ޑީއެޗް 18ގައި އެޑްމިޓްކޮށްފައި ތިބި ދެ ބަލި މީހުންނާ ބެހޭގޮތުން "ދިވެހި ޗެނަލް" އިން ފެތުރީ ދޮގު ހަބަރެއް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ދިވެހި ޗެނަލްއިން ރޭ ގެނެސްދިން ހަބަރެއްގައި ބުނީ، އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ސަލީމްގެ އާއިލީ ދެ ބޭފުޅުން ދަރުމަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ޑޭ ކެއާ އުސޫލުން މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ފަރުވާދެމުން އަންނަ ކަމަށެވެ.

"އައިޖީއެމްޗުގެ ސީއީއޯ އިބްރާހިމް ސަލީމް (ބަންދު ސަލީމް)ގެ އާއިލީ ދެ ބޭފުޅުން ކަމުގައިވާ އުމުރުން 88 އަހަރުގެ ފިރިހެން ބޭފުޅަކާއި އުމުރުން 86 އަހަރުގެ އަންހެން ބޭފުޅަކު އެތެރެ ހަށީގެ ޑޮކްޓަރު މޫސާ މުރާދުގެ ބެލުމުގެ ދަށުން އެޑްމިޓްކޮށްގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 18 ވަނަ ފަންގިފިލާގައި މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޑޭ ކެއާ އުސޫލުން ދަނީ ފަރުވާ ދެމުން. މިއީ ކޮވިޑް 19އާ އެއްވެސް ގުޅުމެއް ނެތް ދެ ބަލި މީހުން،" ދިވެހި ޗެނަލްގެ ހަބަރުގައި ބުނެފައިވެއެވެ.

އެ ހަބަރުގައި ބުނީ، ޑީއެޗް 18ގައި ފަރުވާދެމުން އަންނަނީ އެ ދެބަލި މީހުންނަށް އެކަނި ކަމަށެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދެ ބަލިމީހުންނާ މެދު ދިވެހި ޗެނަލްއިން ރޭގެ ވަގުތެއްގައި ގެސްދީފައިވާ ހަބަރަކީ ކަމުގެ ހަގީގަތް އޮޅުވާލައި ކަނޑައެޅިގެން ދޮގު މައުލޫމާތު ހިމެނޭ ގޮތަށް ފަތުރަމުންދާ ހަބަރެއް ކަމުގައެވެ.

އައިޖީއެމްއެޗުގެ ބަޔާނުގައި ބުނީ، އެ ދެ ބަލިމީހުންނަކީ 1 މެއި 2020 ގައި ކޮވިޑް 19ގެ އޭރުގެ ހާލަތާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަކީ ކޮވިޑަށް ހާއްސަ ހޮސްޕިޓަލެއްގެ ގޮތުގައި ހަމަޖެއްސުމުން އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ރަޖިސްޓަރީކޮށް އެނދުމަތިކޮށްގެން ފަރުވާދެމުން އަންނަ ދެ ބަލި މީހުން ކަމަށެވެ.

"އަދި މި ޕޭޝަންޓުންނަކީ އާސަންދައިން ކަވާ ނުކުރާ ޕްރައިވެޓް ރޫމް ޗާޖު ފަދަ ހަރަދުތައްވެސް ކަނޑައެޅިފައިވާ ގަވައިދާ އެއްގޮތަށް ބަރާބަރަށް ދައްކަމުން އަންނަ ދެ ފަރާތްތަކަށްވެސް ފާހަގަކުރަމެވެ..،" އައިޖީއެމްއެޗުގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ، އެ ދެ ބަލިމީހުންނާއި އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް ސަލީމާއި އާއިލީ އެއްވެސް ތިމާގެ ކަމެއް ނެތް ކަމަށެވެ.

އައިޖީއެމްއެޗުން ވަނީ، ހޮސްޕިޓަލުގެ އިސްވެރިންނާއި ޑޮކްޓަރުންނާއި ބަލި މީހުން ބަދުނާމުވާ ގޮތަށް ދިވެހި ޗެނަލްއިން ގެނެސްދިން ހަބަރު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

އެތެރެހަށީގެ ޑޮކްޓަރު މޫސާ މުރާދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ޗެނަލްއިން ހަބަރު ގެނެސްދީފައިވަނީ އެކަށީގެންވާ މައުލޫމާތު ނުހޯދާ ކަމަށާއި ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ އަބަދުވެސް މަސައްކަތްކުރަނީ ފަރުވާއަށް ގެންނަ ކޮންމެ ބަލި މީހަކަށް އެންމެ ރަނގަޅަށް ފަރުވާ ދިނުމަށް ކަމަށެވެ.