ވިޔަފާރިތަކާއި މުއަައްސަސާތަކުން ކުނި ނަގައި އުކާލައިދޭ ވަގުތުތަކަށް ވެމްކޯއިން ބަދަލު ގެނެސްފިއެވެ.

ވެމްކޯއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ކޮވިޑް 19އާ ގުޅިގެން މާލޭ ސަރަހައްދުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާރު އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް ރިއާޔަތްކުރުމަށްފަހު އެކޯޕަރޭޝަންގެ ވިޔަފާރި މުއައްސަސާތަކުން ކުނި ނަގައި އުކައިލުމުގެ ހިދުމަތް ދޭ ވަގުތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ވަކި ގޮތެއް އަންގަންދެން 21 އޮގަސްޓް 2020 އިން ފެށިގެން ވިޔަފާރި މުއައްސަސާތަކުން ރޭގަނޑު ދަންފަޅީގައި ކުނި ނެގުމުގެ ހިދުމަތް ހަމަޖައްސާފައިވަނީ ރޭގަނޑު 7:00 އިން 9:30 އާ ދެމެދު ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މީގެ ކުރިން އެ ހިދުމަތް ދެމުން އައީ ދުވާލުގެ ވަގުތުގައެވެ.

ވެމްކޯއިން ބުނީ، ރައްކާތެރިކަމާއެކު ކުނި ރަނގަޅަށް ބަންދުކުރުމަށް ފަހު ކުނި ނެގޭނެ އިންތިޒާމު އެ ވަގުތުގައި ހަމަޖައްސުން އެދޭ ކަމަށެވެ. އަދި ރޭގަނޑު 9:30ގެ ފަހުން އެ ކޯޕަރޭޝަނުން ކުނި ނެގުމުގެ މަސައްކަތް ކުރިއަށް ނުގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.