ރޭގަނޑު 8:00ގެ ފަހުން ވެސް ނޫސްވެރިންނަށް އެއްގަމު އުޅަނދުތަކުގައި ބޭރުގައި އުޅެވޭނެ ކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ދީފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
މާލޭ ސަރަހައްދުގައި ކޮވިޑް 19ގެ ކޭސްތައް އިތުރުވަމުންދާތީ މާލޭގައި ރޭގަނޑު 8:00އިން ފެށިގެން ފަތިހު 5:00 ވަންދެން އެއްގަމު އުޅަނދު ދުއްވަން މަނާ ކުރަން ނިންމާފައިވާކަން ރޭ އެޗްއީއޯސީން ވަނީ އިއުލާނުކޮށްފައެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ނޫސްވެރިންވެސް ރޭގަނޑު 8:00ގެ ފަހުން ޖެކެޓު ލައިގެން ނުވަތަ ކާކުކަން އެނގޭ އެހެން ގޮތަކަށް ޓެކްސީގައި ދަތުރު ކުރުން އެދެވިގެންވާ ކަމަށެވެ.
އެކަމާ ގުޅިގެން އެމްއެމްސީން މިއަދު ވަނީ ފުލުހުންނާއި އެޗްއީއޯސީއާ މަޝްވަރާކޮށްފައެވެ.
އެމްއެމްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ނޫސްވެރިންނަށް ވަޒީފާގެ މަސްއޫލިއްޔަތު އަދާ ކުރަން އެއްގަމު އުޅަނދުތަކުގައި އުޅެން ހުރަހެއް މިހާރު ނޯންނާނެ ކަމުގެ ޔަގީންކަން ފުލުހުންނާއި އެޗްއީއޯސީއިން ދީފައިވާ ކަމަށެވެ،
"ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކަށް ބަދަލު ގެނެސް ރޭގަނޑު 8:00އިން ފަތިހު 5:00އަށް އާންމު ވެހިކަލް ނުދުއްވޭނެ ކަމަށް ނިންމައި އިއުލާން ކޮށްފައިވީ ނަމަވެސް، ނޫސްވެރިންނަށް ނޫސްވެރިންގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމަށް އަމިއްލަ ވެހިކަލްގައި އުޅުމަށް ހުރަހެއް ނެތްކަމުގެ ޔަގީންކަން ފުލުހުންނާއި ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ މި ކައުންސިލުން މަޝްވަރާކޮށް ވާނީ ހޯދައިފައެވެ..،" އެމްއެމްސީން ބުންޏެވެ.
މީގެ އިތުރުން އެ ބަޔާނުގައި ބުނީ، ނޫސްވެރިކަމުގެ ޒިންމާތައް އަދާކުރަމުން އަންނަ ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި، ކޮންމެ ނޫސްވެރިޔަކުވެސް އެމީހެއްގެ ޒާތީ ކަންކަން ކުރުމަށް ގެއިން ބޭރުގައި ހޭދަކުރާ ވަގުތުތައް ހޭދަ ކުރަންޖެހޭނީ އާއްމު ފަރުދުންނެކޭ އެއްގޮތަށް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު