ކޮވިޑް 19 ބަލިމަޑުކަމާ ގުޅިގެން އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ އދ. އަށް 75 އަހަރު ފުރުމާ ގުޅިގެން "ޔޫއެން 75" ގެ ނަމުގައި ރާއްޖޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައް ފެއްޓެވުމުގެ ގޮތުން މިއަދު ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ހަރަކާތްތައް ރަސްމީކޮށް ފައްޓަވައިދެއްވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި، އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރު ކެތަރިން ހަޒްވެލްއެވެ.
މި ރަސްމިއްޔާތުގައި "ޝޭޕިން އަވާ ފިއުޗާ ޓުގެދާ" ނުވަތަ އެންމެން ގުޅިގެން މުސްތަގުބަލު ބައްޓަން ކުރުމުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ޔޫއެން 75" ގެ ރަސްމީ ވީޑިއޯ ވަނީ ދައްކާލައިފައެވެ. މި ވީޑިއޯގައި އިޖުތިމާއީ، އިގުތިސޯދީ އަދި ތަފާތު ދާއިރާތަކަށް އަލިއަޅުވައިލައްވައި ރައީސްގެ އަނބިކަނބަލުން ހިމެނިވަޑައިގަންނަވާ ގޮތަށް ރާއްޖޭގެ އެކި ފަންނުތަކާއި ފަންތިތަކުގެ ބޭފުޅުން ވަނީ އެ ބޭފުޅުންގެ ހިޔާލާއި ފިކުރު ހާމަކުރައްވައި، ކުރު މެސެޖުތަކެއް ދެއްވައިފައެވެ.
މި ވީޑިއޯގައި ރައީސްގެ އަނބިކަނބަލުން ދެއްވި މެސެޖުގައި ވަނީ ކޯވިޑް ބަލިމަޑުކަމާ ގުޅިގެން އިޖުތިމާއީ ގޮތުންނާއި އިގުތިސޯދީ ގޮތުން ކުރިމަތިވެފައިވާ ހާލަތަށް ނަޒަރު ހިންގާލިޔަސް އަމިއްލަ ބޭނުންތައް ފުއްދާލައިގެން ފަރުޖެހެން ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެހެން މީހުންގެ އެހީތެރިކަން ނުލިބި އެކަނި ދިރިދެމިހުރުމަކީ އުނދަގޫކަމެއް ކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
އަމިއްލަ ފަރުދުންގެ ހެވާއި ލާބަ އާއި މަންފާ ބަރޯސާ ވަނީ މުޅި މުޖުތަމައުގެ ހެވާއި ލާބައާއި މަންފާގެ މައްޗަށް ކަމުގައިވެސް ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ވީޑިއޯއަށްފަހު "ޔޫއެން 75" އާ ގުޅޭ ސާވޭއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސާވޭއަކީ ދުނިޔެއަށް ކުރިމަތިވާ ގޮންޖެހުންތައް ދެނެގަތުމަށާއި އދ. އިން ކުރިއަށް ގެންދިއުމުގައި އިސްކަން ދޭންވީ ކަންކަން ކަނޑައެޅުމަށް ހިޔާލު ހޯދުމުގެ ގޮތުން ކުރިއަށްގެންދިޔަ ސާވޭއެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު