ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަނާއެކު މަސައްކަތް ކުރަން ޑީއާރުޕީން ނިންމައިފި އެވެ.
މިކަން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ.
"ވަން" އަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ޑީއާރުޕީގެ އިސް ފަރާތްތަކުން މިއަދު ޕްރޮގްރެސިވް ކޯލިޝަނުގެ އިސް ފަރާތްތަކާއިއެކު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. ސަރުކާރާއި އިދިކޮޅު ޕާޓީތަކުގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ގޮތުން ދެފަރާތުން އެއްބަސްވާ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.
މިފަދައިން މި ބައްދަލުވުމުގައި އެއްބަސްވި ނަމަވެސް މިއީ އަދި ކޯލިޝަނެއް އެކުލަވައިލުން ނޫން ކަމަށް ޖާބިރު ވިދާޅުވިއެވެ. ނަމަވެސް މި ބައްދަލުވުމުގައި ނިންމާފައިވަނީ މަޖިލީހުގެ ތެރެއިންނާއި މަޖިލީހުގެ ބޭރުން ޕްރޮގްރެސިވް ކޯލިޝަނާއި ޑީއާރުޕީ އެއްބަސްވާ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް ކަމަށް ޖާބިރު ވިދާޅުވިއެވެ.
އެގޮތުން ތިން ޕާޓީ އެކުގައި މަސައްކަތް ކުރަން ފެށުމުން މަޖިލީހުގައި އިދިކޮޅުގެ 11 ވަރަކަށް މެންބަރުން ތިބޭނެ ކަމަށާއި، މިވަރުން ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ މި ސަރުކާރު ބައެއް ވަޒީރުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި އިދިކޮޅު މެންބަރުން އެކުގައި ވަޒީރެއްގެ އިތުބާރު ގެއްލިފައިވާ ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދައިފި ނަމަ އެމްޑީޕީގެ މެންބަރުންވެސް އެއާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
މަޖިލީހުގެ އެތެރޭގެ ކަންކަމުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމުގެ މަސައްކަތުގައި ޑީއާރުޕީން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވަނީ ނުހައްގުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތުގެ ކަންކަން ހިނގާފައިވަނީ ރަނގަޅަށް ނޫން ކަމަށާއި، އެމަނިކުފާނު ޖަލުން މިނިވަން ކުރައްވަން ޖެހޭ ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ކުރިއަށް އޮތްތާނގައި ޕްރޮގްރެސިވް ކޯލިޝަނާއި ޑީއާރުޕީ ގުޅިގެން ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެކަމުގައި މަގުމައްޗަށް ނިކުންނަންވެސް ތައްޔާރަށް ހުންނެވިކަން ޖާބިރު ފާހަގަ ކުރެއްވިއެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ