މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ގޮތުގައި ތިބެގެންވެސް، ވިޔަފާރި ކުރެވޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިގޮތަށް ފާސްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ގާނުނާއި އޮޑިޓަ ޖެނެރަލްގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގާނޫނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުތައް ދިރާސާކުރުމަށް ފޮނުވާފައިވާ ކޮމިޓީތަކާއެކު ބޭއްވި އެއްގޮތް ކުރުމުގެ ބައްދަލުވުންތަކަށް ފަހުގައެވެ.
އެ ބިލުތައް ދިރާސާކުރުމަށް ފޮނުވާފައިވާ ކޮމިޓީތަކުގެ ތެރޭގައި ހިމެނެނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީއެވެ. އެ ހަތަރު ކޮމިޓީގެ މުގައްރިރުން ބައްދަލުކުރައްވައި، ބިލުތައް އެއްގޮތް ކުރުމުގެ މަސަައްކަތްކުރެއްވީ އެއީ މިނިވަން މުއައްސަސާތަކެއް ކަމަށްވާތީ، އެ ތަންތަނުގެ މެންބަރުންނާ ބެހޭގޮތުން ގާނޫނު އެއްގޮތް ކުރުމަށެވެ.
އެގޮތުން އެ އިސްލާހުތަކާއެކު، އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ތިން ބިލެއް ފާސްކޮށްފައެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ގާނޫނާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ގާނޫނާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
ސަރުކާރުން އެ ބިލުތައް ހުށަހެޅި އިރު، އެ ކޮމިޝަންތަކުގެ މެންބަރުން އިތުރު ވަޒީފާ އަދާނުކުރުމަށް ކަނޑައަޅާފައިވާ މާއްދާގައި ކޮމިޝަންގެ މެންބަރުން އަމިއްލަ ވިޔަފާރިއެއް ހިންގައިގެންނުވާނެ ކަމަށާއި ވިޔަފާރީގެ އުސޫލުން އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ކޮމިޓީން އެ މާއްދާއަށް ވަނީ އިސްލާހު ގެނަސްފައެވެ. ކޮމިޓީން ގެނައި އިސްލާހުގައި ބުނެފައިވަނީ ކޮމިޝަން މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތާ ބެހޭ ދާއިރާގައި ހިމެނޭ އެއްވެސް މަސައްކަަތަކާ ގުޅޭ ވިޔަފާރިއެއް ހިންގައިގެން ނުވާނެ ކަމަށެވެ.
އެހެންކަމުން މި އިސްލާހާ ގުޅިގެން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވައިގެންވެސް ވިޔަފާރި ކުރެވޭނެއެވެ. ނަމަވެސް އެ ވިޔަފާރިއެއް ވާން ޖެހޭނީ އެ މެންބަރެއްގެ މަގާމުގެ މަސްއޫލިއްޔަތާ ބެހޭ ދާއިރާގައި ނުހިމެނޭ މަސައްކަތަކާ ގުޅޭ ވިޔަފާރިއަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު