(20 އޯގަސްޓުގެ އަދަދާ ގުޅޭ)
ޒަރުބަޚުތު ވަރަށްބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިނުގެން ވިދާޅުވިއެވެ. "ކޮއްކޮ ތިޔަ ވިދާޅުވަނީ ކީކޭތޯއެވެ؟"
"އަޅުގަނޑު މިދަންނަވަނީ އަޅުގަނޑު ދުނިޔޭގައި އިންދައި އަޅުގަނޑުގެ ބޭބެ ހަލާކުގެ މަގު އަލުން ޚިޔާރު ނުކުރައްވާނެ ކަމުގައެވެ."
"ކޮއްކޮގެ ނަޒަރުގައި އަޅުގަނޑުގެ ސަލާމަތުގެ މަގަކީ ކޮބައިތޯއެވެ؟"
ماه بانو ކަރުނަފޮދު އޮއްސަވަމުން ވިދާޅުވިއެވެ. "ބޭބެއަކަށް މިހާރަކު ވިސްނިވަޑައެއް ނުގަންނަވާނެއެވެ. ވަގުތު އައުމުން އަޅުގަނޑު ދަންނަވާނަމެވެ."
ޒަރުބަޚުތު އިތުރަށް ވާހަކަދައްކަވާން އުޅުއްވިއެވެ. ނަމަވެސް ماه بانو ތެދުވެވަޑައިގެން ކަރުނަފޮދު ފޮއްސަވަމުން އެކޮޓަރީން ބޭރަށް ނުކުމެވަޑައިގެންފިއެވެ. ޒަރުބަޚުތު يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "يـاسمـين އެވެ. ماه بانو އަށް މިވީކީއްތޯއެވެ؟ އަޅުގަނޑުގެ ކޮއްކޮ އަޅުގަނޑު ފިނޑި މީހުންގެ ސަފުގައި ހުއްޓައި ދެކެވަޑައިގަންނަވާން ބޭނުންފުޅުވެވަޑައިގެންފާނެކަމަކަށް އަޅުގަނޑުގެ ހިތަކަށް ނާރައެވެ."
يـاسمـين ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ. "ماه بانو ގެ ވާހަކަފުޅު ކަލާއަށް ވިސްނިވަޑައިގަންނަވާނެނަމަ ވަރަށް ރަނގަޅެވެ."
ޒަރުބަޚުތު ވިދާޅުވިއެވެ. "އަޅުގަނޑަށް އެނގެނީ އީރާނު ބަލިވުމާއި ފާރިސީން ހަލާކުވެދިޔުމާމެދު ماه بانو ގެ ކުޑަވެސް ފަރުވާލެއް ނެތްކަމެވެ."
يـاسمـين ޖަވާބު ދެއްވިއެވެ. "ނޫނެކެވެ. އީރާނުގެ ސަލާމަތަކީ އޭނާގެ އަރިހުގައި އެހެން އެކަކަށްވުރެވެސް ލޮބުވެތިކަން ކުޑަކަމެއް ނޫނެވެ. ނަމަވެސް އޭނާއަށް ޔަގީންފުޅުވަނީ ކިސްރާގެ ފެމުސްވެރީންނަށް މާތް اللّـه ގެ އަޅުތަކުންނާ ހަނގުރާމަކޮށްގެން ކާމިޔާބު ނުހޯދޭނެކަމެވެ."
"އަޅުގަނޑުގެ ކޮއްކޮޔާމެދު އަޅުގަނޑު ތިޔަގޮތަކަށެއް އުންމީދެއް ނުކުރަމެވެ. ކާއޫސު އޭނާ މަގުފުރެއްދީކަމުގައި ވެދާނެބާވައެވެ؟ އޭނާ ކޮބައިތޯއެވެ؟" ޒަރުބަޚުތު ހަރުއަޑުފުޅުން އޭނާއަށް ވިދާޅުވާން ފައްޓަވައިފިއެވެ.
يـاسمـين އިލްތިމާސުގެ ރާގުގައި ވިދާޅުވިއެވެ. "ކަލާ ކާއޫސާ ދިމާޔަށް އެއްޗެކޭ ވިދާޅުނުވާށެވެ. އޭނާއަކީ ކަލާއަށް ހެޔޮއެދޭ މީހެކެވެ. ކަލާ ޖަލުގައި ހުންނެވިއިރު އޭނާގެ ކޮންމެ ނޭވާޔަކާއެކު ކަލާގެ ސަލާމަތަށްއެދި އޭނާ ދިޔައީ ދުޢާކުރަމުންނެވެ."
ކާއޫސު އެކޮޓަރިޔަށް ވަދެއްޖެއެވެ.
ޒަރުބަޚުތު ވިދާޅުވިއެވެ. "ކާއޫސެވެ! މުސްލިމުންގެ ޖާސޫސުންގެ އަދަބަކީ ކޮބައިކަން އެނގޭހެއްޔެވެ؟"
ކާއޫސު ހަމަޖެހިލައިގެންހުރެ ޖަވާބުދިނެވެ. "މިތާނގައި އަދަބު ލިބުމަށްޓަކައި އެމީހަކީ ކުށްވެރިޔަކަށްވުން ލާޒިމެއް ނޫންކަންވެސް އަޅުގަނޑު ދަންނަވަމެވެ. ބަހެރާޝޭރުގެ ޖަލު ފުރިފައިވަނީ އެބައެއްގެ ބައްޕައިންނާއި ކާފައިން އީރާނަށްޓަކައި އަދަދު ހިމަނައިނުގަނެވޭފަދަ ޤުރުބާނީތަކެއް ވެފައިވާ މީހުންތަކުންނެވެ."
"ކަލޭ ވަނީ މިގޭގައި ސަރުކާރާ ދެކޮޅަށް ނަފުރަތު ފަތުރަން މަސައްކަތް ކޮށްފައެވެ."
ماه بانو އެނބުރި އެކޮޓަރިޔަށް ވަޑައިގެންފިއެވެ. އޭނާ ކުރިޔަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަނިޔާވެރިކަމުގެ ބިންގަލުގެ މަތީގައި އެސަރުކާރެއް އާރާސްތުވެފައިވާ ސަރުކާރަކާމެދު ބައެއްގެ ހިތުގައި ނަފުރަތު އުފެދުމަކީ ކާއޫސު މިރަށަށް ނަޔަސް ވާނެކަމެކެވެ. އޭނާ އައީ އަޅުގަނޑުމެންގެ ހާލު ދެކެލަންވެގެންނެވެ. އަޅުގަނޑުމެންގެ ހާލާމެދު މޮޅީން ހިތް އޮބިނޯވެގެން މިތާނގައި މަޑުކޮށްލީއެވެ. އޭނާ ނައިކަމުގައި ވީނަމަވެސް އަޅުގަނޑުގެ ހުރީހީ ހަމަ މި އިޙުސާސުތަކެވެ. އަޅުގަނޑަކީ ނިކަމެތިކަމާއި އާރެއްބާރެއް ނެތުމުގެ ހިތި ކަރުނަ ފިޔަވައި އެހެން އެއްވެސް އެއްޗެއް އަޅުގަނޑުމެންނަށް ނުދިން ސަރުކާރުގެ ބާޣީއަކީމެވެ. އަޅުގަނޑު މިހުރީ އެކުށަށް އަދަބު ލިބިގަންނަން ތައްޔާރަށެވެ. އެކަމަކު ކަލާކޮށްޓަކައި ދަންނަވަމެވެ. މި މުސްކުޅިޔާއާ ދިމާޔަށް އެއްޗެކޭ ވިދާޅުނުވާށެވެ. އޭނާގެ ބޮލުގައި ނުރަޖެހީ އަޅުގަނޑުމެންގެ ޚާންދާނުގެ ޚިދުމަތުގައި އުޅެއެވެ."
يـاسمـين ވިދާޅުވިއެވެ. "ކަލާ ކާއޫސަކީ ދުޝްމިނެއްކަމުގައި ބައްލަވާނަމަ މިދުނިޔެއަކު ކަލާގެ ރަޙުމަތްތެރިޔަކު ނުހުންނާނެއެވެ."
ޒަރުބަޚުތު ބަލި ގަބޫލުކުރައްވާގޮތަށް يـاسمـين އާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާގެ ލޯފުޅުގައިވަނީ ކަރުނައެވެ. އިރުކޮޅެއްވަންދެން އޭނާއަށް ވާހަކަފުޅެއް ނުދެއްކެވުނެވެ. އިރުކޮޅެއް ކޮށްލައްވައިފައި އޭނާ ކާއޫސާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭގެ ޚިދުމަތުގެ އަގު ވަޒަންނުކުރާނަމަ އަހަރެން ކުޑަކޮށްވެސް ލަސްކޮށްލުމެއްނެތި ކަލޭ ސަރުކާރާ ހަވާލުކުރީމުހެވެ. ދެންވެސް ކަލޭ އަހަރެމެންގެ މުޅި ޚާންދާނުގެ ހަލާކަށް ނޭދޭނަމަ މިގޭގައި ހުރިހައިދުވަހަކު މުސްލިމުންގެ ޙިމާޔަތުގައި ވާހަކަ ނުދައްކާނެކަމުގައި ވަޢުދުވާށެވެ."
ކާއޫސު ހަމަޖެހިލައިގެންހުރެ ޖަވާބުދިނެވެ. "އަޅުގަނޑަށް ހަމައެކަނި ވަޢުދުވެވޭނީ މިގޭގައި ހުރިހައިދުވަހަކު މަނިކުފާނުގެ ސަލާމަތާއި ހެވަށް އެދިގެން މެނުވީ ވާހަކަ ނުދައްކާނެ ކަމުގައެވެ. އަޅުގަނޑުގެ އިންތިހާދަރަޖައިގެ އިޚުލާޞްތެރިކަމާއި ހެޔޮއެދުމާއެކުވެސް މަނިކުފާނަށް ކުޑަވެސް ލާބައެއް ހޯދައިނުދެވޭނެކަން ޔަގީންވާއިރަށް އަޅުގަނޑު މިގެއިން ހިނގައިދާނަމެވެ. އެންމެދުވަހަކުވެސް މަޑެއް ނުކުރާނަމެވެ."
ކާއޫސު ދޮރާ ދިމާޔަށް ހިނގައިގަތެވެ. އޭނާ ދޮރުން ނުކުތުމުގެކުރީން ފަސްއެނބުރި ބަލައިލިއެވެ. އޭނާ ބުންޏެވެ. "قبــاد ގެ ދަރިކަލުންނޭވެ! އަޅުގަނޑަކީ މަނިކުފާނުގެ ދުޝްމިނެއް ނޫނީމެވެ."
އަނެއްކާވެސް ތިންހަފުތާ ވޭތުވެއްޖެއެވެ. ޒަރުބަޚުތު އުޅުއްވީ يـاسمـين އާއި ماه بانو ގެ ކުރިފުޅުމަތީގައި ހަނގުރާމައިގެ ވާހަކަ ނުދައްކަވަން ވިސްނައިވަޑައިގެންނެވެ. މިހާރު އޭނާ ހެނދުނާއި ހަވީރު ގޯތިތެރޭގައި ހިންގެވުމުގެ ބަދަލުގައި ބައެއްފަހަރަށް ވައިޖައްސައިލައްވަން ބޭރަށްވެސް ވަޑައިގަންނަވާން ފައްޓަވައިފިއެވެ. ބައެއްފަހަރު ހިންގަވައިފައެވެ. އަނެއްބައިފަހަރު އަސްމަތީގައެވެ. ޖަލުން ސަލާމަތްވެވަޑައިގެންނެވިތާ ހަތްވަނަ ހަފުތާގައި އޭނާ މަދާއިނުގެ އަސްކަރީ މަރުކަޒުގައި އެންމެފުރަތަމަ ފަހަރަށް ލޮންސި ހެވިކަމުގެ ތަމްރީނު ހެއްދެވިއެވެ. އެދުވަހަށްފަހު އޭނާ ދުވާލުގެ ގިނަވަގުތު އުޅުއްވަނީ ގެއިންބޭރުގައެވެ.
އޭނާ އެއްދުވަހެއްގެ ހެނދުނު ހެނދުނާ އަސްމަތީގައި ބޭރަށް ވަޑައިގެންފިއެވެ. ހަވީރުވީއިރުވެސް ގެޔަކަށް ވަޑައެއް ނުގަންނަވައެވެ. ماه بانو އާއި يـاسمـين އާ ދެބޭފުޅުން އޭނާގެ އިންތިޒާރުގައި ގޯތިތެރޭގައި ތިއްބެވިއެވެ. އިރުއޮއްސުނުތާ އިރުކޮޅެއްގެފަހުން އެބޭފުޅުންނަށް އަހެއްގެ ފިޔަވަޅުގެ އަޑު އިވިވަޑައިގެންފިއެވެ. ނޯކަރެއް އިރުކޮޅެއްގެ ތެރޭގައި ދުވެފައި އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. އާދުމާން އެބަވަޑައިގަންނަވައެވެ.
ماه بانو އާއި يـاسمـين އާ ދެބޭފުޅުން ކަންބޮޑުވެވަޑައިގެން އެއްބޭފުޅަކު އަނެއްބޭފުޅަކާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އެބޭފުޅުންވެސް ކޮޅަށް ތެދުވެވަޑައިގެންފިއެވެ. އިރުކޮޅެއްވެސް ނުވެއެވެ. އާދުމާނު ކާއޫސާއެކު ވަޑައިގަންނަވާތީ ފެނިވަޑައިގެންފިއެވެ. އާދުމާނު ވަޑައިގެން ماه بانو އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "އަޅުގަނޑު މިއައީ ކަލާގެ ބޭބޭފުޅު ފޮނުއްވީމައެވެ. މިރެޔަކު އޭނާއަށް ގެޔަކަށް ވަޑައެއް ނުގެންނެވޭނެއެވެ."
"އޭނާ ވަޑައިގެންވީ ކޮންތަނަކުތޯއެވެ؟" ماه بانو ސުވާލުކުރެއްވިއެވެ.
"އޭނާ ވަޑައިގެންވީ ބެހެރާޝޭރުގެ ކިއްލާގައެވެ. ޝަހެންޝާހުވެސް އެތަނަށް ފައިންޕުޅު އަޅުއްވައިފިއެވެ. ކޮމާންޑަރ އިން ޗީފް ކަލާގެ ބޭބެވެސް ދަރުބާރުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި މަޑުކުރުއްވީއެވެ. ޝަހެންޝާހު އެއްދުވަހެއް ދެދުވަހެއް ވަންދެން ބެހެރާޝޭރުގައި މަޑުކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެނަމަ ކަލާގެ ބޭބެއަކަށް ގެއަށްވަޑައިގަންނަވާނެ ފުރުސަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ."
ماه بانو ވިދާޅުވިއެވެ. "ކަލާއަކީ ބޭބޭފުޅުގެ ރަޙުމަތްތެރިޔަކީމުއެވެ. އަޅުގަނޑުވެސް ކަލާއާމެދު ދެކެނީ އަޅުގަނޑުގެ ބޭބެއެއްކަމުގައެވެ. އަޅުގަނޑު ކަލާއާމެދު އުންމީދުކުރަނީ އަޅުގަނޑަށް އެއްވެސްކަމެއް ވަންހަނާ ނުކުރައްވާނެކަމުގައެވެ."
"ކަލާ ސުވާލުކުރައްވަން ބޭނުންފުޅުވަނީ ކޮންކަމަކާތޯއެވެ؟"
"ބޭބޭފުޅު ފާޖުގައި ބައިވެރިވެވަޑައިގެންފިއެއް ނޫންތޯއެވެ؟"
އާދުމާނު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ދެނެހުރިގޮތުގައި އޭނާ ޖަލުން ސަލާމަތްވެވަޑައިގެންނެވުމާއެކު ފާޖުގައި ބައިވެރިވެވަޑައިގެންފިއެވެ. އޭނާއާ މުހިންމު ޒިންމާ ހަވާލުނުކުރެވި އޮތްކަމުގައިވާނަމަ އޭގެ ހަމައެކަނި ސަބަބަކީ އާލާސްކަންފުޅާ އުޅުއްވުން ފިޔަވައި އެހެންކަމެއް ނޫނެވެ."
"މިހާރު ބޭބޭފުޅާ މަސްއޫލިއްޔަތެއް ހަވާލުކުރެވިއްޖެތޯއެވެ؟"
"ނޫނެކެވެ. އޭނާއާ އަދިޔެއް ލަޝްކަރެއްގެ ކޮމާންޑަރުކަމެއް ހަވާލެއް ނުކުރެވެއެވެ. ކޮމާންޑަރ އިން ޗީފް ބޭނުންފުޅުވަނީ އޭނާ އަލަށް ސިފައިންގެ ތެރެޔަށް ވަންނަ މީހުން ތަމްރީނުކުރެއްވުމާ ހަވާލުވެވަޑައިގެންނެވުމެވެ. އެކަމަކު ޝާހީ ފާރަވެރީންގެ ލަޝްކަރުގެ އޮފިސަރުން ބޭނުންފުޅުވަނީ އޭނާ އެބޭފުޅުންނާއެކު ހުންނެވުމެވެ. ޝެހެޒާދީ ޕޫރާންވެސް ބޭނުންފުޅުވެވަޑައިގަންނަވަނީ އެގޮތެވެ. އަޅުގަނޑަށް ހީވާގޮތުގައި ކަލާގެ ބޭބޭފުޅުވެސް އޭނާގެ ކުރީގެ އެކުވެރީންނާ ވަކިވެވަޑައިގަންނަވާކަށެއް ބޭނުންފުޅެއް ނުވާނެއެވެ. ވޭތުވެދިޔަ ދިހަވަރަކަށް ދުވަހު އޭނާ މަސައްކަތްކުރެއްވީ ބެހެރާޝޭރުގައެވެ. ކޮމާންޑަރ އިން ޗީފުގެ މުޝީރެއްގެ ހައިސިއްޔަތުންނެވެ. އަޅުގަނޑަށް ހީވާގޮތުގައި ދެދުވަހެއްގެ ތެރޭގައި އޭނާއާ މުހިންމު ޒިންމާއެއް ހަވާލުކުރެވޭނެއެވެ. އީރާނުގެ ފާޖުތަކުގައި ކަލާގެ ބޭބޭފުޅުގެ އަހަންމިއްޔަތު ވިސްނައިވަޑައިގަންނަވާށެވެ. ޝަހެންޝާހުގެ ޚާއްޞަ ފާރަވެރީންގެ ފާޖުގެ އޮފިސަރުންގެ ތެރެއިން ރުސްތުމުގެ އަމުރުފުޅަށް ޖަލަށް ލައިފައިތިބި ހުރިހާ އޮފިސަރުންވެސް ޝަހެންޝާހު މިހާރުވަނީ ދޫކޮށްލައްވައިފައެވެ. އިއްޔެ ކަލާގެ ބޭބޭފުޅު އެދިވަޑައިގެންނެވުމުންނެވެ. ބެހެރާޝޭރާއި އިރުމަތީ މަދާއިނުގެ ޢިއްޒަތްތެރި ހުރިހައި އަންހެން ބޭފުޅުން މާލަހެއްނުވެ ކަލާއަށް މުބާރިކުބާދީ ދަންނަވަން ވަޑައިގަންނަވާނެއެވެ. ދެން އަޅުގަނޑަށް ހުއްދަ ދެއްވާށެވެ!"
އާދުމާނު އެނބުރި ވަޑައިގެންނެވުމުން ماه بانو ފިނި ނޭވާފުޅެއް ލައްވައިފައި ކާއޫސާ ދިމާޔަށް ވިދާޅުވިއެވެ. "ކާއޫސު ބޮޑުބޭބެއެވެ. ދެން އަހަރެން ހަދާނީ ކިހިނެއްހެއްޔެވެ؟ ހެދޭނީވެސް ކިހިނެއް ހެއްޔެވެ؟"
ކާއޫސު ޖަވާބު ދިނެވެ. "ދަރިފުޅު މާޔޫސް ނުވާށެވެ. اللّـه އަޅުގަނޑުމެންނަށް މަދަދު ދެއްވާނެކަން އަޅުގަނޑަށް ޔަގީނެވެ. ވަޑައިގަންނަވާށެވެ. ދަރިފުޅުގެ ބޭބެއަށްޓަކައި ދުޢާކުރައްވާށެވެ!"
ماه بانو ގޭތެރެޔަށް ވެދެވަޑައިގެންފިއެވެ.
يـاسمـين އިރުކޮޅެއްވަންދެން ހިމޭނުން ހުންނެވިއެވެ. އޭނާ އިރުކޮޅަކުން ކާއޫސާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ކާއޫސު ބޭބެއެވެ. އަޅުގަނޑުގެ ގާތުގައި ދުޢާކުރަން ނުބުނުއްވަނީ ކީއްވެތޯއެވެ؟"
ކާއޫސު ކަންބޮޑުވެގެން يـاسمـين އާ ދިމާޔަށް ބަލާން ފަށައިފިއެވެ. "އާދޭހެވެ. ދަރިފުޅާއެވެ! ދަރިފުޅުވެސް ވަޑައިގެން ދުޢާކުރައްވާށެވެ. އަޅުގަނޑުމެންގެ ދުޢާއަށްވުރެ ބޮޑަށް ޒަރުބަޚުތަށް ފައިދާކުރާނީ ދަރިފުޅުގެ ދުޢާއިން ކަމުގައި ވެދާނެއެވެ."
"އެކަމަކު ބޮޑުބޭބެ ماه بانو އަށް ދަސްކޮށްދެއްވާ ދުޢާތައް އަޅުގަނޑަށް ދަސްކޮށް ނުދެއްވަނީ ކީއްވެގެންތޯއެވެ. އަޅުގަނޑަކީ ބޮޑުބޭބެގެ ކުއްޖެއްކަމުގައި ނުބައްލަވަނީތޯއެވެ؟"
"ދަރިފުޅާއެވެ! ދަރިފުޅު އަޅުގަނޑުގެ ފަރާތުން ކަމެއް ދަސްކުރައްވަން ރުހިވަޑައިގަންނަވާނެ ކަމަކަށް އަޅުގަނޑު ހީއެއް ނުކުރަމެވެ."
"ނޫނެކެވެ. ބޮޑުބޭބެ ހީކުރައްވަނީ އަޅުގަނޑު ބޭބެގެ ސިއްރު އެހެންމީހުނަށް ފާޅުކޮށްފާނެ ކަމުގައެވެ. އެކަމަކު ماه بانو އޭނާގެ އެއްވެސްކަމެއް އަޅުގަނޑަކަށް ވަންހަނާއެއް ނުކުރައްވައެވެ. އޭނާ އިސްލާމްވެވަޑައިގެންފިކަންވެސް އަޅުގަނޑަށް އެނގެއެވެ."
"ދަރިފުޅަށް އެކަން އެނގިވަޑައިގެންނެވީ ކިހިނަކުންތޯއެވެ؟"
"އަޅުގަނޑު ގާތު ވިދާޅުވީ ޚުދު އޭނާއެވެ."
"ކޮންއިރަކުތޯއެވެ؟"
"އޭނާގެ ބޭބެ ބޮޑުބޭބެއަށް އެއްޗެހި ވިދާޅުވިދުވަހު އަޅުގަނޑަކަށް ހުރިހައިކަމެއް ވިސްނައެއް ނުގަނެވުނެވެ. އެކަމަކު ماه بانو ޚިޔާރުކުރައްވާ މަގެއް ގޯސްނުވާނެކަމަށް އަޅުގަނޑުގެ ހިތް ހެކިދެއެވެ. އޭނާ ވިދާޅުވާގޮތުގައި މުސްލިމުން އަޅުކަންކުރާ ކަލާނގެއަކީ ވަރަށް އޯގާވަންތަ ކަލެކެވެ. އެކަލާނގެ ޙަޟުރަތުން މަދަދުއެދޭ މީހުން މާޔޫސެއް ނުކުރައްވާނެއެވެ. އެބައިމީހުންނަށް މުސީބާތެއް ކުރިމަތިވެއްޖެނަމަ ވާގިވެރިވެ ވޮޑިގަންނަވާނެއެވެ. އަޅުގަނޑަށް ހީވާގޮތުގައި ހުސްއެކަނި ماه بانو އެއް ނޫނެވެ. ޚުދު އަޅުގަނޑުވެސް އެފަދަ ކަލެއްގެ ޙަޟުރަތުން ވާގިދެއްވުން އެދޭންޖެހެއެވެ."
"ދަރިފުޅާއެވެ. ދުނިޔޭގައިވާ ކޮންމެ އިންސާނަކަށްވެސް އެކަލާނގެ ޙަޟުރަތުން މަދަދު ބޭނުންވެއެވެ."
"އަޅުގަނޑު ޒަރުބަޚުތުގެ ސަލާމަތަށް އެދެމެވެ. އޭނާ އެނބުރިވަޑައިނުގެންފިނަމަ އަޅުގަނޑަކަށް ދުނިޔެއަކު ނުހުރެވޭނެއެވެ." يـاسمـين ކީރިތިކުރައްވާން ފައްޓަވައިފިއެވެ.
ކާއޫސު ބުންޏެވެ. "ދަރިފުޅު އިސްލާމްވެވަޑައިގެންފިނަމަ ދަރިފުޅާއި ޒަރުބަޚުތު ދިރިއުޅުއްވުން އެކައްޗަކަށް ވާނެކަމުގައެއް އަޅުގަނޑަކަށް ވަޢުދެއް ނުވެވޭނެއެވެ. އެކަމަކު ދަރިފުޅު އިސްލާމްވެވަޑައިގެންފިނަމަ ދަރިފުޅަކީ ގިނިކަންޏާ ހުންނެވި އެހީތެރިޔަކު ނެތް ބޭފުޅެއް ކަމަކަށެއް އިޙުސާސެއް ނުކުރެއްވޭނެއެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން ހައްދަވައި ގެންގުޅުއްވާ އިލާހަށް ބޯލަނބައި ކިޔަމަންވެވިދާނެއެވެ. އެކަލާނގެ ޙަޟުރަތުން މަދަދު އެދެވިދާނެއެވެ. އެކަލާނގެ ޙަޟުރަތަކަށް ޝަރުޠުތަކެއް ހުށައެއް ނޭޅޭނެއެވެ. ދަރިފުޅު އެކަލާނގެ ޙަޟުރަތުން އެހީތެރިވަންތަކަމާއި ވާގި ލިބިވަޑައިގަތުން ބޭނުންފުޅު ކަމުގައިވާނަމަ ދުނިޔޭގެ މުސީބަތްތަކުން ރައްކާތެރިކޮށްދެއްވުން އެދިވަޑައިގެން ދުޢާކުރައްވާނެގޮތް ماه بانو ދަރިފުޅަށް ދަސްކޮށްދެއްވާނެއެވެ. މުސީބާތްތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ އެންމެބޮޑު ވާގިވެރިޔަކީ އަދި މަދަދުގާރަކީ އެކަލާނގެއެވެ. ދަރިފުޅު އިށީނދެވަޑައިގަންނަވާށެވެ. އަޅުގަނޑު ހަމަޖެހިލައިގެން ދަރިފުޅާ ވާހަކަ ދައްކައިލަން ބޭނުމެވެ."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު