މުނިފޫހިފިލުވުން

އަލީއާ ލޯބީގެ ގުޅުން އޮންނަކަމަށް ބުނެ ވާހަކަ ފަތުރާތީ އެކުވެރިކަމަށް ބުރޫ އަރާ: ޖޭސްމިން

އީމާ މުހައްމަދު ވަހީދު

"ހަތުރޯން ކީ ކިލާޑީ- މޭޑް އިންޑިއާ" ޝޯގެ ބައިވެރިން ކަމަށްވާ ޓެލެވިޒަން އިންޑަސްޓްރީގެ މަޝްހޫރު ބަތަލާ ޖޭސްމިން ބަސިން އަދި އަލީ ގޮނީ އާއި ދެމެދު އޮންނަނީ އެކުވެރިކަމުގެ ގުޅުމަށްވުރެ ގާތް ގުޅުމެއް ކަމަށް އެތައް ބަޔަކު ވަނީ ބުނެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ވަނީ ޖޭސްމިން އަދި އަލީ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށްބުނެ ވާހަކަތަކެއް ފެތުރެން ފަށައިފައެވެ.

ޖޭސްމިން އަދި އަލީ ރައްޓެހިވި ކަމަށް އަަޑުފެތުރުނު ހިސާބުން އެ ދެމީހުންގެ ސަޕޯޓަރުންވެސް އިންތިޒާރު ކުރަމުން ދިޔައީ ޖޭސްމީން ނުވަތަ އަލީގެ ބަހަކަށެވެ. މީގެ ދެ އަހަރު ކުރިންވެސް ވަނީ އެދެމީހުންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމުގެ ވާހަކަތަކެއް ފެތުރިފައެވެ.

ޖޭސްމިން އަދި އަލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދޮގު ކުރަމުން ޖޭސްމިން ބުނީ އަލީ އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. ޖޭސްމިން އާއި އަލީ އާ ދެމެދު ލޯބީގެ ގުޅުމެއް ނެތްކަން ފާހަގަކުރަމުން ޖޭސްމިން ބުނީ ކުރިން މީހުން އެފަދަ ވާހަކަތައް ފެތުރުމުން ހިނި އަންނަ ކަމަށެވެ. އެހެންނަމަވެސް މިހާރު މީހުންގެ އެފަދަ ވާހަކަތަކުގެ ސަބަބުން އަލީ އާއި އޮތް އެކުވެރިކަމަށް ބުރޫ އަރާތީ ވަރަށް ދެރަވާ ކަމަށް ޖޭސްމިން ބުންޏެވެ.

ޖޭސްމިން ބުނީ އޭނާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެގެން އަމިއްލަ ނަމެއް އުފައްދަން ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަންހެނެއް ކަމަށެވެ. އެއްވެސް އިރެއްގައި ވަކި މީހެއްގެ ލޯބިވެރިއެއްގެ ގޮތުގައި އާއްމުންނަށް އޭނާ އެނގެން ބޭނުން ނުވާކަންވެސް ޖޭސްމިން ވަނީ ފާހަގަކޮށްފައެވެ. ޖޭސްމިން ވަނީ އޭނާގެ ހަޔާތުގެ ބައިވެރިޔާގެ ކިބައިގައި ހުންނަން އޭނާ ބޭނުންވާ ސިފަތައް އަލީގެ ގައިގައި ނެތް ކަމަށްވެސް ބުނެފައެވެ.