ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރުކަމުގެ މަގާމަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ އެ ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެންއައިސީގެ މެންބަރުކަމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފުރަތަމަ ތިން ދުވަހުގެ ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުންނާއި އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

މިދިޔަ މަހުގެ 12ގައި ވެސް އެންއައިސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވައިލައިފައިވެއެވެ. މީގެ އިތުރުން އެންއައިސީގެ ރައީސް ކަމުގެ މަގާމުން އަހުމަދު ސުލެއިމާނު ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލަފާ އަރުވަން ރައްޔިތުން މަޖިލީހުން މިދިޔަ ޖުލައި މަހު 21ގައި ވަނީ ފާސްކޮށްފައެވެ.

އެންއައިސީއަކީ ކަސްޓްމްސް އާއި ފުލުހުންނާއި ކަރެކްޝަންސްގެ އިތުރުން އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ތަހުގީގު ކުރުމަށާއި އެފަދަ ކަމަކަށް ތުހުމަތުކުރެވި މައްސަލައެއް ހުށަހަޅައިފިނަމަ އެކަން ތަހުގީގު ކުރަން އުފައްދާފައިވާ ކޮމިޝަނެކެވެ.