ހިޔާ މަޝްރޫއު ފްލެޓް ތަކުގެ ބައެއް ކެޓެގަރީތަކުން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު މިއަދު އިއުލާނުކުރަން ނިންމައިފި އެވެ.

ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީން މިއަދު ކުރި އިއުލާނެއްގައި އެ ކޮމިޓީން ދިރާސާކުރުމަށްފަހު ވަގުތީ ލިސްޓެއް ނެރުނީ ހަތަރު ކެޓަގަރީއަކަށެވެ. އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ (H4)، ޓީޗަރުންނަށް ހާއްސަ ކެޓަގަރީ (H5)، މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ (H8)، އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީ (H10) އެވެ.

މި ހަތަރު ކެޓަގަރީން ފްލެޓް ލިބުނު ހަތަރު މީހުންގެ ލިސްޓު ބެލުމަށް: https://www.gazette.gov.mv/iulaan/view/132700

އެ ކެޓަގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ އިތުރުން ޝަރުތުހަމަނުވާ ފަރާތްތަކުގެ ވަގުތީ ލިސްޓު ވެސް މިއަދު ވަނީ އާންމުކޮށްފަ އެވެ. އަދި ޝަރުތުހަމަނުވާ ކަމަށް ކޮމިޓީން ނިންމި ސަބަބު ވެސް އޭގައި ބަޔާންކޮށްފައިވެ އެވެ. އޭގެ އިތުރުން ކެޓަގަރީތަކަށް ކުރިމަތިލުމަށް ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން، ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށްގެންދެވިފައިނުވާ ފަރާތްތައް ސަބަބާއެކު ވަގުތީ ލިސްޓުގައި ފާހަގަކޮށްފައިވެ އެވެ.

ފްލެޓްތަކުގެ މައްސަލަ ބަލަ ކޮމިޓީން ބުނީ، މިއަދު އާންމު ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހޭނީ https://hcp.presidency.gov.mv/ މެދުވެރިކޮށެވެ. އަދި ހިޔާ މަޝްރޫއުގެ ދާއިމީ ލިސްޓު އެކުލަވާލުމުގައި އެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތް ކުރެވޭނެ ވެސް ކޮމިޓީން ބުނެ އެވެ.