ކުޅިވަރުގެ ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކުޅިވަރު ގައުމީ ޖަމިއްޔާތަކާއި އެއްވެސް ހައިސިއްޔަތަކުން ގުޅުން ބާއްވާތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ހާޒިރުކޮށް ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެކަންތައްތަކާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރުމަށް ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ.
ގާނޫނާއި ގަވާއިދާ ހިލާފަށް އަމަލު ކުރަމުންދާ ކުޅިވަރު ގައުމީ ޖަމްއިއްޔާއަކަށް އެހީތެރިކަން ފޯރުކޮށްދެވާފައިވޭތޯ ވެސް މެންބަރު ހުސައިން ޝަހީމް ސުވާލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްގެ އިންތިހާބާ ބެހޭގޮތުންވެސް މާދަމާގެ ޖަލްސާގައި މެންބަރު ހުސައިން ޝަހީމް ސުވާލު ކުރެއްވުމަށް ވަނީ ހަމަޖައްސައިފައެވެ.
އެގޮތުން 2 ޖުލައި 2020 ގައި ތާވަލްކޮށް ކުރިއަށްގެންދިޔަ، އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް އެފްއޭއެމްއަށް އެންގި ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، އެގޮތަށް އަންގާފައި ވަނިކޮށް އެފްއޭއެމްއިން އެ އިންތިހާބު ބޭއްވީ ވަޒީރުގެ އެންގެވުމާ ހިލާފަށް ކަމަށް ގަބޫލުކުރަންތޯ ވެސް ސުވާލު ކުރަން ވަނީ ހަމަޖެހިފައެވެ.
އޭގެ އިތުރުން އެގޮތަށް އަންގާފައި ވަނިކޮށް އެ އިންތިހާބު ބޭއްވީ ކީއްވެތޯ އާއި އިންތިހާބު ބޭއްވީ މިނިސްޓަރުގެ އެންގުމާ ހިލާފަށް ނަމަ އެ އިންތިހާބު ގަބޫލު ކުރައްވަންތޯވެސް ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެފްއޭއެމްގެ އިންތިހާބާ މެދު ބޮޑެތި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.
އެމައްސަލަ އެންމެ ބޮޑަށް ފާހަގަވަނީ، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފާ ދެމެދު ރައްދު ކުރަމުންދާ ބަހުގެ ހަމަލާތަކުންނެވެ.
އެފްއޭއެމްގެ އިންތިހާބުގެ މައްސަލައިގައި، އާޒިމް ވިދާޅުވީ ސަރުކާރަށް ގޮންޖެހުމަށްފަހު އެފްއޭއެމުން އިންތިހާބު ބޭއްވީ ގަވައިދާ ހިލާފަށް ކަމަށެވެ. އެހެންކަމުން އެ އިންތިހާބު ބާތިލުކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ.
ނަމަވެސް އެ މައްސަލައިގައި މިނިސްޓަރު މަހުލޫފު ވިދާޅުވެފައިވަނީ، އަލީ އާޒިމް އުޅުއްވަނީ މަހްލޫފު ލައްވައި ވަރަށް ބޮޑު ނުބައެއް ހެެއްދެވުމަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް