އެސްޓީއޯގެ ހިއްސާއަކަށް 58 ރުފިޔާ ބެހުމަށް ފާސްކުރަން، އާއްމު ޖަލްސާއަށް ހުށަހެޅުމަށް ފާސްކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ އެގޮތަށް އާއްމު ޖަލްސާއަށް ހުށަހަޅަން ފާސްކުރީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަމަށެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 30 ގައި ބޭއްވުމަށް ހަމަޖައްސާފައިވަނީ، މައިކްރޮސޮފްޓް ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށް ކަމަށެވެ.

އެ ޖަލްސާގައި ބައިވެރިވުމަށް، ނުވަތަ ޕްރޮކްސީ ހުށަހެޅުމަށް މިމަހުގެ 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00އަށް ހުޅުވާލާފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެފައި ވެއެވެ. ރަޖިސްޓްރީކުރަން ޖެހެނީ، އެ ކުންފުނީގެ ވެބްސައިޓްގައިވާ އޭޖީއެމްގެ ވެބްޕޭޖް މެދުވެރިކޮށް ކަމަށްވެސް ބުުނެފައި ވެއެވެ

އާއްމު ޖަލްސާގެ އެޖެންޑާގެ އިތުރުން އެ ޖަލްސާއާ ގުޅުން ހުރި އެހެނިހެން މައުލޫމާތު ވެސް އެ ވެބް ޕޭޖުން ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.

އެސްޓީއޯގެ އަހަރީ ރިޕޯޓްގައިވާ ގޮތުން، ހުސްވި 2019 ވަނަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ވެސް މާލީ ގޮތުން އެންމެ ރަނގަޅު އެއް އަހަރެވެ.

ރިޕޯޓްގައިވާ ގޮތުން 2019 ވަނަ އަހަރު އެ ކުންފުނީގެ ޖުމްލަ ފައިދާ އޭގެ ކުރީ އަހަރާ އަޅައި ބަލާއިރު 13 އިންސައްތަ އިތުރު ވެ، ހިންގުމުގެ ފައިދާވަނީ 80 އިންސައްތަ އިތުރު ވެފައެވެ. މުޅި އަހަރުގެ އެސްޓީއޯ ގްރޫޕު ފައިދާގެ ގޮތުގައި 383 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށްވެސް ކޮމެޓީ ރިޕޯޓްގައި ވެއެވެ.