1000 އަކަފޫޓުގެ ފުލެޓު ހުރި މީހުންނަށްވެސް ހިޔާ މަޝްރޫއުން ފްލެޓު ލިބިފައި އެބަހުރި ކަމަށް ފްލެޓް ކޮމެޓީން ބުނެފިއެވެ.

ފްލެޓް ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޓީގެ މެންބަރު ތޯހާ މުހައްމަދު ވިދާޅުވީ ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ޕޮއިންޓު ދިނުމުގެ ކަންކަން ކުރިއިރު، ބިންވެރިކަމަށް އެއްވެސް ވަރަކަށް ބަލާފާއި ނުވާ ކަމަށެވެ. އެގޮތުން 600 އަކަ ފޫޓަށްވުރެ ބޮޑެތި ބިން ހުރި މީހުންނާއި އަމީން އެވެނިއު އާއި ރެއިންކްރެސްޓް ފަދަ ތަންތަނުން 1000 އަކަފޫޓުގެ ފްލެޓު ހުރި މީހުން ވެސް ފުލެޓް ލިބުނު މީހުންގެ ލިސްޓުގައި ހިމަނާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ތޯހާ ވިދާޅުވީ، މިދިޔަ ސަރުކާރުން ފުލެޓްތަކަށް ކުރިމަތިލި މީހުންނަށް މާސްކު ދިނުމުގައި ވެސް މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ދަރިންނަށް ބަލައިގެން މާސްކު ދިނުމުގައި ތިން ދަރިންނަށް ވުރެ ގިނައިން ދަރިން ހުންނަ މީހުންނަށް 50 މާކްސް ދޭން ހިމަނާފައިވާއިރު ދެ ދަރިން ހުންނަ މީހުންނަށް ވެސް އެވަރަށް މާސް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ދަފްތަރުގެ މުއްދަތަށް ބަލާފައި މާސްކު ދިނުމަށް ކަނޑައަޅާފައި އޮތް އޮތުން ބަދަލުކޮށް، ދަފްތަރު ރަޖިސްޓްރީގައި އެދުވަހު ރަޖިސްޓްރީވެފައިވާ މީހުންނަށް ވެސް ފުލެޓް ލިބިފައިހުރިކަން ތޯހާ ފާހަގަކުރެއްވި އެވެ. އެކަމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ދަފްތަރުގައި ތިބި މީހުންނަށް ފުލެޓް ނުލިބި ވަގުތީ ދަފްތަރު ރަޖިސްޓްރީގައި ތިބި މީހުންނަށް ވެސް ފުލެޓް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.