ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ ހަޔާތްޕުޅުގައި ނެގި ކޮންމެ ވޯޓެއްގައި އެމަނިކުފާނު އޮޅުވާލާއި މަކަރު ހަދާފައިވާ ކަމަށް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝިީދު ތުހުމަތު ކުރައްވައިފިއެވެ.

ނަޝީދު މިގޮތަށް ވިދާޅުވެފައިމިވަނީ ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް މައުމޫން ވިދާޅުވުމާ ގުޅިގެނެވެ.

ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2007 ވަނަ އަހަރު ނެގި ނިޒާމުގެ ވޯޓް ރައީސް މައުމޫން އޮޅުވާލެއްވި ކަމަށެވެ. ހަމައެކަނި އޮޅުވާ ނުލަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަމަށާއި އެ އިންތިހާބުން ވީ ބަލި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ރައީސް މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއް ވަނީ އެމަނިކުފާނު އޮޅުވާލައި މަކަރު ހާދާފައި،" ނަޝީދު ވިދާޅުވިއެވެ.

ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުންގެ ވަރަށް ބޮޑު އަގުލަބިއްތަކުން ނިންމަވާފައިވަނީ ރާއްޖެއަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމު ކަމަށެވެ.

"ދިވެހިރާއްޖޭގެ ސިޔާސީ، އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތަށް ބަލާއިރު ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަން ކަށަވަރު،" މައުމޫން ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ކަމުދަނީ ބަރުލަމާނީ ނިޒާމު ކަމަށް ތަކުރާރުކޮށް މީގެ ކުރިން ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިއަދު ވަނީ މަޖިލީހަށް ހުށަހެޅުއްވައިފައެވެ.

ޑީއާރުޕީގެ ލީޑަރުގެ ގޮތުގައިވެސް ހުންނެވި ޖާބިރު ހުށަހެޅުއްވި ބިލުގައި ވަނީ ގާނޫނުއަސާސީ އެކުލަވައިލުމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަަމަށް ކަނޑައެޅި ނަމަވެސް ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައަޅައި މުތުލަގު ގޮތެއްގައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

ގާނޫނުއަސާސީ ތަސްދީގު ކުރި ފަހުން ބޭއްްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާ އިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށްކަން އެނގެން އޮތް ކަމަށްވެސް ޖާބިރުގެ ހުށަހެޅުމުގައި ވިދާޅުވެފައިވެއެވެ.

މިގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ "ރިޔާސީ ނިޒާމެއްގެ" ފުރިހަމަ ސިފައިގައި ހިނގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަކަށް ބޮޑުވަމުންދާ ކަމަށެވެ. އަދި ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު "ބަރުލަމާނީ ނިޒާމް" އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލު ކުރެވޭތީ އާއި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަކީ ރައްޔިތުންނަށް އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.