އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ ވަކި ބާވަތްތައް ރާއްޖޭގައި ބޭނުންކުރުން މަދުކުރުމާއި ހުއްޓާލުމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެކުލަވާލާފައިވާ ސިންގަލް ޔޫސް ޕްލާސްޓިކު މަދުކުރުމާގުޅޭ ޕްލޭންގެ ދަށުން، ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕްލާސްޓިކުގެ ބޮޑުބައެއް ރީސައިކަލްކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފި އެވެ.
ސިންގަލް ޔޫސް ޕްލާސްޓިކް މަދުކުރުމާގުޅޭ ޕްލޭނަށް އާންމުންގެ ހިޔާލު ހޯދުމަށް ރޭ ކުރިއަށްދިޔަ ވެބިނާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ކޮންސަލްޓަންޓް ހައްވާ ނަޝްފާ ވިދާޅުވީ، އެ ފްލޭންގެ ދަށުން، ރާއްޖޭގައި ރީސައިކްލީން ފެސިލިޓީއެއް ގާއިމު ކުރެވިގެން ދާނެ ކަމަށެވެ. އެ ފެސިލިޓީގައި ރާއްޖެއަށް އިމްޕޯޓް ކުރެވޭ ޕްލާސްޓިކުގެ ބޮޑުބައެއް ރީސައިކަލްކުރުމަށްފަހު ރޯ މެޓީރިއަލްސްގެ ގޮތުގައި އެކްސްޕޯޓް ކުރެވޭނެ ނިޒާމެއް 2023 ގެ ކުރިން ގާއިމްކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ފެސިލިޓީ ގާއިމުކުރެވިގެންދާނީ ޕާލޭ މޯލްޑިވްސް އާއި ގުޅިގެންނެވެ. އެ ޕްލޭންގެ ދަށުން ހިންގޭ ހޭލުންތެރިކަމުގެ ޕްރޮގްރާމު ތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް ބާރު އަޅައި މަދަނީ ޖަމިއްޔާތައް ބައިވެރިވުމަށް ހިތްވަރުދޭ ކަމަށް ވިދާޅުވި އެވެ.
ރޭގެ ވެބިނާގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޒިޔާން އަބްދުއްރަހީމް އަދި ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަލާ ބައިވެރިވެވަޑައިގެންނެވި އެވެ. އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ފަރާތުން އެސިސްޓެންޓް އިންޖިނިއަރު އިނާޔާ އަބްދުއްރަހީމުގެ އިތުރުން މި ޕްލޭން އެކުލަވައިލުމަށް ކަނޑައަޅާފައިވާ ކޮމިޓީގެ ފަރާތުން 'ޕްލާސްޓިކް ނޫން ގޮތެއް'ގެ ފައުންޑާ ހުދާ އަހުމަދު އަދި ޕާލޭ މޯލްޑިވްސްގެ ޑައިރެކްޓަރ ޝާހީނާ އަލީ ބައިވެރިވެވަޑައިގެންނެވިއެވެ.
ރޭގެ ސެޝަންގައި ޒޫމް މެދުވެރިކޮށް 50 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު، އެ ވެބިނާ ވަނީ ޓީވީއެމް އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ފޭސްބުކް ލައިވް އިން ބްރޯޑްކާސްޓް ކޮށްފަ އެވެ. އެ ޕްލޭންގައި އެކުލަވާލާފައިވާ ކަންތައްތަކުގެ މައްޗަށް ޒޫމް އަދި ފޭސްބުކް ލައިވް މެދުވެރިކޮށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، އެ ޕްލޭންގެ ފުރަތަމަ ދެލިކޮޕީ މިހާރު އެ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައިވާ ކަމަށާއި އީމެއިލް މެދުވެރިކޮށް ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ. އެ ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފަހު ތާރީހަކީ މިމަހުގެ 30 ވަނަ ދުވަހުގެ 14:00 އެވެ. ޚިޔާލު ހުށަހެޅުއްވުމަށް މެއިލް ކުރައްވާނީ [email protected] އަށެވެ.
ރާއްޖޭގެ ވެއްޓާއި އިގްތިސާދު ހިމާޔަތް ކުރުމުގެ ގޮތުން ސަރުކާރުން އިސްނަގައިގެން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ފޭސްއައުޓް ކުރަން ވަނީ ނިންމައިފަ އެވެ. އެކަން އިއުލާން ކުރެއްވީ މިދިޔަ އަހަރު އދ. ގެ 74 ވަނަ އާންމު ބައްދަލުވުމުގެ ހަވާސާގެ ތެރެއިން ބޭއްވި ކްލައިމެޓް ސަމިޓުގައި ތަގުރީރު ކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ތިމާވެށި
ތިމާވެށި
ތިމާވެށި
ތިމާވެށި