މިފްކޯއިން ބޭންކްތަކަށް ދައްކަން ޖެހޭ ފައިސާ 2022 ވަނަ އަހަރު އަންނަންވާއިރަށް ދައްކައި ނިމޭނެ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން ފައުޒީ ވިދާޅުވީ، އޭނާ މިފްކޯއާ ހަވާލުވެވަޑައިގެންނެވިއިރު، މިފްކޯގެ ހާލަތު އޮތީ ވަރަށް ގޯސްކޮށް ކަމަށެވެ. އެގޮތުން ބޭންކުތަކުން ނަގާފައިވާ އެތައް ލޯނަކަށް ފައިސާވެސް ނުދައްކައި ހުރިކަން ފާހަގަކުރެއްވިއެވެ.

ނަމަވެސް މިފްކޯއިން މިހާރު އަންނަނީ ބޭންކްތަކަށް ދައްކަން ޖެހޭ ފައިސާ ޝެޑިއުލެއްގެ ތެރެއިން ދައްކަމުން ކަމަށާއި އެގޮތުން ކޮންމެ މަހަކުވެސް 5.5 މިލިއަން ރުފިޔާ ބޭންކްތަކަށް ދައްކާ ކަމަށް ފައުޒީ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ 2022 ވަނަ އަހަރު އަންނަންވާއިރަށް ބޭންކުތަކަށް މިފްކޯއިން ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކައި ނިންމައިލެވޭނެ ކަމަށާއި އޭރުން ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ކުންފުންޏާ ހަވާލުވިއިރު ބައިވަރު ލޯނުތަކެއް ހުރީ ފައިސާވެސް ނުދައްކާ. ބޭންކުތަކުން އަޅުގަނޑުމެންނަށް އޯވާޑްރާފްޓް ފެސިލިޓީއަކަށްވެސް ދެވޭކަށް ނެތް. އެހެންކަމުން އަޅުގަނޑުމެން ޝެޑިއުލެއްގެ ތެރެއިން ޕޭމަންޓުތައް ދައްކަމުން މިދަނީ. އެހެންކަމުން ޖުމުލަކޮށް 5.5 މިލިއަން ރުފިޔާ ކޮންމެ މަހަކުވެސް ބޭންކްތަކަށް އެބަ ދައްކަން. 2022 ވަނަ އަހަރާ ހަމައަށް އަންނައިރު ބޭންކުތަކުގައި ހުރި ހުރިހާ ލޯނަކަށް އަޅުގަނޑުމެން ފައިސާ ދައްކާނަން" ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ފައުޒީ ވިދާޅުވީ މަަސްވެރިންގެ އަތުން މަސް ގަތުމަށް އެކަށީގެންވާ ރިޒާވެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެއާއެކު މަސްވެރިންނަށް ފައިސާ ދޫކުރުމުގައި މިހާރު އަންނަ ލަސްކަމަށް އެކަށީގެންވާ ހައްލެއް ލިބޭނެ ކަމަށެވެ.

ފައުޒީ ވިދާޅުވީ މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދިނުމަށް ކަމަށާއި އެގޮތުން މިހާރު ކުރެވޭ އެންމެ މުހިންމު މަސައްކަތަކީ މަސް ރައްކާކުރެވޭނެ ކެޕޭސިޓީ އިތުރުކުމުގެ މަސައްކަތް ކަމަށެވެ.

މިފްކޯއިން މިހާރު ވަނީ ޖުމުލަ 30 މިލިއަން ޑޮލަރުގެ މަޝްރޫއުތަކަކަށް ތައްޔާރުވެފައެވެ. މިފްކޯގެ މިސްރާބު ހުރީ މި މަޝްރޫއުތައް ނިމޭއިރު ދުވާލަކު 1،000 ޓަނުގެ މަސް ކަލެޓްކޮށް، 800 ޓަނު ފްރީޒް ކުރުމުގެ ގާބިލުކަން ހޯދުމެވެ.