެ ހިނގައިދާނެއެވެ. ނުވަތަ ލޯބިވާ ގާތް މީހަކު ތިބާއާ ވަކިވެސް ވެދާނެއެވެ. އެންމެ ގާތުގައި އެކީގައި އުޅޭ އެކުވެރިން ތިބާއަށް ބޭވަފާތެރިވެދާނެއެވެ. އެހެން ނަމަވެސް ދިރިއުޅުމުގައި ދިމާވާ އިމްތިހާނު ތަކާ ކެރިގެން ކުރިމަތިލާން ޖެހެ އެވެ.

އަބަދުވެސް ހަނދާން ކުރަންވީ މިއީ ވަގުތީ އާލަމެއް ކަމެވެ. މި ދުނިޔެއާއި މިތަނުގައި ވާ ކަންކަމަކީ ލޮލަށް ފެނިގެންދާ ރީތި ހުވަފެނެއް ކަމެވެ. މި ހުވަފެނުގެ އަވައިގައި ޖެހިގެން ދިރިއުޅުން ބޭކާރު ކޮށްލާނީ މޮޔައިންނެވެ. ދިރިއުޅުމުގައި ދިމާވާ އުނދަގޫތަކާ ކުރިމަތި ލާއިރު އަބަދުވެސް ހަނދާން ކުރަންވީ އަދި އެހެން ދުނިޔެއެއް ވާކަމެވެ. އެއީ ދާއިމީ އާލަމު ކަން އެއްވެސް ހާލެއްގައި ހަނދާން ނައްތައިނުލާށެވެ. މިތަނުގައި އުފާ ހޯދަން ހޭބޯނާރައި ދުވުމުގެ ބަދަލުގައި މަހްޝަރު ދުވަހަށް ތައްޔާރުވާށެވެ. އޭރުން ހަމަގައިމުވެސް އަހަރެމެން މާޔޫސް ވާކަށް ނުޖެހޭނެއެވެ. އޭރުން ދިރިއުޅުމާއި ދޭތެރޭ އަހަރެމެން ދެކޭ ގޮތް ވެސް ވަރަށް ބޮޑަށް ބަދަލުވާނެއެވެ. ދިރިއުޅުން ފަސޭހަވާނެއެވެ.

ޝައްކެއްވެސް ނެތެވެ. ގަދަ ކީރިތި ވަންތަ އިލާހު، އެއްވެސް އަޅަކަށް ދެރަ ގޮތެއް ނުޖައްސަވާނެއެވެ. އެއްވެސް އިންސާނަކަށް އެމީހަކަށް ނުއުފުލޭވަރު އިމްތިހާނެއް ނުވަތަ ބުރައެއްވެސް ނުޖައްސަވާނެއެވެ. އެހެންކަމުން އަހަރެމެންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމާ މެދު ޝަކުވާ ނުކުރާށެވެ. ހުރިހާ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަން ގަބޫލުކުރާށެވެ. ތިބާ ލޯބިވާ މީހަކު ނުލިބުމުން ދިރިއުޅުން މަތީން އުންމީދު ކަނޑައިނުލާށެވެ. އޭގެ ބަދަލުގައި އާ ހިތްވަރަކާ އެކު ތެދުވެ ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. ތިބާ އެންމެ ކުޑައިރުއްސުރެ އަދާކުރަން ބޭނުންވި ވަޒީފާ އަދާކުރުމުގެ ފުރުސަތު ނުލިބިދާނެއެވެ. އޭގެ ބަދަލުގައި އަދާކުރަން ބޭނުން ނުވާ ވަޒީފާއެއްވެސް އަދާކުރަން ޖެހިދާނެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ ދިރިއުޅުން މަތިން މާޔޫސް ވުމެއް ނޫނެވެ. އެއީ ވެސް ގަދަ ކީރިތި ވަންތަ އިލާހު ތިބާއަށް ދެއްވި ރަހުމަތެއް ކަމުގައި ދެކޭށެވެ.

ބުނަން މަސައްކަތް މިކުރަނީ ވަރަށް އާދައިގެ ކުޑަ ވާހަކައެކެވެ. ތިބާ ބޭނުންވާ ކަމެއް ނުވެ ނުވަތަ ލަސްވުމަކީވެސް ހެވެއް ކަމުގައި ދެކޭށެވެ. ތިބާއަށް ގެއްލުނު އެއްޗެއްގެ ބަދަލުގައި މާތް ﷲ އެއަށްވުރެ ރަނގަޅު އެއްޗެއް ތިބާއަށް ދެއްވާނެއެވެ. އަބަދުވެސް ލިބޭ މިންވަރަށް ޝުކުރު ކުރާށެވެ. އަހަރެމެންނަށް ވުރެ ހާލުގައި ދިރިއުޅޭ މީހުންވެސް އެބަ އުޅެއެވެ. އެހެންކަމުން ކުދި ކަންކަމާ ޝަކުވާ ކުރުމުގެ ބަދަލުގައި ޝުކުރުވެރިވާން ދަސްކުރާށެވެ. މާދަމާވެސް މަރުވެދާނެއެވެ. މަސައްކަތް ކުރަންވީ ދުނިޔެވީ އުފާތައް ހާސިލުކުރަކަށް ނޫނެވެ. އޭގެ ބަދަލުގައި މަސައްކަތް ކުރަންވީ ސުވަރުގެ ވަންތަ ވެރިއަކަށް ވާށެވެ. އަހަރެމެންގެ މަގްސަދަކަށް ހަދަންވީ އެކަމެވެ.