އެމްޓީސީސީން އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީން މި ފުރުސަތު ހުޅުވާލާފައިވަނީ މެރިން އިންޖިނިއަރިން ދާއިރާއިން ކުރިއަށް ދާން ބޭނުންވާ މީހުން ތަމްރީނު ކުރުމަށް ކަމަށް އެ ކުންފުނިން އާންމު ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.

އެގޮތުން މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީން މެރިން މެކޭނިކް ޓްރެއިނީންގެ ގޮތުގައި މަސައްކަތް ކުރާނެ ހަތަރު މީހަކު ހޯދަމުން އަންނަ ކަމަށާއި އެކަމަށް ކުރިމަތި ލުމަށް ހުޅުވާލާފައިވާ ކަމަށް އެކުންފުނިން ބުނެއެވެ. މި ހަތަރު މީހުންވެސް މަސައްކަތް ކުރާނީ ކޮންޓްރެކްޓް އުސޫލުން އެއް އަހަރުގެ މުއްދަތަކަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ ވިލިނގިލި ޓާމިނަލްގެ އާފްޓާ ސޭލްސް ސާވިސް ޔުނިޓުގައި ކަމަށާއި މިކަމަށް އެދި ކުރިމަތިލާ މީހުންގެ ތެރެއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ހޮވޭ ހަތަރު މީހުންވެސް މަސައްކަތް ކުރުމަށް ހަމަޖައްސާފައިވަނީ އާދިއްތައިން ބުރާސްފައްޗަށް 17:00 - 14:00 އަދި ހޮނިހިރު ދުވަހު 17:00 – 09:00 އަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަގާމަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ މީހުންނަށެވެ. އެމީހެއްގެ ކިބައިގައި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ހުރުމުގެ އިތުރުން، އެމީހަކީ މަސައްކަތަށް ޝައުގުވެރިކަން ހުންނަ ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ މީހަކަށް ވުމުގެ އިތުރުން ސިއްހަތު ރަނގަޅު މީހަކަށް ވާން ޖެހޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަގާމަށް މީހުން ހޮވުމުގައި މި ދާއިރާއިން ކިޔަވާ މީހުންނަށް އިސްކަން ދޭނެ ކަމަށް އެމްޓީސީސީގެ އިއުލާނުގައި ވެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަގާމަށް ހުށަހަޅާ މީހުންގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ މީހުންނާ އިންޓަވިއު ކުރުމަށް ހަމަޖައްސާފައިވަނީ މިމަހު 25 އާއި 27 އާއި ދެމެދެވެ. މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މެރިން މެކޭނިކް ޓްރެއިނީއެއްގޮތުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ހުރި މީހުން އަންނަ ހަފްތާގެ ހޯމަ ދުވަހުގެ 15:00ގެ ކުރިން މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެމްޓީސީސިން ބުނެއެވެ.

އެގޮތުން ޝައުގުވެރިވާ މީހުން ކުންފުނީގެ ވެބްސައިޓް، https://mtcc.mv/careers/ މެދުވެރިކޮށް ލިބިވަޑައިގެންފައިވާ ތައުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށަހެޅުމަށް އެމްޓީސީސީން އެދެއެވެ.