މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އައްޔަން ކުރެއްވުމަށް، ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި، ބ.އޭދަފުށި، ދިޔަވަރު، އަހުމަދު އިމާދުގެ ނަން އިތުރަށް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފިއެވެ.
ރައްޔުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އަހުމަދު އިމާދުގެ ނަން މަޖިލީހުގެ ތަޅުމަށް އިއްވުމުން އެނަން އިތުރަށް ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުއްވިކަން އިއުލާން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެމަގާމުގައި މީގެ ކުރިން ހުންނެވި އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ފުރިހަމަކުރައްވައި ހުސްވި ޖުލައިމަހު މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.
އެމްއެމްއޭ އުފެދުނީއްސުރެ ހިދުމަތް ކުރައްވަމުން ވަޑައިގެންނެވި ޒާހިރާ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން ވަކިވެވަޑައިގެންފައިވަނީ ހަ އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހުއެވެ.
އެމްއެމްއޭގެ ގާނޫނުގައިވާ ގޮތުން ޑެޕިއުޓީ ގަވަރުނަރުގެ މަގާމުގައި ހުންނެވޭނީ ދެ ދައުރެވެ. ޑެޕިއުޓީ ގަވަރުނަރަކީ ރައީސުލްޖުމްހޫރިއްޔާ ނަން ހުށަހަޅުއްވައި ރައްޔިތުން މަޖިލީހުން ފާސްކޮށްގެން އައްޔަން ކުރާ މަގާމެކެވެ.
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ
އެމްއެމްއޭ