ޚަބަރު

ކޯޕަރޭޓް ރެސިޑެންސް ވީސާ ހޯދަން ޑިޕޮސިޓްކުރާ އަދަދު 250،000 ޑޮލަރަށް ކުޑަކުރަން މަޝްވަރާކޮށްފި

1

ކޯޕަރޭޓް ރެސިޑެންސް ވީސާ ދިނުމުގައި އިތުރު ލުއިތަކެއް ދޭން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މިއަދު މަޝްވަރާކޮށްފިއެވެ.

އިމިގްރޭޝަންގެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހެޅި ބަދަލުތަކުގެ ތެރޭގައި ކޯޕަރޭޓް ރެސިޑެންސް ވީސާ އާއި މީޓިން ވީސާ މާއްދާއެއްގެ ގޮތުގައި ގާނޫނަށް އިތުރު ކުރުމަށާއި ގާނޫނީ ބާރު އިތުރުކޮށް އިންވެސްޓަރުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް މިހާރު ގަވައިދަކުން ދޫކުރާ ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުން ގާނޫނުގެ މާއްދާއެއްގެ ގޮތުގައި ހިމެނުމަށް ހުށަހަޅާފައިވެއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަކަށް 2015 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ ކޯޕަރޭޓް ރެސިޑެންސް ވިސާ މިހާރު ދޭއިރު ބަަލަނީ 50 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖޭގައި ކޮށްފައި ވުމަށާއި އެއް މިލިއަން ޑޮލަރު، ރާއްޖޭގެ ބޭންކެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޑިޕޮސިޓްކޮށްފައިވާ މީހުންނަށް ނުވަތަ މާލީ ސެކިއުރިޓީއެއްގައި އެއް މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ މީހުންނަށެވެ.

އޭގެ އިތުރުން ސަރުކާރުގެ ވުޒާރާއަކުން ހުއްދަކުރާ ރިއަލްއެސްޓޭޓްގައި މަދުވެގެން އެއް މިލިއަން ޑޮލަރަށްވުރެ މަދު ނުވާ އަދަދަކަށް އިންވެސްޓްކޮށްފައިވާ މީހުންނަށް ވެސް އެ ވިސާ ދޫކުރެއެވެ. މީގެ ތެރެއިން ކޮންމެ ޝަރުތެއް ކުރިޔަސް ކޯޕަރޭޓް ވިސާ ލިބެއެވެ. އަދި އެ ވިސާ ދިނުމުގައި އިންވެސްޓަރުންގެ 18 އަހަރު ނުވާ ދަރިންނަށް ވެސް ވިސާ ލިބޭނެއެވެ. އެގޮތުން ޓޫރިޒަމާއި އިކޮނޮމިކް މިނިސްޓްރީން ވަކިވަކިން މި ވިސާ ދޫކުރާއިރު މިހާތަނަށް އިކޮނޮމިކް މިނިސްޓްރީން ވަނީ 27 މީހަކަށް އެ ވިސާ ދީފައެވެ.

އިމިގްރޭޝަންގެ ގާނޫނަށް ގެންނަ ހުށަހެޅި ބަދަލުތަކާ ގުޅިގެން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވަނީ، ކޯޕަރޭޓް ރެސިޑެންޓް ވީސާއަށް އިންވެސްޓް ކުރަންޖެހޭ އަދަދު ކުޑަކުރުމަކީ މިވަގުތު ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަސް ލައްކަ ޑޮލަރުގެ އިންވެސްޓްމަންޓަކަށް އެ ވިސާ ދޫކުރަން ގަބޫލުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް އިމިގްރޭޝަންގެ ބޭފުޅުން ހާޒިރުކޮށްގެން މިއަދު ބޭއްވި ކޮމިޓީގައި ބައްދަލުވުމުގައި މެންބަރުން ވަނީ އިމިގްރޭޝަންގެ ގާނޫނަށް އިތުރުކުރާ މެރިޖް ވިސާ އާއި ސެކަންޑް ހޯމް ވިސާއާ މެދު ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީން ލަފާ ދިނީ މެރިޖް ވިސާ، ރެސިޑެންސް ވިސާގެ ދަށަށް އަދި ސެކަންޑް ހޯމް ވިސާ، ކޯޕަރޭޓް ރެސިޑެންސް ވިސާގެ ތެރެއަށް ގެނައުމަށެވެ.

އޭގެ އިތުރުން ކޮވިޑުގެ މި ހާލަތަށް ބަލައި އެއް މިލިއަން ޑޮލަރު، ރާއްޖޭގެ ބޭންކެއްގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ޑިޕޮސިޓްކޮށްފައިވާ މީހުންނަށް ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުމުގައި ލުއި ގޮތެއް ހަމަޖައްސައިދިނުމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ހުށަހަޅުއްވައިފައެވެ.

އޭނާ ހުށަހެޅުއްވީ ފިކްސްޑް ޑިޕޮސިޓެއްގެ ގޮތުގައި 250،000 ޑޮލަރަށްވުރެ މަދު ނޫން އަދަދެއް ބަހައްޓާނަމަ ފަސް އަހަރު ދުވަހަށް ކޯޕަރޭޓް ރެސިޑެންސް ވިސާ ދިނުމަށެވެ. އެ މަޝްވަރާގެ ތެރެއިން ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު ވަނީ، އެ ވިސާއާ ގުޅިގެން ނުރަނގަޅު ކަންކަން ކުރުން އެކަށީގެންވާތީ އަހަރަކުން އަހަރަކަށް އެ ވިސާ އާ ކުރަންޖެހޭ ގޮތަށް ހިޔާލު ހުށަހަޅުއްވައިފައެވެ.

ނަމަވެސް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަނީ، ފަސް އަހަރު ދުވަހަށް އެ ވިސާ ދޫކުރި ނަމަވެސް ނުރަނގަޅު ކަމެއް ދިމާވެއްޖެނަމަ އިކޮނޮމިކް މިނިސްޓްރީއަށާއި ފޮރިން މިނިސްޓްރީއަށް ފިޔަވަޅު އެޅެން އޮންނާނެ ކަމަށާއި އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އިމިގްރޭޝަން މެދުވެރިކޮށް އޭނާގެ ވިސާ ކެންސަލްކޮށް ފޮނުވައިލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

އީސަގެ އެ ވާހަކައަށް ތާއީދު ކުރައްވައި އަފީފު ވެސް ވިދާޅުވީ، ޑިޕޮސިޓެއްގެ ގޮތުގައި ބަހައްޓާ ފައިސާ އިން އިންވެސްޓް ކުރެވޭއިރު އަހަރަކު އެއް ފަހަރު އާކުރަން ޖެހުމުން އެކަމުގެ ބުރަ ބޮޑުވާނެ ކަމަށެވެ.