ކޮލަމްބިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ލޯބިވެރިޔާ އަދި ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ، ޗުއްޓީ ހޭދަކުރަން ރާއްޖެ އަތުވެއްޖެއެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި، ޝަކީރާ އާއި ޕީކޭ އަދި އެ ދެމީހުންގެ ދެ ކުދިން ގޮވައިގެން ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސްފައިވަނީ ރޭގެ ވަގުތެއްގައި ޕްރައިވެޓް ޖެޓެއްގައެވެ. އަދި އެމީހުން ޗުއްޓީ ހޭދަކުރަމުން އަންނަނީ ވާލްޑޮފް އެސްޓޯރިއާ އިތާފުށީގައި ކަން ވަނީ އެނގިފައެވެ.

އެމީހުން ރާއްޖޭގައި ހޭދަކުރަނީ ކިތައް ދުވަސް ކަމެއް އަދި ނޭނގެއެވެ. ނަމަވެސް މިއީ ކޮވިޑް 19އާ ގުޅިގެން ބަންދުކުރި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވި ފަހުން އައި ފުރަތަމަ ސެލެބްރިޓީ ޖޯޑެވެ.

މީގެ ކުރިން 2015 ވަނަ އަހަރު ވެސް ޝަކީރާ އާއި ޕީކޭ ރާއްޖެ އައިސްފައިވެއެވެ. މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި އޭރު އެ ދެމީހުން ރާއްޖެ އައީ ސައުދީގެ ޕްރިންސަކު ވެލާ ޕްރައިވެޓް އައިލެންޑުގައި ބޭއްވި ޕްރައިވެޓް ޕާޓީއަކަށެވެ. އެޕާޓީއަށް މަޝްހޫރު ލަވަކިޔުންތެރިޔާ ޖެނިފާ ލޮޕެޒް އާއި ޕިޓްބުލް ވެސް ރާއްޖެ އައި ކަމަށް އޭރު ރިޕޯޓުތައް ބުންޏެވެ.

ޝަކީރާ އާއި ޕީކޭ ޗުއްޓީ ހޭދަކުރަމުން އަންނަ އިތާފުށި ރިސޯޓަކީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮޓާ ބްރޭންޑުތަކުގެ ތެރޭގައި ހިމެނޭ ވޮލްޑޯފް އެސްޓޯރިއާ އިން ރާއްޖޭގައި ހިންގާ ރިސޯޓެކެވެ.

މިިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވި އެ ރިސޯޓު ތަރައްގީ ކޮށްފައިވަނީ މެދުއިރުމަތީގެ މަހުޖަނަކާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) ގުޅިގެންނެވެ.

ފަޅު ހިއްކައިގެން ތިން ރަށް ހިމެނޭ ގޮތަށް ހަދާފައިވާ މި ރިސޯޓަކީ ޖަނާގެ ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރުސީ) ކުންފުނިން ހެދި ރިސޯޓެކެވެ. މި ރިސޯޓުގައި 130 ކޮޓަރި ހުންނަ އިރު، ކޮންމެ ތަނެއްގައި 10 ރެސްޓޯރެންޓާއި ކެފޭ ހުރެއެވެ.