ދުނިޔެ

ޕީޕީއީ ހޯދުމުގައި ކޮރަޕްޝަން ހިންގުން ބަލައެއް ނުގަނެވޭނެ: ޑަބްލިއުއެޗްއޯ

މުހައްމަދު އައުޒަމް

ޕީޕީއީ ހޯދުމުގައި ކޮރަޕްޝަން ހިންގުން ބަލައިނުގަނެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޮސް އަދަނޮމް ވަނީ މިފަދަ ބަލިމަޑުކަމެއްގައި ދުނިޔެ އޮތް ދަނޑިވަޅެއްގައި ޕީޕީއީ ހޯދުން ފަދަ ކަންކަމުގައި ކޮރަޕްޝަނުގެ އަމަލު ހިންގުންމަކީ ޖިނާއީ ކުށެއްކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ.

ޓެޑްރޮސް ވިދާޅުވީ ޕީޕީއީ ހޯދުމުގައި ކޮރަޕްޝަނުގެ އަމަލު ހިންގުން އެއީ މީހުން މެރުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި ސިއްހީ ދާއިރާގައި އެތައްބަޔަކު ފުރާނަ ނުރައްކަލަށް ލައިގެން މަސައްކަތް ކުރަނީ މީހުން ސަލާމަތް ކުރުމަށް ކަމަށާއި ޕީޕީއީ އިން ކޮރަޕްޝަނުގެ އަމަލު ހިންކުމަކީ އެންމެން ނުރައްކަލަށް ވައްޓާލުން ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މި ބަލިމަޑުކަމުގެ ދަނޑިވަޅުގައިވެސް ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމަތި ވެފައެވެ.

ކޮވިޑު ބަލި މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެއަށް ގެންނާން އޯޑަރު ކުރި ވެންޓިލޭޓަރުތަކާއި ގުޅިގެން ވެސް ސީރިއަސް ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ. އޮޑިޓަރު ޖެނެރަލް ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި ވެންޓިލޭޓަރުތައް ރާއްޖެއަށް ގަތުމަށް ހިންގި މުއާމަލާތްތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ވަނީ ހިމެނިފައެވެ.

އެ މައްސަލަ ފުލުހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލަން ރައީސް ސޯލިހު އަންގަވާފައިވާ އިރު، ރައްޔިތުންގެ މާލިއްޔަތު ކޮމެޓީންވެސް އެކަން ބަލާނެ ކަމަށް އެ ކޮމެޓީން ވަނީ ބުނެފަ އެވެ.

މި މައްސަލަތައް ފެންމަތިވުމާއި ގުޅިގެން، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މައްސަލަ ތަހުގީގުކުރުމަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިވެވަޑައިގެންފަ އެވެ.