އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ގާއިމުކޮށްފައިވާ ބައިނަލްއަގްުވާމީ މުއާހަދާއެއް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ އިންޓަނޭޝަނަލް ކޮވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗާ ރައިޓްސް (އޯޕީއައިސީއީއެސްސީއާރު)" ރާއްޖެއިން ތަސްދީގު\ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ މުއާހަދާ ތަސްދީގުކުރުމަށް މަޖިލީހުން ރުހުންދީފައިވަނީ ޖަލްސާގައި ތިއްބެވި 58 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު އޯޕީއައިސީއީއެސްސީއާރު ރާއްޖެއިން ތަސްދީގުކުރުމަށް ނިންމައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 16 ގައެވެ.
"އޯޕީއައިސީއީއެސްސީއާރު" އަކީ "އައިސީސީއެސްސީއާރު" ގެ ދަށުން ކަށަވަރުކޮށްދޭ އިގުތިސާދީ، އިޖްތިމާއީ، އަދި ސަގާފީ ހައްގުތަކާ ގުޅޭގޮތުން ކަމާބެހޭ ކޮމިޓީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަކިވަކި ފަރުދުންނަށާއި ޖަމާއަތްތަކަށް ލިބިދޭ މުއާހަދާއެކެވެ.
މި މައްސަަލަ މަޖިލީހަށް ފޮނުވަމުން ރައީސް އޮފީހުން ބުނެފައިވަނީ އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއެރުވުމަކީ ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު އޭގެ މައްޗަށް ބިނާވެފައިވާ މުހިންމު އެއް އަސާސްކަމުގައިވާތީ، އެންމެ ފުރިހަމަ މާނައިގައި އައިސީސީއެސްސީއާރު އަށް އަމަލުކުރުމަށްޓަކައި މި މުއާހަދާ ތަސްދީގުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އޯޕީއައިސީއީއެސްސީއާރު" މުއާހަދާ ފާސްކޮށްފައިވަނީ އދ. ގެ އާންމު މަޖިލީހުން 10 ޑިސެމްބަރު 2008 ގައެވެ. އަދި މި މުއާހަދާގައި ސޮއިކުރުމަށް ގައުމުތަކަށް ހުޅުވާލާފައިވަނީ 24 ސެޕްޓެމްބަރު 2009 ގައެވެ. 21 ސެޕްޓެމްބަރު 2011 ގައި ދިވެހިރާއްޖެއިން މި މުއާހަދާގައި ސޮއިކޮށްފައވީ ނަމަވެސް އަދި މުއާހަދާ ތަސްދީގުކޮށްފައެއް ނުވެއެވެ.
ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި މިއަދާ ހަމައަށް މި މުއާހަދާ ތަސްދީގުކޮށްފައިވަނީ މުއާހަދާގައި ސޮއިކޮށްފައިވާ 45 ގައުމުގެ ތެރެއިން 24 ގައުމަކުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު