ހެލްތު މިނިސްޓްރީ އާއި، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވޭ ހިޔާނާތުގެ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކަށް އަވަހަށް ފިޔަވަޅުއެޅުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ކުއްލި މައްސަލަ ހުށަހަޅުއްވަމުން، އިދިކޮޅު ޕީއެންސީގެ ނާއިބުރައީސް، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ވިދާޅުވީ ކޮވިޑާ ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވުމާއެކު ރާއްޖޭގެ އިގްތިސާދު ދަށަށްގޮސް އުފެދިފައިވާ ބަލިމަޑުކަމާއި ތަދުމަޑުކަމުގެ ތެރޭގައި ރައްޔިތުން ހާލުގައި ޖެހިފައި ވަނިކޮށް ސަރުކާރުގެ ސިއްހަތާބެހޭ ވުޒާރާ އާއި ފަތުރުވެރިކަމާބެހޭ ވުޒާރާއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި މައްސަލައިގައި ރައްޔިތުން ކަންބޮޑުވެފައިވާ ކަމަށެވެ.
ކޮވިޑްގެ ކަންކަން އިންތިޒާމު ކުރުމަށް ބޭނުންވާ ފަންނީ އެހީ އާއި ބަލި މީހުންނަށް ބޭނުންވާ އެހީތެރިކަމާއި ވެންޓިލޭޓަރާއި މާސްކްފަދަ ތަކެތި ހޯދުމުގެ ނަމުގައި ސަރުކާރުގެ ވުޒާރާތަކުން އެތައް މިލިޔަން ރުފިޔާގެ ހިޔާނާތްތައް ހިންގާފައިވާކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އެހެންކަމުން ގާނޫނާ ހިލާފަށް ވުޒާރާތަކުން ހިންގާފައިވާ މާލީ މުއާމަލާތްތަކާއި ރައްޔިތުންގެ މާލިއްޔަތަށް ވެފައިވާ ހިޔާނާތްތައް ބަލައި ކޮރަޕްޝަނަށް މަގުފަހިވާކަންތައްތައް ހުއްޓުވުމަށް ފިޔަވަޅު އަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކަށް ދެވަނަ ފަހަރަށް އެފަދަ ފުރުސަތު ނުލިބޭ ގޮތަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަން ވަނީ ގޮވައިލައްވައިފައެވެ. އަދި އޮޑިޓް ރިޕޯޓުން ފާހަގަކޮށްފައިވާ ހިޔާނަތްތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް ފިޔަވަޅު އެޅުމަށްވެސް އެ މައްސަލައިގައި ޝަރީފް ވަނީ ގޮވާލައްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް