ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިމިއްޖެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ %62 މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫއުގެ ދަށުން ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް މިދިޔަ ބުރާސްފަތި ދުވަހު ފޮނަދުއަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން މި މަޝްރޫއުގެ ދަށުން 3.5 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަން އެމްޓީސީސީން ފާހަގަކުރެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން ފޮނަދޫގައި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފޮނަދޫ މަގުތަކުގައި ސްޕީޑް ބްރޭކަރުލުމާއި، މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އަދި އެ ކުންފުނިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019ގެ ޖޫން 26 ގައެވެ.