ކ. ގުރައިދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަޝްރޫއުގައި 644,000 އަކަމީޓަރުގެ ސަރަހައްދުގެ ފަޅު ފުންކޮށް، 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އަދި 1،200 މީޓަރު ސަރަހައްދެއްގައި ބޮޑުގަލުގެ ރިވެޓްމެންޓެއް ޖަހާނެއެވެ. މި މަޝްރޫއަކީ ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއެކެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ، ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ ކަމަށާއި ނަމަވެސް މުޅި މަޝްރޫއު އެއްކޮށް ނިންމައިލެވޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ކަަމަށެވެ.
"އަޅުގަނޑުމެންނަށް މި އުއްމީދު ކުރެވެނީ މި މަސައްކަތް ސެޕްޓެމްބަރު 18 އަށް އަޅުގަނޑުމެން ރިކްލިމޭޝަން މަސައްކަތް ނިންމާލެވޭނެ ކަމަށް. ގާތްގަނޑަކަށް އަޅުގަނޑުމެންނަށް މި ހިއްކެނީ ކޮންމެ ދެ ދުވަހަކުން ހެކްޓަރެއް. އެހެންކަމުން ފުދޭ ވަރަކަށް ބާރުމިނުގައި ހިއްކުމުގެ މަސައްކަތްތައް ކުރިއަށް މިދަނީ. ދެ އަޅުގަނޑުމެންނަށް މުޅި މަސައްކަތް ނިންމައިލެވޭނީ އޭޕްރީލް މަސްތެރޭގައި،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ ކޮވިޑާ ގުޅިގެން މަސައްކަތްތައް މަޑުޖެހުނު ނަމަވެސް އަލުން މަސައްކަތް ފަށާފައި މިވަނީ އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅައިގެން ކަމަށެވެ. އަދި ނިންމަން ކަނޑައަޅާފައިވާ ތާރީހަށް މަސައްކަތް ނިންމާނެ ކަަމަށްވެސް އާޒިމް ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ޕިކްނިކް އައިލެންޑެއް ވެސް އެ ރަށުގައި ގާއިމުކުރާނެއެވެ. އަދި މުޅި ޕްރޮޖެކްޓަށް 80 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.